ފަހުން ރޭއަޅުކަންކުރަން ފަށަން ހުއްޓާ ސަޖިދަ ނުކުރެވޭ ޙާލަތަށް ދަނީ ކިތަށް މީހުންނަށްކަމާއިމެދު އެންމެ ފަހަރަކުވެސް ނިކަން ވިސްނާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ފަހުން ރޭއަޅުކަންކުރަން ފަށަން ހުއްޓާ ސަޖިދަ ނުކުރެވޭ ޙާލަތަށް ދަނީ ކިތަށް މީހުންނަށްކަމާއިމެދު އެންމެ ފަހަރަކުވެސް ނިކަން ވިސްނާލަބަލަ!

ނަމާދުކޮށް އުޅޭ ގިނަ ބައަކަށްވެސް ރޭއަޅުކަން ނުކުރެވެއެވެ. ރަނގަޅު ޢިބާރާތަކަށްވާނީ މަދު މީހަކަށް ނޫނީ ރޭއަޅުކަން ނުކުރެވޭ ކަމަށް ބުނުމެވެ. މިއީ ވަރަށް ދެރަ ގޮތަކަށް އޮތް ކަމެކެވެ. ދެދުނިޔޭގެ ކުރިއރުމާއި ކާމިޔާބީ ނަގައިލެވޭތީއެވެ.  

އަދިވެސް ގިނަ ބައަކަށް ޚާއްޞަކޮށް މިއަދުގެ ޒުވާނުންނަށް ވިސްނިފައި އޮންނަނީ ރޭއަޅުކަމަކީ ޢުމުރުން ދުވަސްވެ މުސްކުޅިވުމުން ކުރަން އޮތް ކަމެއް ކަމަށެވެ. އެހެން އެކަން ވިސްނެނީވެސް ސަބަބެއް ނެތިއެއް ނޫނެވެ.  

އެންމެ ބޮޑު ސަބަބަކީ ލޮލަށް ފެންނަނީ މާމަ އާއި ކާފަ ރޭއަޅުކަންކުރާތަނެވެ. މަންމަ ޢާއި ބައްޕަ ރޭއަޅުކަން ކުރާތަނެއް ނުފެނެއެވެ. ފެންނަނީ އެދެމީހުން ރޭގަނޑު ހަތަރުދަމު ގަދަ ނިދީގައި ނިދަންތިބޭތަނެވެ. ވީމާ ދަރިންނަށް ކުރިން މިބުނި ފަދައިން ވިސްނުމަކީ ވުން ވަރަށް ގާތް ކަމެކެވެ. 

ލޮބުވެތި ޒުވާނުންނޭވެ! ޒުވާން އުމުރުގައި ރޭއަޅުކަން ނުކުރިނަމަ އެނަގައިލެވެނީ ލިބެން އޮތް ވަރަށް ބޮޑު ނިޢްމަތެކެވެ. އަނބުރައި ނުހޯދިދާނެ ނިޢުމަތެކެވެ. އެހެނީ ކާފަ، މާމަގެ މުސްކުޅި ޢުމުރު ތިބާއާއި ބައްދަލު ނުކޮށްފާނެއެވެ!  

މެދުވެރިވާ ގޮތަކުން ރޭއަޅުކަން ކުރަން ތަކްލީފަކަށްވެސްވެދާނެއެވެ! ސަޖިދަ ނުކުރެވޭ ޙާލަތެއްވެސް މެދުވެރިވެދާނެއެވެ! އަނެއްކަމަކީ ޢުމުރަކީ އެނގޭނެ އެއްޗެއް ނޫނެވެ. މަރުވާނެ ދުވަހެއް ނުއެނގޭނެއެވެ. މުސްކުޅިވަންދެން ދުނިޔޭގައި ހުންނާނެ ކަމުގެ ގަރަންޓީ ދިނީ ކާކުހެއްޔެވެ؟ އެއީ ކާކަށް ދެވޭނެ ގަރަންޓީއެއް ހެއްޔެވެ؟  

ޖަނާޒާތަކަށް ނުދިއަނަމަވެސް މަރުވާން ވަކިޢުމުރެއް ނެތްކަން ކޮންމެ ދުވަހެއްގެ ނޫސްތަކުން އެދަނީ ފެންނަމުންނެވެ. ޢިބްރަތް ޙާޞިލުކުރާށެވެ! މުސްކުޅި ޢުމުރަށް ނުވިސްނާށެވެ. މާދަމާވެސް ދުނިޔޭގައި ހުރެވޭނެކަމުގެ އެއްވެސް ގަރަންޓީއެއް ނެތެއް ނޫންހެއްޔެވެ؟ ވީމާ މަރަށް ތައްޔާރުވެ ހުންނާށެވެ. ރޭއަޅުކަންކުރަން މިރޭވެސް ފަށާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން