ހަނދުމަކޮށްދިނުމެއް!: އެންމެ މާތް ބޭކަލުން ރޯދަ ހިއްޕެވި ދުވަސްތައް-

ކިޔުމަށް ހޭދަވާނީ 1މ 50ސ
ހަނދުމަކޮށްދިނުމެއް!: އެންމެ މާތް ބޭކަލުން ރޯދަ ހިއްޕެވި ދުވަސްތައް-

ޢަލީ އިޙްޞާން ފިރާޤް

 

އެއްފަހަރަކު މީހަކު އިބުނު ޢައްބާސް ރަޟިޔަ ޢަންހުގެ އަރިހަށް އައިސް ރޯދަޔާއި ބެހޭގޮތުން ސުވާލު ދެންނެވިއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ.  

"ކަލޭ ބޭނުން ނަމަ ދާވޫދުގެފާނުގެ ރޯދަ ހިއްޕެވިގޮތް ބުނެދީފާނަމެވެ. އެކަލޭގެފާނު އެއްދުވަހު ރޯދަ ހިއްޕަވައި އަނެއް ދުވަހު ރޯދަ ދޫކޮށް ލައްވައެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވައިފައިވެއެވެ. [އެންމެ ފުރިހަމަ ރޯދަ އަކީ ދާވޫދުގެފާނުގެ ރޯދައެވެ.] އެކަލޭގެފާނު ޒަބޫރު ސާޅިސް އަޑުފުޅުން ކިޔަވައި ވިދާޅުވެއެވެ. އެކަލޭގެފާނު ކޮންމެ ރެއަކު ދެ ރަކްޢަތް ނަމާދެއް ކުރައްވައެވެ. އެ ނަމާދުގައި އެކަލޭގެފާނު ކީރިތި ކުރައްވާ ހައްދަވައެވެ. 

ކަލޭ ބޭނުން ނަމަ ސުލައިމާނުގެފާނު ރޯދަ ހިއްޕެވިފަދައިން ރޯދާ ހިފާށެވެ. އެކަލޭގެފާނު ކޮންމެ މަހެއްގެ ފުރަތަމަ ތިން ދުވަހު ރޯދަ ހިއްޕަވައެވެ. އަދި މަހުގެ ފަހުކޮޅުގައި ތިން ދުވަހު ރޯދައަށް ހުންނަވައެވެ. މަސް ފައްޓަވަނީ ރޯދަ ހިއްޕެވުމުންނެވެ. މަސް ނިންމަވާ ލައްވަނީ ރޯދަ ހިއްޕެވުމަކުންނެވެ. 

ކަލޭ ބޭނުން ނަމަ،ޢީސާގެފާނު ރޯދަ ހިއްޕެވި ގޮތަށް ތިބާ ރޯދަ ހިފާށެވެ. އެކަލޭގެފާނު މުޅި އަހަރު ދުވަހު ރޯދަ ހިއްޕެވިއެވެ. ކަލޭ ބޭނުން ނަމަ، މަރްޔަމުގެފާނު ރޯދަ ހިއްޕެވި ގޮތަށް ރޯދަ ހިފާށެވެ. އެކަމަނާ އެއް ދުވަހު ރޯދަ ހިއްޕަވައި، ދެ ދުވަހު ރޯދަ ދޫކޮށްލައްވައެވެ. ނުވަތަ ކަލޭ ބޭނުން ނަމަ، މާތް ނަބިއްޔާ صلى الله عليه وسلم ރޯދަ ހިއްޕެވި ގޮތަށް ރޯދަ ހިފާށެވެ. އެކަލޭގެފާނު ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިއްޕެވިއެވެ."

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 317-318} 

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުފޮއި 3 ރޯދައިގެ އިތުރުން ހޯމަދުވަހާއި ބުރާސްފަތިދުވަހުވެސް ރޯދަ ހިއްޕެވިއެވެ. ވީމާ ރޯދަ ހިފުމުގައި އޮތީ އޮތީ އެމީހަކަށް ކެރިކުޅަދާނަވީވަރަކުން ހިފުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވަނީ ދާވޫދުގެފާނު ހިއްޕެވި ފަދައިން ރޯދަހިފުންކަމަށްވާއިރު އެއީ ކޮންމެ ދެދުވަހަކުން އެއް ދުވަހު ރޯދަ ހިފުމެވެ.

 

 

މިއަދު އޮންލައިން