ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ 38 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ 38 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށް ނިންމާލައިފި

މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުގެ ދަށުން، މިހާތަނަށް 38 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށް ނިންމާލައިފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ވިދާޅުވީ، ބާޒާރުމަތީ ސަރަޙައްދުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، އިމާރާތްތައް ހުރި ފަރާތުގެ ކޭބަލް އެޅުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. މި މަޝްރޫޢަކީ ބާޒާރުމަތީގެ ތޮއްޖެހުން ކުޑަކޮށް، އެ ސަރަޙައްދުގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ. ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

މަޝްރޫޢުގެ ތަފްސީލް ހިއްސާކުރައްވަމުން އެމްޓީސީސީން ވިދާޅުވީ، މަގުގެ ދުވާރުހެދުމުގެ މަސައްކަތް މިހާރުވެސް ބާރުސްޕީޑުގައި ކުރިއަށްދާކަމަށެވެ. އެގޮތުން މަސްމާރުކޭޓު ހިމެނޭ ބްލޮކްގެ އިތުރުން ދެވަނަ ބްލޮކްގެ ދުވާރު ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މީގެ އިތުރުން، ސީ ޗެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ޓައި ރޮޑާއި އެންކަރ ބްލޮކްގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި މަޝްރޫޢުގެ ތެރެއިން މަގުގެ 70 މީޓަރުގެ ސަރަހައްދެއްގައި މިހާރު ފެންހޮޅި އަޅާ ނިމިފައިވާކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ.

މާލޭގެ ބާޒާރުމަތީ ސަރަޙައްދަކީ ގިނަ އަދަދެއްގެ މީހުންނާއި އުޅަނދުފަހަރު ހަރަކާތްތެރިވާ ސަރަޙައްދަކަށްވުމުން، މި މަޝްރޫޢު ނިމުމުން އެ ސަރަޙައްދުގެ ދަތުރުފަތުރަށާއި މުދާ އުފުލުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން