ޚިދުމަތްތައް ލުއިފަސޭހަކޮށް ފޯރުކޮށްދެވޭގޮތަށް ޙައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓް ލޯންޗުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޚިދުމަތްތައް ލުއިފަސޭހަކޮށް ފޯރުކޮށްދެވޭގޮތަށް ޙައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓް ލޯންޗުކޮށްފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް އާންމުންނަށް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައި އެ ކޯޕަރޭޝަންގެ އައު ވެބްސައިޓް ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި އައު ވެބްސައިޓަކީ ޒަމާނީ ވަސީލަތްތަކާއެކު، އޮންލައިންކޮށް ގިނަ ޚިދުމަތްތަކެއް ލިބޭނެހެން ފަރުމާކޮށްފައިވާ ސައިޓެކެވެ.

މި ވެބްސައިޓުގައި ހިމެނޭ "ފަހެލި" ޕޯޓަލް މެދުވެރިކޮށް ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން، އޮންލައިންކޮށް ފައިސާ ދެއްކުމާއި، މިހާތަނަށް ފައިސާ ދެއްކިފައިވާ މިންވަރު ބަލައިލުމުގެ އިންތިޒާމުވެސް މި ޕޯޓަލް މެދުވެރިކޮށް ވަނީ ހަމަޖައްސާފައެވެ.

މީގެ ކުރިން ޙައްޖު ކޯޕަރޭޝަނުން ބޭނުންކުރަމުން އައީ mhcl.mv ޑޮމެއިން ނަމަވެސް، އަލަށް ލޯންޗުކުރި ވެބްސައިޓަށް ވަނުމަށް ބޭނުންކުރާނީ hajj.mv އެވެ. މިއީ ބޭނުންކުރާ ފަރާތްތަކަށް ހަނދާން ބަހައްޓަން ފަސޭހަ އަދި ސީދާ ޚިދުމަތާ ގުޅޭ ނަމެކެވެ.

އައު ވެބްސައިޓުން ޙައްޖާއި ޢުމްރާއާ ގުޅޭ މުހިންމު މަޢުލޫމާތުތަކުގެ އިތުރުން، އެކި ޢުމްރާ ޕެކޭޖްތަކާއި އެހެނިހެން ޕެކޭޖްތަކުގެ މަޢުލޫމާތު ލިބެން ހުންނާނެއެވެ. އަދި ކޯޕަރޭޝަނުން ނެރޭ އެންމެ ފަހުގެ އިޢުލާންތަކާއި، ހިންގާ އެކި ހަރަކާތްތަކުގެ ފޮޓޯއާއި އަދާހަމަ މަޢުލޫމާތުވެސް މި ސައިޓުން ފެންނަން ހުންނާނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

މިއަދު އޮންލައިން