ޤިޔާމަތް ދުވަހާއިމެދު ގިނަ ބައަކަށް ބިރުވެތިނުވެވިގެން މިއުޅެނީ ކަންކަން އެނގޭ މިންވަރުކުޑަވުމުންނެވެ. އެހެންކަމުން ތިރީގައިވާ ލިޔުމަކީވެސް ހިތަށް ބިރުވެރިކަން ވައްދައި ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރަން އިތުރަށް ހިތްވަރު ލިބިގެންދާނެ ލިޔުމެކެވެ. އިން ޝާ ﷲ
ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ވާހަކަ އަޑުއަހަން ބޭނުން ނުވާ ބައަކު އުޅޭކަމަށް އަބަދުވެސް ބުނަމެވެ. އެކަމަކު ބުނަންހެއްޔެވެ؟ އެކަންކަން ނުއެނގި ނަރަކައިގެ ޢަޛާބަށް ބިރުވެތިވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި ސުވަރުގެ ލިބެން އޮތީވެސް ނަރަކައަށް ބިރުވެތިވީވަރަކުންނެވެ.
ޤިޔާމަތް ދުވަހަކީ ކަޅު އަނދިރިކަން ގަދަ ދުވަހެކެވެ. ކިރިޔާވެސް އަލިކަމެއް މިލިބެނީ ﷲ ތަޢާލާ އަލިކަން ދެއްވެވި މީހަކަށެވެ. ﷲ ތަޢާލާ އެދުވަހުން މީސްތަކުންނަށް އަލިކަން ދެއްވަވާނީ އެމީހަކު ދުނިޔޭގައި ހުރެ ކުޅަ ހެޔޮ އަމަތަކުގެ މައްޗަށެވެ. އެއްބައި މީހުންނަށް ދެއްވަވާ އަލި ގަދަކަމުން ދުނިޔޭގައި ނަމަ އަނެއް ސިޓީއަށް ފޯރާނެއެވެ. އަނެއް ބައަކަށް ދެއްވަވާނީ އެއަށްވުރެ ކުޑަކޮށެވެ. މިހެން ގޮސް ނިވިދިއްލޭ ކުޑަކުޑަ ކަންޏެއް ފަދައިން އަލިކަން ލިބޭނެ ބައަކުވެސް ތިބޭނެއެވެ.
އަލިކަން ލިބުނު މީހުން ބާރަށް ކުރިއަރައިގެންދާނެއެވެ. ދެން އަލިކަމުގެ ނިޞްބަތުން ސްޕީޑް ދާނީ މަޑުވަމުންނެވެ. މިގޮތަށްދާއިރު ދުނިޔޭގައި އެކުގައި އުޅުނު، އެހެން ނަމަވެސް ޤިޔާމަތް ދުވަހު އެއްވެސް އަލިކަމެއް ނުލިބުނު މީހުން ފަސްފަހަތުން އަންނާނެއެވެ. އެމީހުންގެ އަލިކަމުން ކޮންމެވެސް މިންވަރެއް ލިބޭތީއެވެ.
އެނގޭ ހެއްޔެވެ؟ އެގޮތަކަށް ކުރިއަކަށް ނުދެވޭނެއެވެ! ގޮސްގޮސް ތިއްބައި އަލި ދެއްވެވި މީހުންނާއި ނުދެއްވަވާ މީހުންގެ ދެމެދަށް ބޮޑު ފާރެއް ވެއްޓި ހުރަސްވާނެއެވެ. އެހިސާބުން ދެން ކަންކަން ވެގެންދާނެ ގޮތާއިމެދު ބިރުވެތިވާށެވެ! ޙަޤީޤަތުގައި އެ ފާރުގެ އަލިކަން ނުލިބުނު މީހުންގެ ފަޅިއަކީ އެންމެ ބިރުވެރިކަން ބޮޑު މީހުންގެ ފަޅިއެވެ. އެހެނީ އެހިސާބުން އެނގިގެން އެދަނީ އެމިހާއަށް އެއްވެސް ގޮތަކުން އެއްވެސް މިންވަރެއްގެ ސަލާމަތްކަމެއް ނެތަކަމެވެ.
