މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިމަހު ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިމަހު ފަށަނީ

މާލެ ސަރަޙައްދުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެ ކަަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ހިންގުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެކެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މާލެ ސަރަޙައްދުގައި ކުރިއަށް ގެންދިޔުމަށް އިޢުލާންކޮށްފައިވާ 7,900 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ހައުސިން މަޝްރޫޢުތައް ކުރިއަށްގެންދާ ފަހަރެވެ. އަދި މިއީ މާލެ ސަރަޙައްދުގައިވެސް އެއްފަހަރާ ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢުކަން އޭނާ ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ފްލެޓްތަކުގެ އިތުރުން ގޯތި ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

"މިއީ މާލެ ސަރަޙައްދުގައި އެއްފަަހަރާ ހިންގާ އެންމެ ބޮޑު މަޝްރޫޢުކަން. ބިން ދޫކުރުމުގެ މަޝްރޫޢުއަކީވެސް އެންމެ ބޮޑު މަޝްރޫޢު. ފްލެޓުގެ އިތުރުން 15,000 ގޯތި ދޫކުރުމަށްވެސް ނިންމާފައިވޭ،" އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވިއެވެ.

މި ސަރުކާރުން މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާއިރު، މިމަހު ފެށޭ މަސައްކަތްތަކަކީ އެ އަމާޒަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ވުޒާރާއިން ދެކެއެވެ.

މިއަދު އޮންލައިން