ރާއްޖޭގައި އޮޕަރޭޓް ކުރާ ހުރިހައި އެއާޕޯޓުތަކެއް ހިންގުމަކީ ދިވެހި ކުންފުނިތަކުން ކުރާނެ ކަމެއް ކަމަށާއި، އެއީ ސަރުކާރުގެ ސާފު ސިޔާސަތެއް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު އަމީން މިހެން ވިދާޅުވެފައި މިވަނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެ އެއާޕޯޓް ހިންގުމަށް އިންޑިއާގެ ސިވިލް އޭވިއޭޝަނުގައި ދިވެހި ސަރުކާރުގެ ފަރާތުން އެދިފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ޚަބަރުތަކާ ގުޅިގެން ވަޒީރު ވަނީ ސަރުކާރުގެ ސިޔާސަތު ވަރަށް ސާފުކޮށް ހާމަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިހާރުވެސް އޮޕަރޭޓް ކުރަމުންދާ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ހުރިހައި އެއާޕޯޓުތަކެއް ހިންގަމުން ދަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެޕްރޫވް ކޮށްފައިވާ ދިވެހި ކުންފުނިތަކުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިކަން އޮންނާނީ އެގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގައި އޮޕަރޭޓް ކުރާ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ހުރިހައި އެއާޕޯޓުތަކެއް ދިވެހި ކުންފުނިތަކުން ހިންގުން ކަމަށް ތަކުރާރު ކުރައްވަމުން ވަޒީރު ވިދާޅުވީ، "ރާއްޖޭގައި އޮޕަރޭޓް ކުރާ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކާއި އަދި ޤައުމަކާއިވެސް ހަވާލު ނުކުރާނެ" ކަމަށެވެ.
ވަޒީރު ވަނީ، އެއާޕޯޓުތައް ހިންގުމުގެ ކަންކަން ބޭރުގެ އެއްވެސް ފަރާތަކާ ހަވާލުނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ މިނިވަންކަމާއި ދިވެހި ކުންފުނިތަކުގެ ދައުރު ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ މުހިންމު ސިޔާސަތެއްކަން ވަޒީރުގެ ވާހަކަފުޅުން ހާމަވެއެވެ.