ވީމާ ބަލަންވީ މިދުނިޔޭގައި ތިބާ އެކުގައި ތިއަ އުޅޭ މީހުންނަކީ ޤިޔާމަތް ދުވަހުގެ އަލިކަން ލިބޭނެ މީހުންތޯއެވެ؟ އެލިކަން ޙޯދަން މިދުނިޔޭގައި ތިބެ އެމީހުން އެއްވެސް މަސައްކަތެއް ކުރޭތޯއެވެ! ތިބާއަށް އެބަ މަސައަކަތެއް ކުރެވޭތޯއެވެ! ޔަޤީންކުރެވޭ ކަމަކީ ޤިޔާމަތް ދުވަހުގެ އަލިކަން ހޯދަން މަސައްކަތް ނުކުރާ ބައަކާއި އެކުގައި އުޅެގެން، އެމީހަކަށް އަލިކަމެއް ލިބުމަކީ ވެސް އެއްވެސް ޙާލެއްގައި ފަސޭހަ ކަމަކަށް ނުވާނެ ކަމެވެ.
ވީމާ ކޮންމެ މީހަކުވެސް އެކުވެރިން ހޯދުމުގައި މިފަދަ ހުރިހާ ކަންކަމަށް ވަރަށް ރަނގަޅަށް ބަލައި ވިސްނަން ވާނެއެވެ. ފާރުގެ ކަޅު އަނދިރި ފަރާތުގައި ތާށިވެދާނެ ކަމަށް ބިރުވެތިވާށެވެ! ތާށިވުމުން އެ ހިސާބުން އެ ނިމުނީއެވެ. ސަލާމަތްވާން ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ!
އަހަރެމެންނަށް މިއަދު ހީނ މަޖާކޮށް އެކުގައި އުޅެވިދާނެއެވެ. ތަޤްވާވެރިކަމަށް ނުބަލައި މަޖާކަމަށް އިސްކަންދީގެން ކަންކަން ކުރެވިދާނެއެވެ. އެންމެ ގާތް އެކުވެރިން އިޚްތިޔާރުކުރުމުގައި ވެސް ތަޤްވާވެރިކަމަށް ނުބަލައި އެމީހެއްގެ ކިބައިން ދުނިޔަވީ އުފާތައް ލިބޭ މިންވަރަށް ބަލައިގެން އެކަން ވެސް ކުރެވިދާނެއެވެ.
މިއަދު އެއް ބައަކު އެންމެ ގާތް އެކުވެރިން ކަމުގައި ބަލަނީ އެންމެ ގިނައިން ހޭނ މީހާއެވެ. އެންމެ ގިނައިން ކޮފީ ދޭ މީހާއެވެ. އެންމެ ގިނައިން ކާން ދޭ މީހާއެވެ. އަދި ޚާއްޞަކޮށް އެކުގައި ޝީޝާ ދެމުމާއި ފާހިޟް ޢަމަލުތައް ކުރުމާއި މަސްތުވާން އެހީތެރިވުމާއި މިނޫންވެސް މިފަދަ ކަންކަން ކުރާ މީހުންނެވެ.
އެއީ އެމީހަކު އަމިއްލައަށް ބޭނުންވާ ގޮތް ނަމަ ކުރެވޭނެ ކަމެއް ނެތެވެ. ނަމަވެސް މި ކުރު ވާހަކަކޮޅުންވެސް ފަހަރެއްގައި ދެވަނަ ވިސްނުމަކަށް ދާހިތްވެ ވިސްނުން ބަދަލުވުމަކީ އުންމީދެވެ!
- ބިލާލް އައްސަދުގެ ދަރުސަކުން