ދައުލަތުގެ ރަސްމީ ރިޒާވް އަންނައަހަރު 904 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް އެމްއެމްއޭއިން ލަފާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދައުލަތުގެ ރަސްމީ ރިޒާވް އަންނައަހަރު 904 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް އެމްއެމްއޭއިން ލަފާކޮށްފި

ދައުލަތުގެ ރަސްމީ ރިޒާވް އަންނަ އަހަރު ނިމޭއިރު 904 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފިއެވެ. މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަން ހާމަކޮށްދޭ މުހިންމު ނިޝާނެކެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ނިމޭއިރު ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 849 މިލިޔަން ޑޮލަރުގައެވެ. މިއީ 2024 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 674 މިލިޔަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ރިޒާވް މިހާ ބޮޑަށް ރަނގަޅުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރު އިތުރުވުމާއި، ކަރަންސީ ސްވޮޕް ފެސިލިޓީގެ އެހީތެރިކަން ހިމެނެއެވެ.

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، ރިޒާވް ވަރުގަދަވުމަށް ބޭރު ފައިސާގެ އައު ގަވާއިދުތަކުގެ އިތުރުން، މީރާއަށް ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ބޮޑު ދައުރެއް އަދާކުރިއެވެ. މީގެއިތުރުން، މިއަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ ސުކޫކަށް ބޭނުންވާ ފައިސާ ހޯދުމަށް ރީފައިނޭންސް ކުރުމަށް ނިންމާފައިވާ ނިންމުމުގެ ސަބަބުންވެސް، ކުރު މުއްދަތަކަށް ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އިގްތިސާދީ ކުރިއެރުމަށް ބަލާއިރު، އެމްއެމްއޭއިން ލަފާކުރާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަނީ 5.4 އިންސައްތައިގައި ކުރިއަރާފައެވެ. މި ކުރިއެރުން މައިގަނޑު ގޮތެއްގައި އައީ ޓޫރިޒަމް ދާއިރާއާއި، ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތައް ފުޅާވުމުގެ ސަބަބުންނެވެ.

ކުރިއަށް އޮތް އަހަރަށް ބަލާއިރު، ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ބެލެވެނީ 4.8 އިންސައްތައާއި 5.3 އިންސައްތައާ ދެމެދުގެ މިންވަރަކަށެވެ. މިއީ ދުނިޔޭގެ އިގްތިސާދީ ހާލަތަށް އަންނަ ބަދަލުތަކާއެކުވެސް ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އެޅެމުންދާކަމުގެ ހެއްކެއް ކަމަށް މާލީ މާހިރުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން