ދިވެހިރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއާއެކު، ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ ވަނީ ދެވަނައަށް ވެއްޓިފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ނިޔަލަށް ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޕީއެންސީގެ ދަފްތަރުގައި މިހާރު 74,048 މެމްބަރުން އެބަތިއްބެވެ. މީގެ ކުރިން އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދަފްތަރުގައި މިހާރު ހިމެނެނީ 43,784 މެމްބަރުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ތިންވަނައަށް އެންމެ މެމްބަރުން ގިނައީ ޖުމްހޫރީ ޕާޓީގައެވެ. އެ ޕާޓީގައި 12,343 މެމްބަރުން ތިބިއިރު، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގައި ތިބީ 9,686 މެމްބަރުންނެވެ. މީގެ އިތުރުން އަދާލަތު ޕާޓީގައި 8,267 މެމްބަރުން އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގައި 5,133 މެމްބަރުން އެބަތިއްބެވެ.
އަލަށް އުފެއްދި ޕީޕަލްސް ނޭޝަނަލް ޕްރަންޓް (ޕީއެންއެފް) ގައި 3,012 މެމްބަރުން ތިބިއިރު، ދަ ޑިމޮކްރެޓްސްގައި ތިބީ 2,952 މެމްބަރުންނެވެ. އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ގައި ތިބީ 1,710 މެމްބަރުންނެވެ.
ރާއްޖޭގައި މިވަގުތު ޖުމްލަ 9 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްގެން ހިންގަމުންދާއިރު، އޭގެ ތެރެއިން ގިނަ ޕާޓީތަކަކީ 10,000 މެމްބަރުން ހަމަނުވާ ޕާޓީތަކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ގާނޫނުތައް ބުނާގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ 10,000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.