ދިރިއުޅުމުގެ އިތުރުން އާޚިރަތް ލިބިގަނެވޭނީވެސް ތިމާ ކޮންމެހެން ވިސްނަން ނުޖެހޭ ކަންކަމަށް ވިސްނުން ހުއްޓާލައި ކުރަންޖެހޭ ކަންކަން ކުރަން އަވަސވެގަނެގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ދިރިއުޅުމުގެ އިތުރުން އާޚިރަތް ލިބިގަނެވޭނީވެސް ތިމާ ކޮންމެހެން ވިސްނަން ނުޖެހޭ ކަންކަމަށް ވިސްނުން ހުއްޓާލައި ކުރަންޖެހޭ ކަންކަން ކުރަން އަވަސވެގަނެގެން!

ދިރިއުޅުމުގައި ކުރިއަށް ދެވި ކާމިޔާބު ހޯދެނީ ކުރިއަށްދާން ކުރަންޖެހޭ ކަންކަން ކުރަން އަވަސްވެގަންނަ މީހުންނަށެވެ. ފުރަތަމަ ކަމަކަށް އޮތީ ކުރެވެން މިއުޅެނީ ތިމާއަށް ފައިދާހުރި ކަމެއްކަން ޔަޤީންކުރުމެވެ. އެކަން ޔަޤީންވުމުން އޮތީ އެކަމަކާއިގެން ބާރަށް ކުރިއަށް ދިއުމެވެ. އެއީ ޒަވާޖީ ޙަޔާތެއް ފެށުމަށް ކަމަށްވީނަމަވެސް އަދި ކައިވެނި ރޫޅާލުން ކަމަށްވީނަމަވެސްމެއެވެ. އަދި ދިރިއުޅެން ކުރާ މަސައްކަތެއްގެ ކަމެއްގައިނަމަވެސްމެއެވެ.  

ބުއްދިވެރިއަކު ބުނެފައިވެއެވެ. "ދިރިއުޅުމުގެ ޙަޔާތުގައި އުފުލަންޖެހޭ އެންމެ ބޮޑު ބުރައަކަށްވަނީ ދަގަނޑާއި އެނޫންވެސް ބަރު ތަކެއްޗެއް ނޫނެވެ. އެމީހަކު އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަސްޖެހި އެކަންކަމަށް ވިސްނަން ހުންނަ ހުރުމެވެ."  

އަދިވެސް އޭނާ ބުނެފައިވެއެވެ. "ދިރިއުޅުމުގައި އެންމެ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވަނީ  ޙާލަތު ނިޔާކުރާ ގޮތުން އެވަޤުތަކު ކުރަން ޖެހޭ ކަމެއް ކުރަން ފަސްޖެހޭތީއެވެ. އެވަޤުތަކު ކުރަންޖެހޭ ކަމެއް ނުކޮށް ލަސްކުރާނަމަ ސިކުނޑިއަށް އަބަދުވެސް ޖެހޭނީ ޓަނެއްގެ ބަރުދަން އުފުލާށެވެ.  

މިހާލަތުގައި މީހާގެ ވިސްނުން ތަޣއްޔަރުވެ ބުއްދި ގޯސްވުންވެސް އޮންނާނީ ދާދިގާތުގައެވެ. ވީމާ ދިރިއުޅުމުގައި ކަންކަން ކުރިމަތިވުމުން އެއީ ކުރަންޖެހޭ ކަމެއްކަން ޔަޤީންކުރުމަށްފަހު އަވަހަށް އެކަމެއް ކުރާށެވެ. މައްސަލަތަކުން ސަލާމަތްވެވި ސިކުނޑިއަށް ލުއިކަން ލިބޭނީ އެއިރުންނެވެ."  

އަހުރެންނަށް ވިސްނޭގޮތުގައި މިއީ ވަރަށް ބުއްދިވެރި ބަސްކޮޅެކެވެ. ދިރިއުޅުމާއިގެން ކުރިއަށް ދެވޭނީ ވެސް ﷲ ތަޢާލާއަށް ކުރަންޖެހޭ އަޅުކަން ކުރެވޭނީވެސް ސިކުނޑި ސަލާމަތުން ބޭއްވިގެންނެވެ. ބޭކާރު ވިސްނުންތަކާއި ކަންބޮޑުވުންތަކުން ސަލާމަތްވެ ހުރެވިގެންނެވެ.   

ކަމެއްގައި ގޮތް ނިންމަން އުނދަގޫވެއްޖެނަމަ އެއީ ކޮންމެ ކަމަކަށްވީނަމަވެސް އިސްތިޚާރާކުރާށެވެ! ހެޔޮ ވިސްނުން ދެއްވެވުން އެދިގެން ދުޢާކުރާށެވެ! އެމީހަކަށް ހެޔޮވިސްނުން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން