ކައިވެނި ރޫޅުމާ އެންމެ ގާތް އެކުވެރިން ވަކިވުން ފަދަ ކަންކަން ކުރިމަތިވަނީ ﷲ ތިބާއަށް ރުހިވޮޑިނުގަންނަވާތީއެއް ނޫން! ބޮޑު ރަޙްމަތަކަށްވެސް އެކަންކަން މެދުވެރިކުރައްވަވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ކައިވެނި ރޫޅުމާ އެންމެ ގާތް އެކުވެރިން ވަކިވުން ފަދަ ކަންކަން ކުރިމަތިވަނީ ﷲ ތިބާއަށް ރުހިވޮޑިނުގަންނަވާތީއެއް ނޫން! ބޮޑު ރަޙްމަތަކަށްވެސް އެކަންކަން މެދުވެރިކުރައްވަވާ!

ކަމެއް ދިމާވާއިރަށް ނުވަތަ ދެރަކެއް ކުރިމަތިވާއިރަށް އެއީ އެމީހަކަށް ނުވަތަ ތިމާއަށް ﷲ ތަޢާލާ ރުހިވޮޑުިނުގަންނަވާތީ މިންވަރުކުރެއްވެވި ކަމެއްކަމަށް ވިސްނޭކަން އެއީ ވަރަށް ދެރަކޮށް ކުރެވޭކަމެކެވެ. އެކަންކަން އެގޮތަށް ވިސްނުވައިދެނީ ޝައިޠޯނާއެވެ. ވީމާ އަޑުއަހާށެވެ! 

ތިބާ ކުރި ކުށަކާއިނުލާ އެކުވެރިއަކު ތިބާ އާއި ވަކިވިނަމަވެސް ކައިވެނި ރޫޅި ދެމީހުން ދެތަންވިޔަސް އަދި އެފަދަ މީހަކު ދުނިޔެ ދޫކުރިނަމަވެސް ފުރަތަމަ ކަމަކަށްވެސް އެކަން އެގޮތަށް މިންވަރުކުރެއްވެވީ ތިބާއަށް ހުރިހާ ނިޢުމަތްތަކެއް މިންވަރުކުރައްވަވާ ﷲ ތަޢާލާކަމާއިމެދު ވިސްނައިލާށެވެ. އަދި ތިމާއަށް ރަހްމަތަކަށްޓަކައި މެނުވީ އެކަން މިންވަރުނުކުރައްވަވާނެކަން ޔަޤީންކުރާށެވެ. 

ޔަޤީންކުރާށެވެ! އެގޮތަށް އެކަންކަން މިންވަރުކުރައްވަވާނީ އެމީހަކާއިއެކުގައި ތިބާ އެކުވެރިއެއްގެ ޙައިޞިއްޔަތުންވެސް ނުވަތަ ބައިވެރިޔާގެ ޙައިޞިއްޔަތުން ނަމަވެސް އިތުރަށް ކުރިއަށްދާނަމަ ތިމާއަށް ލިބެންހުރި ބޮޑެތި ގެއްލުންތަކަކުން ސަލާމަތް ކުރެއްވެވުމަށެވެ. ތިމާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީ އެކަންކަމުން ތިމާ ސަލާމަތްކުރެއްވެވީއެވެ. އެމީހާއަށް ތިބާ އާއިއެކު އިތުރަށް ކުރިއަށް ނުދެވޭނެ ގޮތް މިންވަރުކުރެއްވެވީއެވެ. 

މާޔޫސްވުމުގެ ބަދަލުގައި އެކަން ޔަޤީންކުރުމާއިއެކު ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށް މަސައްކަތްކުރާށެވެ! އަޅުކަންކުރުން ގިނަކުރާށެވެ! ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެން ދުޢާކުރުން ގިނަކުރާށެވެ! އެމީހަކަށް މާއުފާވެރި ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ. 

ބައެއްފަހަރު އެންމެ ގާތް އެކުވެރިންކަމުގައި ބަލައިގެން ތިބެވޭ މީހުންނަކީ ޣައްދާރުން ކަމުގައިވެސް ވެގެންދެއެވެ. އެމީހާގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައި ހުރީ މަދަކުން ނޫނެވެ. އެކަން ކުރިމަތިވާނެ ވަޤުތު އަހުރެމެންނަށް ނުއެނގުނަސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ހަމައެފަދައިން ބައިވެރިޔާގެ ފަރާތުން އެފަދަ ގޮތްތައް މެދުވެރިވެދާނެކަމާއި އެކަންކަން ކުރިމަތިވާނެ ވަޤުތުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. 

އަހުރެން މިބުނި ފަދައިން ކަންކަން މެދުވެރިވެފައިވަނީ މަދުބައަކަށް ނޫނެވެ. އެފަދަ ގޮތްތައް މެދުވެރިވުމުން އެކަމުގެ ހިތާމައިގައި މުޅި ޢުމުރު ހޭދަކުރަންޖެހިފައިވާ މީހުންވެސް ވަރަށް ގިނައެވެ. ވީމާ ލިބެން އޮތް ބޮޑު ހިތްދަތިކަމަކުން ނުވަތަ ކުރިމަތިވާން އޮތް ބޮޑު މުޞީބާތަކުން ސަލާމަތްކުރެއްވެވުމުން އޮތީ ދެރަވެ ހިތާމަ ކުރުމެއް ނޫނެވެ. އަލްޙަމްދުލިﷲ ކިޔައި ޙަމްދުކުރުމެވެ. ޝުކުރުވެރިވެ އުފާކުރުމެވެ.

 

- މަޢްލޫމާތު: ޝައިޚް ވައްހާޖް ޠަރިންގެ ދަރުސަކުން

 

 

މިއަދު އޮންލައިން