މި އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ "ޓްރެއިނިންގ އޮފް ޓްރެއިނަރސް" (ޓީ.އޯ.ޓީ) ޕްރޮގުރާމު މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) މާލޭ ގައި، މިއަދުން ފެށިގެން، ޖަނަވަރީ 9 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ޓްރެއިނިންގ ޕްރޮގުރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެފައިވެއެވެ. މީގެއިތުރުން މިޓްރެއިނިންގ ޕްރޮގުރާމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ބައިވެރިވެއެވެ.
މި ޓްރެއިނިންގ ޕްރޮގްރާމްގެ މަޤުޞަދަކީ އިންތިޚާބު ކުރިއަށްދާއިރު މާލެއާއި، އަތޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ބެހެއްޓޭ ވޯޓުފޮށިތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ވޯޓުނެގުމާއި ވޯޓުގުނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ކިޔައިދިނުމާއި، އެފަރާތްތައް މިމަސައްކަތަށް ތައްޔާރުކުރުމެވެ.މިގޮތުން ޕްރޮގްރާމުގައި އިންތިޚާބުގެ ކަންކަން އަމަލީގޮތުން ހިންގުމަށް ބޭނުންވާ އިލްމީ އަދި ފަންނީ ތަމްރީނު ދޭނެއެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ ތަމްރީނު ޕްރޮގްރާމްތައް ނިންމުމަށް ފަހު، ތަމްރީނު ލިބޭ ފަރާތްތަކުގެ މަސައްކަތް ވަގުތުން ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ އިންތިޚާބުގެ މަސައްކަތްތަކުގައި 7000 އެއްހައި އޮފިޝަލުން ހަރަކާތްތެރިވާއިރު، އެ ފަރާތްތައް ތަމްރީނުކުރުމަށް އަތޮޅުތެރޭގައި ކުރިއަށް ގެންދާ ތަމްރީނުތައް މިމަހުގެ 11 ވަނަ ދުވަހު ފަށާނެ ކަމަށެވެ. އަދި މާލޭ ސަރަހައްދުގައި ތަމްރީނުތައް މިމަހުގެ 15 ވަނަ ދުވަހު ފެށީިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.