4000 ފްލެޓުގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
4000 ފްލެޓުގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ފްލެޓުގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނިންމާލައިފިއެވެ.

އެމްޑަބްލިއުއެސްސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "އަމާން އުދަރެސް" އަދި "އަމާން ހިޔާ" މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ހުރިހާ ޓަވަރެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައި ކަމަށެވެ. މީގެ އިތުރުން މި ޚިދުމަތްތައް ޓެސްޓްކޮށް ކޮމިޝަން ކުރުމުގެ މަރުހަލާތައް ވެސް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ފްލެޓުތަކަށް ބޭނުންވާ ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ވޯޓަރ ބޫސްޓިން ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މި ސިސްޓަމްތަކަކީ ހުރިހާ ފްލެޓަކަށް އެކަށީގެންވާ ޕްރެޝަރެއްގައި ފެން ފޯރުކޮށްދިނުމަށްޓަކައި މުހިންމު ވަސީލަތެކެވެ.

މި މަސައްކަތްތައް ނިމުމާއެކު، އެފްޑީސީގެ 4000 ފްލެޓަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމު މިހާރު ވަނީ ބޭނުންކުރެވޭ ފަދަ ތައްޔާރީ ހާލަތެއްގައެވެ. މިއީ އެ ސަރަހައްދުގައި މީހުން އާބާދުވުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މިއަދު އޮންލައިން