ނިކަން މިމީހާ ފަދަ މީހަކަށްވެބަލަ! އުފަލާ ހިތްހަަމޖެހުން ޔަޤީން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ނިކަން މިމީހާ ފަދަ މީހަކަށްވެބަލަ! އުފަލާ ހިތްހަަމޖެހުން ޔަޤީން! އިން ޝާ ﷲ

އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގަތުމަކީ ކޮންމެ މުސްލިމަކަށްވެސް ޙާޞިލުކުރެވެން އޮތް ކަމެކެވެ. މިބުނަނީ މުސްލިމުންގެ ވާހަކައެވެ. އުފާވެރިކަން ލިބެނީ ހިތަށެވެ. ހިތަށް ހަމަޖެހުން މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ. އެކަން ގިނަ ބައަކަށް ނުވިސްނޭކަން ހާދަދެރައެވެ. 

އިސްލާމްވުމުން އަހުރެންނަށް ލިބުނު އެންމެ ބޮޑު ފައިދާއަކީ ހިތްހަމަޖެހިގެން އުފަލުގައި ހުރެވޭ ކަމެވެ. އަހުރެންނާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން އެނގުމުން އެއްވެސް މީހަކު އަހުރެންނަށް އެއްވެސް ކަމެއްގައި އެހީތެރިނުވެދާނެކަމަކަށް ކަންބޮޑުވާކަށް ނުޖެހެއެވެ. އެއްވެސް މީހަކު ދެކެ ބިރެއް ނުގަނެއެވެ. 

ކުރިން އެންމެ ބޮޑަށް ބިރުގަތީ މަރުދެކެއެވެ. މިހާރަކު ބިރެއް ނުގަނެއެވެ. މަރުވުމުން ވާނީ ﷲ ތަޢާލާގެ ތަނަވަސްރަޙްމަތުގައިކަން ޔަޤީންކުރެވޭތީއެވެ. އަދި އެއީ ދުނިޔޭގައި ޚިޔާލަށްވެސް ނުގެނެވޭނެވަރުގެ މާފުރިހަމަވެގެންވާ ރަޙްމަތެއްކަން އެނގޭތީއެވެ. އިން ޝާ ﷲ

އަހުރެން އިސްލާމްވުމަށްފަހު ފުރަތަމަ ކުރިކަމަކީ ނަމާދުކުރުމެވެ. އިސްލާމްވުމަށްފަހު އަހުރެން ނަމާދެއް ނުއަޅަމެވެ. އެނގިހުރެގެން ފާފައެއް ނުކުރަމެވެ. ކޮންމެ ދުވަހަކުވެސް އަސްތަޣްފާރުކޮށް ފާފަފުއްސަވައި ދެއްވެވުން އެދިގެން ދުޢާކުރަމެވެ. އެހެންވެ ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބެއެވެ. 

ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މިއީ އަލަށް އިސްލާމްވި މީހަކު ބުނެފައިވާ ބަސްކޮޅެކެވެ. ނިކަން ބުނެބަލާށެވެ! އަހުރެމެންނަކީ މުސްލިމް މައިންބަފައިންގެ ދަރިންނެވެ. ބޮޑެތިވެފައި މިވަނީ މުސްލިމުންގެ ގޮތުގައި ތިބެގެންނެވެ. އެހެންކަމާއިއެކުވެސް އަހުރެމެންގެ ތެރެއިން މިފަދައިން ބުނެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ މިބުނަނީ ނަމާދެއް ނުއަޅާ ކަމަށާއި އެނގިހުރެގެން ފާފައެއް ނުކުރާކަމަށް ބުނެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން