އަބަދުވެސް ލަހުން ނަމާދު ކުރަމުންދިއަ ކުއްޖަކަށް ފެނުނު ބިރުވެރި ހުވަފެނެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 56ސ
އަބަދުވެސް ލަހުން ނަމާދު ކުރަމުންދިއަ ކުއްޖަކަށް ފެނުނު ބިރުވެރި ހުވަފެނެއްގެ ވާހަކަ!

ބަންގި ގޮވުމުން ޖަމާޢަތަށް މިސްކިތައް ނުގޮސް ޖެހިގެން އަންނަ ނަމާދާއި ދެނަމާދު އެކުގައި ކުރަން ބޭނުންވާ މީހުން އުޅެއެވެ. އަދި މިނޫން ގޮތްގޮތުންވެސް ނަމާދާއިމެދު ފަރުވާކުރާ މީހުން ފުރަތަމަވެސް ވިސްނައިލާށެވެ. ފިރިހެނުން ޖަމާޢަތުގައި ނަމާދުނުކުރުމުން އެނަގައިލެވެނީ ލިބެން އޮތް 27 ނުވަތަ 25 ގުނައެވެ. 

މިކިޔައިދެނީ އަބަދުވެސް ލަހުން ނަމާދު ކުރަމުންދިއަ ކުއްޖަކަށް ފެނުނު ހުވަފެނެއްގެ ވާހަކައެވެ. އަޑުއަހައި ޢިބްރަތް ޙާޞިލްކުރާށެވެ! 

"އޭނާއަށް އޭނާގެ މާމަ ދިން ނަސޭޙަތުގެ މަތިން ހަނދާންވިއެވެ. 'ދަރިފުޅާއެވެ. ލަހުން ކުރަން ނަމާދު ގަޑި ދޫކޮށް ނުލާށެވެ. އަބަދުވެސް ނަމާދު ކުރަންވާނީ ވަގުތު އޮއްވާ، ގަޑިން ގަޑިއަށެވެ.'

އޭނާގެ މާމަގެ އުމުރުން 70 އަހަރެވެ. އެހެންނަމަވެސް ބަންގީގެ އަޑު ހަމަ އިވުމާއެކު، އޭނާގެ މާމަ ވަގުތުން ނަމާދު ކުރުމަށް ތައްޔާރުވެ އަވަސްވެ ގަނެއެވެ. އޭނާ އޭގެ އިދިކޮޅެވެ. ނަމާދު ވެފައިވަނީ އަބަދުވެސް އޭނާއަށް އެންމެ ފަހުން ކުރެވޭ ކަމަކަށެވެ. ގިނަ ފަހަރަށް އޭނާއަށް އެނަމާދެއް ގާއިމް ކުރެވެނީ ދެން އިންނަ ނަމާދަށް ބަންގި ގޮވަން ވަރަށް ވަގުތު ކައިރިވެފައި ހުއްޓައެވެ. 

މާމަ މަތިން ހަނދާންވުމަށްފަހު ކުއްލިއަކަށް އޭނާ ތެދުވިއެވެ. ޢިޝާ ނަމާދަށް ބަންގި ގޮވަން ބާކީ އޮތީ އެންމެ 15 މިނެޓެވެ. އެހެންކަމުން އަވަސް އަވަހަށް ތެދުވެ ވުޟޫކޮށް، މިސްކިތައް ދިޔައެވެ. އަދި ވަރަށް އަވަހަށް މަޣްރިބު ނަމާދު ކުރުމަށް ފަށާ، ސަޖިދައަށް ތިރިވުމަށްފަހު އެގޮތުގައި އިރުގަނޑެއްވާން ދެން އޭނާ އޮތެވެ. 

އޭނާ އޮތީ މުޅި ދުވަހު ސްކޫލްގައި ހުރުމަށްފަހު ގެއަށްގޮސް ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އެހެން އޮއްވާ ގަދަ އަޑެއް އިވުނެވެ. މީހުންތައް ހަޅޭލަވާ އަޑުވެސް އިވުމުން އޭނާވެސް ތެދުވެ ވެގެން އުޅޭގޮތެއް ބަލާލިއެވެ. އޭނާއަށް ފެނުނީ ބޮޑުވެގެންވާ ޖަމާއަތެކެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ މީހުންނެވެ. އެއްބަޔަކު ގަބުވެފައި ތިބިއިރު އަނެއް ބަޔަކު ތިބީ އެމީހުންގެ ބޮލުގައި އަތް އަޅައިގެން، ކުޑަކަކޫ ޖަހައިގެން އިށީންދެ ދެން ވާން އުޅޭ ގޮތެއްގެ އިންތިޒާރުގައެވެ. އޭނާގެ ވަށައިގެން ވެރިވެފައިވަނީ ހާސްކަމެވެ. ޚުދު އޭނާވެސް ހާސްވެ ބިރުން ދާ ހިއްލަން ފެށިއެވެ. އެންމެންނާއި އޭނާ ހާޒިރުކުރެވިފައި ތިބީ ހިސާބު ބައްލަވަންކަން އެވަގުތު އެކުއްޖާއަށް ވިސްނުނެވެ. 

އޭނާ ދެކޮޅަށް ދެކޮޅަށް ދުވަން ފެށިއެވެ. އޭނާގެ ނަން ގޮވައިފިތޯ ފަހަރަކު މީހެއް ގާތު އަހަން ފެށިއެވެ. ނަމަވެސް ކޮންމެ މީހަކުވެސް ހުރީ އެމީހެއްގެ އަމިއްލަ ހާސްކަންމަތީގައި ކަމަށްވުމުން، އެކަކު ވެސް އޭނާއަކަށް ޖަވާބެއް ނުދިނެވެ. 

އެހެން ހުއްޓާ އޭނާއަށް އިވުނީ އޭނާގެ ނަން ގޮވި އަޑެވެ. ވަގުތުން އޭނާ އެޖަމާއަތުގެ އެންމެ ކުރިއަށްދާން މަގެއް ހަދައި، އެންމެންގަނޑު ދެފަރާތަށް ޖެހުނެވެ. ދެ މަލާއިކަތް ބޭކަލުން އޭނާގެ ދެއަތުގައި ހިފާ ކުރިއަށް ގެނެސް ބެހެއްޓުމަށްފަހު އެތަނުން ވަޑައިގެންނެވިއެވެ. އޭނާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. އެވަގުތު އޭނާ މިދުނިޔޭގައި އުޅުނު ހުރިހާ ގޮތެއް، ފިލްމެއް ފަދައިން އޭނާގެ ކުރިމަތީގައި ދެއްކެވެމުން ދިޔައެވެ. 

އޭނާ ދެ ލޯ މެރުމަށްފަހު ހުޅުވާލިއެވެ. ނަމަވެސް އެވަގުތު އޭނާއަށް ފެންނަމުން ދިޔައީ އޭނާގެ އަމަލުތައް ނޫން މުޅިން އެހެން މަންޒަރު ތަކެކެވެ. އޭނާއަށް ފެނުނީ މީހުން އެކަކު އަނެކަކަށް އެހީތެރިވާ މަންޒަރެވެ. އޭނާއަށް އޭނާގެ ބައްޕަ ވެސް ފެނުނެވެ. އެއްދަރުހަކުން އަނެއް ދަރުހަކަށް ގޮސް، މާތް ﷲ އެންގެވިމަގުން ބައްޕަގެ މުދާ ހޭދަ ކުރަމުންދިޔަ މަންޒަރާއި އޭނާގެ މަންމަ އެގެއަށްދިޔަ މީސްތަކުންނަށް ފުރިހަމައަށް މެހެމާންދާރީ އަދާ ކުރަމުންދިޔަ މަންޒަރުވެސް އޭނާއަށް ފެނުނެވެ. އޭނާ ބުންޏެވެ. 'އަހަރެންވެސް މިއުޅުނީ ހަމަ އެފަދައިންނެވެ. އަހަރެން ވެސް މީހުންނަށް އެހީތެރިވެދިނީމެވެ. މާތް ﷲ އެންގެވި ގޮތްތައް މީސްތަކުންނަށް ކިޔައިވެސް ދިނީމެވެ. ބަރަކާތްތެރި ރަމަޟާންމަހު ހުރިހާ ރޯދައެއް ވެސް ހިފީމެވެ. ނަމާދު ގާއިމް ކުރީމެވެ. އެކަލާނގެ އަޅުތަކުންގެ މައްޗަށް މާތް ﷲ އެންގެވި ހުރިހާ ގޮތްތަކަަކަށް އަހަރެންވެސް ތަބާވީމެވެ.' މިހެން ބުނުމަށްފަހު އޭނާއަށް ރޮވުނެވެ. މާތް ﷲ ދެކެ އޭނާވާ ލޯބި ހަނދުމަވިއެވެ. އަދި އޭނާ ސަލާމަތް ކުރެވޭނީ ވެސް މާތް ﷲ އަށް އެކަނިކަން އެނގި، އޭނާއަށް މިބިން މަތީގައި އެންމެ ފުރިހަމައަށް އުޅެވިފައިނުވާކަން ވެސް އެނގުނެވެ. 

ބިރުން ގޮސް އޭނާ ދާހިއްލާ، ތުރުތުރު އަޅަން ފެށިއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ތިލަފަތަށެވެ. އޭނާއާއިމެދު ހިސާބު ބައްލަވާނިމި، ނަތީޖާ އިއުލާނު ކުރާނެ ވަގުތަކަށް އިންތިޒާރު ކުރަމުންދިޔައެވެ. 

ދެ މަލާއިކަތް ބޭކަލެއްގެ އަތްޕުޅުގައި ފަތްކޮޅެއް އޮތެވެ. އޭނާ އިތުރަށް ބިރުގަންނަން ފެށިއެވެ. ތައްޔާރުވަމުން ދިޔައީ ނަރަކަވަންތަވެރީންގެ ނަންތައް އިއުލާނު ކުރެއްވުމަށެވެ.

ނަރަކަވަންތަވެރީންގެ ލިސްޓުން، އެންމެ ފުރަތަމަ ވެސް އިއުލާނު ކުރެވިގެން ދިޔައީ އޭނާގެ ނަމެވެ. އޭނާ ހާސްވިއެވެ. އޭނާއަށް ޤަބޫލުކުރަން ވެސް ދަތިވެ، ބިރުން އާދޭސް ކުރެވެން ފެށިއެވެ. 'މިއަޅާ ނަކަރަވަންތަވެރިއަކަށް ވާންވީ ކީއްވެތޯއެވެ. މުޅި އުމުރު މިއަޅާވެސް ހޭދަ ކުރީ ނަމާދުކުރުމާ، އަޅުކަން ކުރުމުގައާއި މީހުންނަށް އެހީތެރިވުމުގައެވެ.' 

އެވަގުތު ދެ މަލާއިކަތް ބޭކަލަކު އޭނާގެ އަތުގައި ހިފާ ދަމާފައި ގެންދަން ފެށިއެވެ. ނަރަކައިގެ އަލިފާންގަނޑާއި ދިމާލަށެވެ. އެނާ ރޮއެ އާދޭސް ކުރަމުންދިޔައެވެ. އޭނާ ކޮށްފައިވާ ހުރިހާ ރަނގަޅު ކަންތައްތަކެއް ކިޔައިދެމުން ދިޔައެވެ. އޭނާއަކީ އަބަދުވެސް ނަމާދު ގާއިމު ކުރި މީހެއްކަމަށް ވެސް ބުނެ އާދޭސް ކުރަމުން ދިޔައެވެ. ކީރިތި ޤުރްއާން ވެސް ކިޔެވިކަމަށް ބުންޏެވެ. އޭގެން އެއްވެސް ހެޔޮ ޢަމަލެއްގެ ސަބަބުން ވެސް އޭނާ ނަރަކައިން ސަލާމަތް ނުވާނެތޯ ސުވާލު ކުރަމުން ދިޔައެވެ. ނަމަވެސް ނަރަކައިގެ އަލިފާންގަނޑާއި ދިމާލަށް މަލާއިކަތް ބޭކަލުން ދިޔައީ އޭނާ ދަމަމުންނެވެ. 

ނަރަކައަށް ވައްޓާލުމަށް ކައިރިވިއެވެ. ނަރަކައިގެ އަލިފާންގަނޑުގެ ހޫނުކަމުން އެނާގެ މޫނު ފިހެމުން ދިޔައެވެ. ސަލާމަތްވުމުގެ އެއްވެސް އުއްމީދެއް އޮތްތޯ އޭނާ ފަސް އެނބުރި ބަލާލިއެވެ. ނަމަވެސް އެފަދަ އެއްވެސް އުއްމީދެއް އޭނާއަކަށް ނުފެނުނެވެ. 

އެވަގުތު އެއް މަލާއިކަތް ބޭކަލަކު އޭނާ ނަރަކައިގެ އަލިފާންގަނޑަށް ކޮއްޕާލިއެވެ. އަނދަ އަނދާހުރި އަލިފާނގަޑު ތެރެއަށް އޭނާ ވެއްޓެމުން ދިޔައެވެ. 

އަލިފާންގަނޑުގެ ފަހެއް ނުވަތަ ހަ ފޫޓު ތެރެއަށް ވެއްޓުނު ފަހުން، މީހަކު އޭނާގެ އަތުގައިހިފާ ދަމާފާ  ނެގިއެވެ. އެއަލިފާންގަނޑު ތެރެއިން އޭނާ ސަލާމަތް ކޮށްދިނީ ކާކުތޯ ބަލާލުމުން އޭނާއަށް ފެނުނީ ދިގު ހުދު ތުނބުޅިއެއްލާފަ ހުރި އުމުރުން ދުވަސްވީ މީހެކެވެ. 

އޭނާ ސުވާލުކުރިއެވެ. 'ތިއީ ކާކު ހެއްޔެވެ؟'

އެމީހާ ޖަވާބު ދިނެވެ. 'އަހަންނަކީ ތިބާ ގާއިމްކުރި ނަމާދެވެ.'

'ކީއްވެ ތިހާ ލަހުން ތިއައީ؟' އަނެއްކާވެސް އޭނާ ސުވާލެއް ކުރިއެވެ.

'އެއީ ދުނިޔޭގައި އުޅުންއިރު، ތިބާވެސް ކޮންމެ ފަހަރަކު ވެސް ނަމާދު ގާއިމު ކުރަނީ އެހާ ލަހުން ނޫންހެއްޔެވެ؟ ތިބާ އެކަން ހަނދާން ނެތުނީ ހެއްޔެވެ؟ އަހަރެން ވެސް އެހެންކަމުން ތިބާ ސަލާމަތް ކުރަން އައުން ފަސްކޮށްލީއެވެ.' 

އެވަގުތު އޭނާއަށް   ސަޖިދައިގައި އޮވެ، ހޭލެވުނެވެ. ފެނުނީ ހުވަފެނެއްކަން އޭނާއަށް އެނގުން ނަމަވެސް އެއިރުވެސް އޭނާ ހުރީ ބިރުންގޮސް ދާހިއްލާފައެވެ. އެވަގުތު ޢިޝާ ނަމާދަށް ބަންގި ގޮވިއެވެ. ފެނުނު ހުވަފެނުން އިބުރަތެއް ހާސިލް ކޮށްގެން، އޭގެފަހުން ދެން ވަގުތު ފާއިތު ނުވަނީސް އަބަދުވެސް ނަމާދު ގަޑީގައި ގަވާއިދުން ނަމާދު ކުރަން ނިޔަތްގަނެ، އޭނާ އަލުން ވުޟޫ ކުރަން ދިޔައެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން