މީހަކު ކުރާ އެންމެ އަމަލަކުން އެމީހާގެ އިސްލާމްކަން ޘާބިތެއް ނުކުރެވޭނެއެވެ. އެހެނީ އެމީހަކީ ފުރިހަމަ މުސްލިމެއް ނަމަ ކުރާނީ އެންމެ ހެޔޮ އަމަލެއް ނޫނެވެ. އެންމެ ކުޑަމިނުން ހުރިހާ ފަރުޟުތަކެއް އަދާކުރާނެއެވެ. ހަމަ އެއާއިއެކު އެންމެ މުހިންމު ކަމެއްގެ ގޮތުން އެމީހަކީ އިސްލާމް ދީނަށް ނަޞްރުދީ އިސްލާމް ދީން ކުރިއަރުވަން މަސައްކަތްކުރާ މީހަކަށްވާނެއެވެ. އަދި އެކަންކަން ކުރާނީ ހަމައެކަނި ﷲ ތަޢާލާއަށް ލޯބިންނެވެ. ދެއްކުންތެރިކަމުގެ ގޮތަކުން ނޫނެވެ.
އަޅުގަނޑުމެންގެތެރޭގައި ތިބި މިޢަމަލުކުރާ ބައެއް މީހުން އެ ޢަމަލުކުރަނީ މިކުރެވެނީ ކިހައި ބިރުވެރި ނުރައްކާތެރި ޢަމަލެއްކަން ނުވެސް އެނގިތިބެއެވެ. އެހެންކަމުން މިކަމުގެ ވާހަކަ މިވަނީ ގިނަގިނައިން ދައްކަން ޖެހިފައެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ!
ބައެއް މީހުން ދެއްކުންތެރިކަމުގެ ގޮތުންވެސް ހެޔޮ އަމަލުތައް ކުރެއެވެ. ނަމާދުކޮށް ޞަދަޤާތްދީވެސް ހަދައެވެ. އެއްވެސް ހެޔޮ އަމަލެއް ކުރާއިރު އެކަމުގައި ދެއްކުންތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހިމެނޭ ނަމަ ﷲ ތަޢާލާ އެ ޢަމަލު ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. އަދި އެކަން ވެގެންދާނީ އެމީހަކަށް ޢަޛާބު ލިބިގެންދާނެ އަމަލަކަށްކަން އެނގެން އޮތުމުން މިއީ އެންމެންވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ.
ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ނަމާދަށް ދަމުން ސާފުތާހިރު ފޭރާންލައި ޒީނަތްތެރިވެ ހުވަނދުލުމަކީ ކުރަން އޮތް ކަމެކެވެ. ނަމަވެސް އެކަމުގައި ވެސް ދެއްކުންތެރިކަން ހިތަށް ވައްދައި އެހެންމީހުންނަށްވުރެ މާފުރިހަމައަށް އެކަން ކުރަން އުޅެގެން ނުވާނެއެވެ. ކޮންމެ މީހަކުވެސް އެކަން ކުރަންވާނީ އެހެންމީހުންނަށްވުރެ ރީތި، އަގު ބޮޑު ފޭރާން ތިމާގެ އަތުގައި ހުރިކަން ދެއްކުމަކަށް ނޫނެވެ. އެހެން މީހުންނަށް ނުލިބޭ ވަރުގެ އަގުބޮޑު ހުވަނދު ތިމާގެ އަތުގައި ހުރިކަން ދެއްކުމަކަށް ނޫނެވެ. އެމީހަކު ޢާންމުކޮށް ބޭނުންކޮށް އުޅޭ ފެންވަރަކުންނެވެ.
އެހެން މީހުންނާއި ވާދަކުރުން އޮތީ ތަޤްވާވެރިކަމުގައެވެ. އެންމެ ކުރިން މިސްކިތަށް އަރަން މަސައްކަތްކުރާށެވެ. އެންމެ ގިނަ ވަގުތު މިސްކިތުގައި ހޭދަކޮށް ވީހައި ގިނަ އަޅުކަން ކުރަން މަސައްކަތްކުރާށެވެ. މިކަންކަން ކުރުމުގައިވެސް ދެއްކުންތެރިކަމުގެ ޒއްރެއްގެ މިންވަރުވެސް ހިތުގައި އޮވެގެން ނުވާނެއެވެ.
ދެއްކުންތެރިކަމުގެ ނުބައިކަން ބޮޑުކަން ހުރި މިންވަރު ނިކަން ދެކެބަލާށެވެ. އެހެން މީހުންނަށް ފެންނަ ގޮތަށް ތަސްބީޙަފަތި ބޭނުންކުރުންވެސް ދީނީ ޢިލްމުވެރިން މަނާކުރައްވަވާ އެއް ސަބަބަކީ އެކަމުގެ ސަބަބުން ވެސް ދެއްކުންތެރިކަމުގެ މިންވަރެއް ވެސް ފައުޅުވެދާނެ ކަމަށްޓަކައެވެ. ބައެއް ދީނީ ޢިލްމުވެރިން ސުންނަތް ރޯދަ ހިއްޕަވާ ދުވަސްތަކުގައި ހުންނެވީ ރޯދައަށްކަން މީސްތަކުންނަށް އެނގިދާނެ ކަމަށްޓަކައި މިސްކިތުގައި އިންނަވާފައި ރޯދަވީއްލަވަންވުމުން މިސްކިތުން ފައިބައި ވަޑައިގެން ސިއްރުން ރޯދަ ވީއްލަވައެވެ.
މީސްތަކުންނޭވެ! ދެއްކުންތެރިކަމާއި މުޅިން ދުރުހެލިވާން ޖެހޭނެއެވެ. އިތުރު މިސާލަކަށް ބަލާނަމަ ތިބާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތަކީ ސަޖިދައިގައި އޮންނަ ވަގުތެވެ. އެ ސަބަބަށްޓަކައި ބައެއް މީހުން ސަޖިދައިގައި ގިނަ ވަގުތު ހޭދަކުރެއެވެ. ބުނަން ޖެހެނީ އެކަމުގައިވެސް ދެއްކުންތެރިކަމުގެ ޒަރެއްގެ މިންވަރުވެސް ހިމެނިއްޖެ ނަމަ އެ މަތިވެރި އަމަލުވެސް ވެގެންދާނީ ތިބާއަށް ގެއްލުންހުރި އަމަލަކަށެވެ. ފާފަވެރިވާނެ އަމަލަކަށެވެ.
ކަން މިފަދައިން ހުރި ނަމަވެސް އެހެން މީހަކު ހީކޮށްފާނެ ކަމަކަށް ބަލައި ހެޔޮ އަމަލުތައް ކުރަން ފަސް ނުޖެހޭށެވެ! ﷲ ތައާލާ ތިބާގެ ހިތުގައިވާ މަޤްޞަދު އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ އިޚްލާޞްތެރިކަމާއިއެކު ކަންކަން ކުރަމުން ގެންދަންވީއެވެ. ސަޖިދައިގައި ގަޑިއެއްގެ އިރުވެސް އިޚްލާޞްތެރިކަމާއިއެކު އޮންނަންވީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން