ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ މާކުރިން ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ލިބޭނެ ކަމުގެ ޔަގީންކަން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ދެއްވައިފިއެވެ. ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިހާރު ހުރިހާ ބެލެނިވެރިންނަށްވެސް ދަރިވަރުންނަށް ޖާގަ ލިބުނު ސްކޫލުތައް އެނގޭނެ ކަމަށެވެ. "މިހާރު ހުރިހާ ބެލެނިވެރިންނަށްވެސް އިނގޭނެ ކޮން ސްކޫލަކުންކަން ދަރިވަރުންނަށް ޖާގަ ލިބުނީ. އެއާއެކު ޔުނިފޯމް ހޯދުމާއި، ފޮތްތަަކާއި، ވައުޗަރުގެ ކަންކަމުގައިވެސް އޮޅުން އަރާނެ ކަންކަމެއް ނޯންނާނެ،" ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރުމުގެ ފުރުޞަތު ތިންވަނަ ފަހަރަށް ހުޅުވާލައި، އެ މަސައްކަތް ކުރަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ މުދައްރިސުން ހަމަކުރުމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް ދިރާސީ އައު އަހަރު ފެށޭއިރު 100 އާއި 150 އާ ދެމެދުގެ އަދަދަކަށް ބިދޭސީ މުދައްރިސުން ގެންނަން ޖެހޭ ކަމަށެވެ. މިކަން ކުރަނީ ބޭރު މުދައްރިސުން ރެކްރޫޓްކުރާ އާބާދީއާ ގުޅިގެން ކަމަށާއި، ކިޔެވުން ފެށުމަށް ބޭނުންވާ އަދަދަށް މުދައްރިސުން ގެނައުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުރީ އަހަރުތަކާ ޚިލާފަށް، ގްރޭޑް 1 އަށް ކުދިން ވެއްދުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މީގެކުރިން މި މަސައްކަތް ސްކޫލު ބަންދުވުމުން ކުރި ނަމަވެސް، މިފަހަރު ދުރާލާ މި މަސައްކަތް ނިންމާލުމަކީ ބެލެނިވެރިންނަށް ލިބުނު ވަރަށް ބޮޑު ލުޔެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތަށް ކަންތައް ކުރުމުން، ދަރިވަރުންނަށް ޖާގަ ލިބުނު ސްކޫލުތައް އެނގި، ޔުނީފޯމާއި ފޮތްތައް ހޯދުމަށް ބެލެނިވެރިންނަށް ފަސޭހަވެގެންދާނެއެވެ.