މިޙާދިސާގެ ވާހަކަ މިގެނެސްދެނީ ދޮގުހެދުމާއި އަދި ބިރެއް ޖެހިލުމެއް ނެތި ދޮގުހުވާކުރުން އިތުރުވަމުންދާލެއް ބޮޑުކަމުންނެވެ. ތިމާއަށް ކޯފާއެއް ވަޤުތުން ނުލައްވަވާނަމަ ކޯފާ ނުލައްވަވާނެ ކަމަށް ޤަބޫލުކުރާ މީހުން ގިނަކަމުންނެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވެލައްވާށެވެ!
މިހާރަކަށް އައިސް ދޮގު ވާހަކަތައް ދައްކަމުން އެއީ ތެދުކަން ބަޔާންކުރަން އެއްވެސް ބިރެއް ނެތި ﷲ ތަޢާލާ ގަންދީ ދޮގުހުވާކުރުން މިވަނީ ބިރެއް ނެތިކުރާ ކަމަކަށް ހަދައިފައެވެ. މިކުރެވެނީ ކިހައި ބޮޑު ފާފައެއް ކަމަށް ވިސްނައިލުމެއްވެސް ނެތި އެފަދަ ބަސްތައް ބުނެލުން މިވަނީ ޢާންމުކަމަކަށްވެފައެވެ.
އެއީ ވަޤުތުން ﷲ ތަޢާލާ ކޯފާ ނުފޮނުއްވަވާތީ ބިރުވެތި ނުވެވެނީކަމަށްވެސް ވެދާނެއެވެ. ވިސްނައިލަން އޮތް ކަމަކީ އިރާދަކުރައްވަވާ އަޅުންނަށް ތަފާތު ކަންކަން ދައްކަވާކަމެވެ. ތިޜީގައި އެވަނީ އެފަދަ ޙާދިސާއެއްގެ ވާހަކައެވެ. އަދި ތައުބާވުމުން ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކައެވެ.
އަޅުގަނޑަކީވެސް އަދި ފިރިމީހާއަކީވެސް ވަޒީފާ އަދާކުރާ ދެމީހުންނެވެ. ޢާންމުކޮށް ގިނަ ބއަކަށް ދިމާވާ ފަދައިން އަޅުގގަނޑުމެން ދެމަފިރިންގެ މެދުގައިވެސް ބޮޑެތި ޝައްކުތަކެއް އުފެދުނެވެ. ފިރިމީހާ އަޅުގަނޑުގެ މައްޗަށް ޝައްކުކުރަން ފެށިއެވެ. އަޅުގަނޑުވެސް ދިއައީ ފިރިމީހާގެ މައްޗަށް ޝައްކުކުރަމުންނެވެ.
އެއްރޭ ނިދަން އުޅެމުން ފިރިމީހާ ބޭނުންވީ ދެމީހުން އެކުގައި ވުޟޫކުރާށެވެ. އަޅުގަނޑު ހީކުރީ ދެމީހުން އެކުގައި ސުންނަތް ނަމާދެއްކޮށް ދުޢާކުރަން އުޅެނީކަމަށެވެ. ނަމަވެސް ވުޟޫކުރުމަށްފަހު ފިރިމީހާ ބޭނުންވީ ދެމީހުން އެކަކު އަނެކަކަށް ޚިޔާނާތްތެރިނުވާކަމަށާއި ވަފާތެރިންކަމަށް ހުވާކުރާށެވެ!
ފިރިމީހާ ޚަތިމް ނަގައިގެން އައިސް ކޮޓަރީގައި ހުރި ސޯފާ ގޮނޑިއެއްގައި އިށީނދެފައި އަޅުގަނޑަށް އިޚްލާޞްތެރިކަމަށާއި ދުވަހަކުވެސް ބޭވަފާތެރިނުވާކަމަށާއި ހިލޭ އެއްވެސް އަންހެނަކާއި އެއްވެސް ގުޅުމެއް ނުބާއްވާކަމަށް ހުވާކުރިއެވެ. އަދި އަޅުގަނޑު ގާތުވެސް އޭނާކުރިފަދައިން ހުވާކުރަން ބުންޏެވެ.
އެވަގުތު އަޅުގަނޑަށް ހަމަ ގޮތް ހުސްވިއެވެ. އަޅުގަނޑާއި ސެކްޝަން ބޮސް އާއި ދެމެދުގައި ގުޅުމެއް އޮވެއެވެ. ހަމައެކަނި ލޯބީގެ ގުޅުމެކެވެ. އެކަކު އަނެކަކު ދެކެ ލޯބިވާކަމެވެ. ޢަމަލީ ގޮތުން އެއްވެސް ގުޅުމެއް ނޯވެއެވެ. ނަމަވެސް އެކަން އެހެން އޮތުމުން އަޅުގަނޑަކީ އިޚްލާޞްތެރިއަކަށް ނުވާނެތީއެވެ. އަދި ހިލޭ ފިރިހެނަކާއި ގުޅުމެއް ނެތް މީހަކަށްވެސް ނުވާނެކަމަށް ޤަބޫލުކުރެވުނީތީއެވެ.
ވަރަށް ބޮޑަށް ވިސްނުމަށްފަހު ވެސް އުޅެވުނީ ހުވާކުރެވޭށެވެ! އެއީ ކައިވެނި ރޫޅެން ބޭނުން ނުވާތީއެވެ. ބޮސްއަކީ މީހެއްގެ ފިރިއަކަށްވުމުން އޭނާ އާއި ކައިވެނިވެސް ނުކުރެވޭނެތީއެވެ. އެހެންވެ އަޅުގަނޑު ޤަޞްދުކުރީ ކައިވެނި ރޫޅުނަ ނުދިނުމަށްޓަކައި ބޭރުފުށުން ހުވާކޮށްފައި ތައުބާވާށެވެ! އަދި އެ ހިސާބުން ބޮސް އާއި އޮންނަ ގުޅުން ކަނޑާލުމަށެވެ. އެއީ ހަމައެކަނި ބުނެވޭ ބަސްތަކަކުން އޮތް ގުޅުމަކަށްވުމުން އޭނާ އާއި ދުރުވުމަކީ އުދަގޫކަމަކަށްވެސް ނުވާނެތީއެވެ. އެއަށްފަހު ފިރިމީހާއަށް އިޚްލާޞްތެރި، ވަފާތެރިއެއްގެ ގޮތުގައި އުޅޭށެވެ.
ދެން މިކިޔައިދެނީ ކަންތައްވީ ގޮތެވެ. ޚަޠިމުގައި އަތްލަން އަތްތިލަ ޖައްސައިލިތަނާ މެދު އިނގިލި އައްސިވެއްޖެއެވެ. އަޅުގަނޑަށް ކުއްލިއަކަށް އަތްދަމައިގަނެވިއްޖެއެވެ. ހީވީ އިނގިލި އަޅުގަނޑު ދޫކޮށްލާފައި އަތްތިލައިން ވަކިވެގެން ދިއައީހެންނެވެ. ރޯން ފެށިއްޖެއެވެ. އެހިސާބުން ޙަޤީޤަތް ފރިމީހާއަށް ކިޔައިދީ މާފަށް އެދުނީމެވެ. އަދި ބުނީމެވެ. ބޭނުންނަމަ އަހަރެންގެ ގައިގާ އޭނާ ނުބީހޭކަމަށާއި އަހަރެން އެފަދަ ނިޔަތެއްގައި އޭނާގެ ގައިގާ ނުބީހޭކަމަށް ހުވާކުރަން މިހާރުވެސް މިހުރީ ތައްޔާރަށެވެ.
ނަމަވެސް ފިރިމީހާ ބުނީ އެއްވެސް ކަމަކަށް ހުވާކުރުވަން ބޭނުން ނޫން ކަމަށެވެ. ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލުކުރީކަމަށެވެ. ނަމަވެސް ދެން ވަޒީފާއަށް ނުދެވޭނެކަމަށާއި ގޭގައި އިންނަން ބޭނުން ނޫންނަމަ ވަރިވުމަށެވެ.
އަޅުގަނޑުގެ ކުށް އަޅުގަނޑު ޤަބޫލުކުރީމެވެ. ގޭގައި އިންނަން ނިންމައި ވަޒީފާ ދޫކޮށްލީއެވެ. އަޅުގަނޑު ދަސްކޮށްގެން ހުރި މަސައްކަތަކީ މާކެޓިންގ ކަމަށްވުމުން ގޭގައި ހުރެ އޮންލައިންކޮށް މަސައްކަތްފެށީމެވެ. ދުވަސްކޮޅެއް ފަހުން ދެމަފިރިންގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީކޮށްގެން މިހާރު ފިރިމީހާ ވެސް ވަޒީފާ ދޫކޮށްލާފައި ދެމަފިރިން އެކުގައި މަސައްކަތްކުރަނީއެވެ. ދެމަފިރިން ވަޒީފާއަދާކުރިއިރު ލިބުނު މުސާރައަސްވުރެ އެތައް ގުނައެއް އިތުރަށް މިހާރުވެސް ލިބެއެވެ. އިރާދަކުރެއްވިއްޔާ އަދިވެސް އިތުރުވާނެއެވެ. އިން ޝާ ﷲ
މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ކިތަންމެ ނިކަމެތި ޙާލެއް ޖެހިދާނެކަމަށް ަޤަބޫލުކުރެވުނު ނަމަވެސް މާތް ﷲ އަށް ތެދުވެރިވާށެވެ. ނަމަނަމަ ދޮގުހުވާ ނުކުރާށެވެ! އިންސާނުން ކަމަށްވުމުން ކުށެއް ކުރެވިދާނެއެވެ. އޮތީ ތައުބާވުމެވެ. އަޅުގަނޑަށް ކުރެވުނު ކުށް ޤަބޫލުކޮށް ތައުބާވުމުން ލިބުނު ކުރިއެރުމަށް ވިސްނާށެވެ!
އަޅުގަނޑު އެންމެ ބޮޑަށް އުފާކުރަނީ ޙަރާމް ކުރައވަވާފައިވާ ފާފައަކަށް އަރައިނުގަނެވެނީސް އެޙާލަތުން ސަލާމަތްވެވުމުންނެވެ. އެގުޅުން ދެމި އޮތްނަމަ ބޮޑު ފާފައެއް ކުރެވުންވެސް އޮތީހީ ދާދިގާތުގައިކަމަށްވުމުންނެވެ.
- އިރާޝާ މޫސާ / މިއަދުނޫހުގެ ކިޔުންތެރިއެއް