އޭނާއަކީ އެންމެ ތަނަވަސް ނޫންނަމަވެސް ތަނަވަސްކަން ލިބިގެން ހުރި މީހެކެވެ. ކައިވެނީގައި ވަނީ އަންހެންދަރިއަކާއި ފިރިހެން ދަރިއަކު ލިބިފައެވެ. އޭނާގެ ޢުމުރުން 60 އަހަރެވެ. އަންހެންދަރިފުޅުގެ ޢުމުރުން 32 އަހަރެވެ. ހުރީ ކިޔަވައިގެންނެވެ. އުޅެނީވެސް ރަނގަޅު ވަޒީފާއެއްގައެވެ.
މައްސަލަ ކުރިމަތިވީ ދަރިފުޅު މީހަކު ދެކެ ލޯބިވެ ކައިވެނިކުރަން ބޭނނުންވި ހިސާބުންނެވެ. ލޯބިވެރިޔާ ގެއަށް ގެންނަން ބުނުމުން ގޮވައިގެން އައުމުންނެވެ. ދަރިފުޅުގެ ލޯބިވެރިޔާ ފެނުމުން އޭނާ ބޭނުންވީ އުދުހިގެންދާށެވެ. ނުވަތަ ބިންގަނޑު ފަޅާލާފައި އަޑިއަށްދާށެވެ! މައްސަލައަކީ ދެކަމުންކުރެ އެއްވެސް ކަމެއް ކުރެވެން ނެތުމެވެ.
އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟ ދަރިފުޅުގެ ލޯބިވެރިޔާއަކީ އޭނާ ސިއްރުން ކައިވެނިކޮށްގެން ގެންގުޅޭ ދެވަނަ އަނބިމީހާއަށް ލިބުނު ދޮށީ ދަރިފުޅެވެ. ބުނާނެއެއްޗެއް ނުއެނގި މަޑުން އިންދައި ހަމަހިމޭންކަން ނަގައިލީ ފިރިހެން ދަރިފުޅެވެ. "ތިއައީ އަހުރެންގެވެސް ބައްޕަ ނޫންތޯ؟" ސުވާލުކުރުމުންނެވެ. ސުވާލަށް ދޭނެ ޖަވާބެއް ނުވިސްނުމުން މަޑު އިންދައި އަނެއްކާވެސް ދަރިފުޅު ބުންޏެވެ. "އެއްވައްތަރު މީހުންވެސް އުޅެއެވެ. ނިކަން ވާހަކަ ދައްކައިބަލާށެވެ! އަޑުން ހަމަގައިމުވެސް ޔަޤީންކުރެވޭނެއެވެ."
ޙަޤީޤަތް ފަޅާއެރީއެވެ. އޭނާގެ ދެއަނބިން ތިބެއެވެ. އެކަމަކު އެކަން ދެއަނބިންކުރެއެކަކަށްވެސް ނުއެނގެއެވެ. ބޮޑު ސިއްރު ބޭޒާރުވިއިރު މިއޮތީ ކަންކަން އެންމެ ގޯސްވެފައެވެ. ދެދަރިން ލޯބިވެގެން އެކުގައި އުޅޭތާ ކިތަންމެ ދުވަހެކެވެ.
ކުށް ދިފާޢުކުރަން ބުންޏެވެ. "ފިރިހެނުންނަށް 2 އަނބިން ހުއްދައެވެ." ޖަވާބު ދިނީ ފިރިހެން ދަރިފުޅެވެ. "އާނއެކެވެ! ހުއްދައެވެ! ސިއްރުން ކައިވެނިކުރަންވެސް ހުއްދައެވެ. އެކަމަކު ދަރިން ލިބުމުންވެސް ސއްރުކުރީމާ މިލުބުނު ދެރަ ފޫބައްދަން ދެއްކޭނީ ކޮން ބަހަނާއެއްހެއްޔެވެ؟ ކޮއްކޮ އެއިނީ ބަލިވެ ކަމަށްވެއްޖެނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ ނަޞީބަކުން އެފަދަ ކަމެއް އަދި ނުހިނގައެވެ. އެކަމަކު މިސުވާލުގެ ޖަވާބު ބައްޕަ ނިކަން ދީބަލާށެވެ!"
ދެދަރިންގެ ހިތް ފަޅައިގެންދިއަފަދައެވެ. ނަތީޖާއަކަށްވީ ދެއަނބިންވެސް ވަރިވުމެވެ. އަދި ދެބަނޑުގެ ދަރިންވެސް ބައްޕައާއި ގުޅުން ބާއްވަން ބޭނުން ނުވުމެވެ. ދުނިޔެއަށް އެކަނިވީއެވެ. މައްސަލަ ކޮންމެވެސް ވަރަކަށް ޙައްލުވެ ދަރިއަކު އަނގައިން ބުނީ ސްޓްރޯކެއް ޖެހި އެނދުމަތިވުމުންނެވެ.
މިއީ ހަމަ މިމާލޭގައި ހިނގާފައިވާ ކަމެކެވެ. މިޙާދިސާ މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިގެނައީ ޤާނޫނުތަކާއި ޤަވާޢިދުތައް ހުރިނަމަވެސް މިހާރުވެސް ސިއްރުން ކައިވެނިކުރާތީއެވެ. މިއީ ވިސްނައިލުން މުހިންމު މައްސަލައަކަށްވާތީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