ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައިފާސްކުރިއިރު، އެ އުޅަނދުން 102 ފުޅި ބަނގުރާ އަދި 218 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އެމްޑީ ޝޭކަރު ހޮސައިން (34އ)، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރަސެލް މިއާ (35އ)، ސްރީލަންކާގެ ދެ ރައްޔިތުން ކަމަށްވާ ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ (27އ) އާއި ތަރަކަ ސަމަން ކުމާރަ ދޭވަ (35އ) އެވެ. މީގެ އިތުރުން މާލެ، ހ. ބިންމަތީއާގެ، މުޙައްމަދު މަނިކު (52އ) ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. އެގޮތުން ޝޭކަރު ހޮސައިން އާއި ރަސެލް މިއާ ފަސްދުވަހަށް، ޕުބުދު އަސެލަ އާއި ތަރަކާ ސަމަން ކުމާރަ ހަތްދުވަހަށް، އަދި މުޙައްމަދު މަނިކު ތިންދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.