ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒުވާނުންނަށް ޚާއްޞަ 'ޔޫތު ހަބު' ތައް ޤާއިމްކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު ވިދާޅުވީ، މީގެ ކުރިން ޒުވާނުން އެއްތަނަކުން ބައްދަލުވެ، އިޖުތިމާއީ ހަރަކާތްތައް ހިންގޭނެ ފަދަ މާހައުލެއް ޤާއިމްކުރެވިފައި ނެތް ކަމަށާއި، އެކަން އޮތީ އެއްފަރާތް ކުރެވިފައި ކަމަށެވެ. ނަމަވެސް ޒުވާނުންނަށް އިތުރު ތަންތަނުގައި ހަރަކާތްތެރިވެ މަސައްކަތް ކޮށްލުމުގެ ޖާގަ ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އެގޮތުން މާލޭގައި މިހާރު ޒުވާނުންގެ ފުރަތަމަ ހަބު ހުޅުވައި، ކޮންމެ ހަފްތާއަކު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ހަބުތައް ޤާއިމު ކުރުމުގެ މަސައްކަތް ބާރުގަބުގައި ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން މިހާރު އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ޔޫތު ހަބު ޤާއިމު ކުރުމަށްޓަކައި ސޮއިކޮށްފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
"މިކަން ފުޅާކުރުމަށްޓަކައި އެކި ސަރަހައްދުތަކުގައި ޔޫތު ހަބު ޤާއިމްކުރާނަން. އެއީ، އަޅުގަނޑުމެން މިހާރުވާނީ ސޮއިކޮށްފައި. އައްޑޫ ފުވައްމުލަށް، ތިނަދޫ، ކުޅުދުއްފުށީ ސިޓީގައި. އެންމެ ދަށްވެގެން 6 ސަރަޙައްދެއްގައި ޤާއިމްކުރުން،" ވަޒީރު ވިދާޅުވިއެވެ.
ޔޫތު ހަބު ޤާއިމް ކުރުމުގެ މައިގަނޑު މަގުސަދަކީ ޒުވާނުންނާ ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް އިންތިޒާމު ކުރުމެވެ. މީގެ އިތުރުން، ޒުވާނުންނަށް ދުޅަހެޔޮ، ހަށިހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ ފަދަ ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމަކީވެސް މި މަޝްރޫޢުގެ މުހިންމު ބައެއް ކަމަށް ސަރުކާރުން ބުނެއެވެ.