ޢަލީ އިޙްޞާން ފިރާޤް
ރިސާލަތު ތަބުލީޣު ކުރެއްވި މުއްދަތު:
ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ޘާބިތުވާގޮތުގައި، نوح عليه السّلام ވަރަށް ގިނަ ދުވަސްތަކެއް ދީނަށް ގޮވައިލެއްވުމުގައި ހޭދަކުރެއްވިއެވެ. އެގޮތުން އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ދީނަށް ގޮވައިލެއްވުމުގައި 950 އަހަރު ހޭދަކުރެއްވިއެވެ. އަލްއަންކަބޫތު ސޫރަތުގެ ސާދަ ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا فَأَخَذَهُمُ الطُّوفَانُ وَهُمْ ظَالِمُونَ ﴿١٤﴾
މާނައީ: [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވައި، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު دين އަށް ގޮވައިލެއްވުމަށް) އެއުރެންގެ ތެރޭގައި ހުންނެވިއެވެ. ފަހެ، އެއުރެން އަނިޔާވެރިންކަމުގައިވާ حال، طوفان (ގެ عذاب) އައިސް އެއުރެންނަށް ޖެހުނެވެ.]
އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުﷲ، އޭނާ ލިޔުއްވި އަލްބިދާޔާ ވައްނިހާޔާގައި ވިދާޅުވެފައިވެއެވެ. نوح عليه السّلام ގެ ޤައުމުގެ މީސްތަކުން އެއްޖީލުގެ މީސްތަކުން އަނެއް ޖީލުގެ މީސްތަކުންނަށް ވަޞިއްޔަތް ކުރަމުން ގެންދިޔައެވެ. ތިޔަބައިމީހުން نوح عليه السّلام އަށް ތަބާނުވާށެވެ. އެކަލޭގެފާނުގެ ބަސްފުޅުތަށް ނާހާށެވެ. އެކަލޭގެފާނަށް ޖަދަލު ކުރުމުގައި ދެމިތިބޭށެވެ. ދެމަފިރިއަކަށް ދަރިއަކު ލިބި އެކުއްޖާއަށް ތަންދޮރު ވަކި ވާވަރުވުމުން، އެދަރިފުޅަށް نوح عليه السّلام އާއި އެ ޤައުމުގެ މީސްތަކުންނާ އޮތް ދެބަސްވުން ބުނެދެއެވެ. އެކަލޭގެފާނަށް އީމާން ނުވުމަށާއި އެކަލޭގެފާނުގެ ބަސްފުޅު ދޮގު ކުރުމަށް ވަޞިއްޔަތްކުރެއެވެ.{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 255}
މިހާ ގިނަދުވަސްތަކެއް ވަންދެން نوح عليه السّلام އެކަލޭގެފާނުގެ ރިސާލަތު މީސްތަކުންނަށް ބަޔާންކޮށްދެއްވުމުގައި ދެމިހުންނެވި ކަމުގައިވިޔަސް، ޤިޔާމަތްދުވަހުން، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން، އެކަލޭގެފާނު މާތްﷲ ގެ ރިސާލަތު އެބައިމީހުންނަށް ފޯރުކޮށް ނުދެއްވާ ކަމަށް ބުނާނެއެވެ. އަބޫސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" يَجِيءُ نُوحٌ وَأُمَّتُهُ فَيَقُولُ اللَّهُ تَعَالَى هَلْ بَلَّغْتَ فَيَقُولُ نَعَمْ، أَىْ رَبِّ. فَيَقُولُ لأُمَّتِهِ هَلْ بَلَّغَكُمْ فَيَقُولُونَ لاَ، مَا جَاءَنَا مِنْ نَبِيٍّ. فَيَقُولُ لِنُوحٍ مَنْ يَشْهَدُ لَكَ فَيَقُولُ مُحَمَّدٌ صلى الله عليه وسلم وَأُمَّتُهُ، فَنَشْهَدُ أَنَّهُ قَدْ بَلَّغَ، ........{ صحيح البخاري، كتاب أحاديث الأنبياء،بَابُ قَوْلِ اللَّهِ عَزَّ وَجَلَّ: {وَلَقَدْ أَرْسَلْنَا نُوحًا إِلَى قَوْمِهِ} / ޙަދީޘް ނަންބަރު 3339}
މާނައީ: ނޫޙުގެފާނާއި އެކަލޭގެފާނުގެ އުއްމަތުގެ މީސްތަކުން ޤިޔާމަތްދުވަހުން އެއްކުރެވޭނެއެވެ. އެހިނދު މާތްﷲ ނޫޙުގެފާނަށް ވަޙީ ކުރައްވާނެތެވެ. ކަލޭގެފާނު އެބައިމީހުންނަށް ރިސާލަތު ފޯރުކޮށްދެއްވިންތޯއެވެ؟ އެކަލޭގެފާނު ދަންނަވާނެއެވެ. އާދެހެވެ. ދެން މާތްﷲ އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ވަޙީ ކުރައްވާނެއެވެ. ނޫޙުގެފާނު ތިޔަބައިމީހުންނަށް ރިސާލަތު ފޯރުކޮށްދެއްވި ހެއްޔެވެ؟ އެބައިމީހުން ދަންނަވާނެތެވެ. ނޫނެކެވެ. ތިމަންމެންގެ ގާތަށް އެއްވެސް ރަސޫލަކު ވަޑައެއްނުގަންނަވައެވެ. ދެން މާތްﷲ ނޫޙުގެފާނަށް އަންގަވާނެތެވެ. ކަލޭގެފާނާ އެއްކޮޅަށް ހެކިވާނީ ކާކުތޯއެވެ؟ އެކަލޭގެފާނު ދަންނަވާނެއެވެ. މުޙައްމަދުގެފާނާއި އެކަލޭގެފާނު އުއްމަތުގެ މީސްތަކުންނެވެ. މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުން ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ރިސާލަތު ފޯރުކޮށްދެއްވި ކަމަށް ހެކިވާނެއެވެ.