ތިމާގެ އިހްމާލުން އެކްސިޑެންޓްވެ ލިބޭ ގެއްލުމަށް ފުރިހަމަ ބަދަލު ނުދީ ޤިޔާމަތް ދުވަހު ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 47ސ
ތިމާގެ އިހްމާލުން އެކްސިޑެންޓްވެ ލިބޭ ގެއްލުމަށް ފުރިހަމަ ބަދަލު ނުދީ ޤިޔާމަތް ދުވަހު ސަލާމަތެއް ނުވެވޭނެ!

މިހާރަކަށް އައިސް ގިނަވަމުން މިދަނީ މީހުންގެ ގައިގައި ޖައްސައި އަނިޔާކޮށްފައި ފިލާ މީހުންނެވެ. މަޖުބޫރުވެގެން ހޮސްޕިޓަލަށް ގެންގޮސްދިންނަމަވެސް އެހިސާބުން އެކަން ނިންމައިލާ މީހުންނެވެ. ތިމާގެ ފަރާތުން އަނެކާއަށް ކުރެވުނު އަނިޔާއާއިމެދު ވިސްނައިލަނީ ހާހަކުން މީހެކެވެ. 

އެމީހުން ވިސްނަނީ އެއީ އެކްސިޑެންޓެއް ކަމަށާއި އެކަމުގައި އޭނާގެ ކުށެއް ނުއޮންނާނެކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އަނެކާއަށް އަނިޔާ ލިބުނީ ތިމާގެ އިހްމާލުންކަމަށްވާނަމަ ޝަރުޢީ ފުރިހަމަ ބަދަލެއް ދޭންޖެހޭނެވެ. އަނެކާއަށް ނުކުޅެދުންތެރިކަމެއް ލިބުން ފަދަ ބޮޑު ގެއްލުމެއް ލިބިއްޖެނަމަ ޢުމުރަށްވެސް އެހީތެރިވާންޖެހޭނެއެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! 

އަޅުގަނޑުމެން ދެމަފިރިންނަށް 3 ވަނަ ދަރިފުޅު ލިބުނުތަނާހެން މަގުހުރަސްކުރަނިކޮށް ސައިކަލަކުން ޖެއްސުމުން ލިބުނު އަނިޔާއަށް ފަރުވާކުރަނިކޮށް ފިރިމީހާ ވަނީ ނިޔާވެފައެވެ. ދަރިން ބަލަމުން އަޅުގަނޑަކަށް މަސައްކަތެއް ނުކުރެވެއެވެ. އެކަނިވެރިމައަކަށްވުމުން ލިބޭ ލާރިކޮޅާ ހުރިހާ ލާރިއެއް ޖެހެނީ ކުއްޔަށް ދައްކާށެވެ. ދިރިއުޅެން ޖެހިފައި މިވަނީ ވަރަށް ދަތިޙާލުގައެވެ. 

ފިރިމީހާގެ ގައިގައި ޖެއްސީ ތަނަވަސް މީހެއްގެ ދަރިއެކެވެ. އެމީހުން ފައިސާމަތީގައި އުދުހެނީއެވެ. އަޅުގަނޑުމެން މިތިބީ ނުކައި ނުބޮއެވެ. އަޅުގަނޑުމެން މިހާލުގައި ތިބޭއިރު އަޅުގަނޑުމެންނަށް އެހީތެރިވާން އެމީހުންނަކަށް ނުޖެހޭނެތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނަން ޖެހެނީ ޤަވާއިދާއި ޚިލާފަށް ދުއްވާފައިގޮސް މީހުންގެ ގައިގައި ޖެއްސުމަކީ އެކްސިޑެންޓްވުން ނޫންކަމަށާއި އެކްސިޑެންޓްވުމަކީ ޤަވާއިދުން ދުއްވަނިކޮށް ދިމާވާ ޙާދިސާތައް ކަމަށް ބުނެއެވެ. އެފަދައިން ބުނާ މީހުން ބުނަނީ ތޫނު ވަޅިއެއް މީސްތަކުންގެ ތެރެއަށް އެއްލީމާ ގޮސް މީހެއްގެ ގައަށް ހެރުމަކީ އެކްސިޑެންޓަކަށް ނުވާނެ ކަމަށެވެ. ކޮންމެއަކަސް ޤާނޫނީ ބަހުސްބާއްވާފައި އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލއިލަމާ ހިނގާށެވެ!

ހިތެއް އޮތް މީހަކުނަމަ ތިއަ ގޮތަކަށް ކަންތަކެއް ނުކުރާނެއެވެ. ތިއަ ކުދިންކޮޅު ޔަތީމްކޮށްލުވާފައި އަޅާނުލައެއް ނުތިބޭނެއެވެ. ޒިންމާ އުފުލަންޖެހޭނެ ދުވަހެއް އަންނާނެއެވެ. ތިރީގައިވާ ލިޔުމަކީ ތިއަބާވަތުގެ ކަންކަން ކުރިމަތިވުމުން ހިތްހެޔޮ އިޚްލާޞްތެރިން ކަންތައްކުރާ ގޮތުގެ ވާހަކައެކެވެ. 

އެދެމަފިރިންނަށް ލިބިފައިވަނީ އެންމެ ފިރިހެން ދަރިއެކެވެ. އެދެމަފިރިން ޗުއްޓީއެއް ހޭދަކުރަން ރަށުން ބޭރުގައި ތިއްބައި އެކްސިޑެންޓްވެ ދަރިފުޅު މަރުވީއެވެ. ޖަނާޒާގައިވެސް ބައިވެރިނުވެވުނީއެވެ. 

ލިބުނު ހިތާމައަިގައި ތިއްބައި އަތުގައި ހުރި ފައިސާކޮޅު ހުސްވެއްޖެއެވެ. ކައި ބޮއި ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. ގޯތިތެރެއިން ލިބޭ ތަރުކާރީކޮޅެއްފިޔަވައެވެ. 

މިފަދަ ދަތިޙާލުގައި ތިއްބައި މީހަކު ދޮރުގައި ޓަކިޖެހުމުން ގޮސް ދޮރުހުޅުވިއިރު މީހަކު ފެންނާކަށް ނެތެވެ. ނަމަމަވެސް ސިޓީއުރައެއް އޮތެވެ. ހުޅުވައިގެން ބެލިއިރު އޭގައި ހުރި ފައިސާއެވެ. އެފައިސާ ލިބުމުން ދެމަފިރިންނަށް އެމީހުންގެ ބޭނުންތައް ފުއްދާލައިގެން އުޅެލެވޭވަރުވެއެވެ.  

އެއިގެ ފަހުން ކޮންމެ މަހެއްގެ 1 ވަނަ ދުވަހު ދެމަފިރިންނަށް ސިޓީއުރަ ލިބެއެވެ. އޭގައި ފައިސާ ހުރެއެވެ. އެފައިސާއިން ދެމަފިރިންނަށް އުފަލުގައި ދިރިއުޅެލެވޭވަރުވެއެވެ. ނަމަވެސް ދެމަފިރިންގެ ކަންބޮޑުވުމަކީ އެފައިސާ އެމީހުންނަށް ދެނީ ކާކުކަން ނުއެނގޭކަމެވެ.  

އެމީހަކު ހޯދަން ކުރަމުން ދިއަ މަސައްކަތުން އެމީހާ ހޯދުނެވެ. އެއީ ޒުވާނެކެވެ. ގެއަށް ވައްދާފައި އޭނާ އެމީހުންނަށް ފައިސާ ދޭ ސަބަބާއިމެދު ސުވާލުކުރުމުން ކިޔައިދިނެވެ. "ފުރަތަމަ ކަމަކަށް އަހަރެންނަށް މާފުކުރާށެވެ. ދެމަފިރިންގެ ދަރިފުޅު މަރުވީ އަހަރެންގެ ކާރުން ޖެހިފައެވެ. އެހިސާބުން އަހަރެން މިހުންނަނީ ވަރަށް ދެރަވެފައެވެ. އަހަރެންނަށް ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބެނީ ތިއަ ދެމަފިރިންނަށް މިފައިސާކޮޅު ދެވޭތީއެވެ.

އަހަރެންނަށް މަރުވި އެދަރިފުޅު އަނބުރައި ގެނެހެއް ނުދެވޭނެއެވެ. ނަމަވެސް މައިންބަފައިން ފަދައިން ތިއަ ދެމަފިރިންގެ ކަންކަން ބަލަހައްޓާނަމެވެ. އަހަރެންނަށް އެފުރުޞަތު ދޭށެވެ. ފެންނަން ނުކެރި ހުރީ ކުރެވުނު ކުށަށް މާފުކުރަން ދެމަފިރިންނަށް އުނދަގޫވާނެތީއެވެ."  

އެދެމަފިރިން އޭނާއަށް މާފުކުރިއެވެ. އަދި ޒުވާނާ ވީވައުދު ފުއްދައި ދެމަފިރިން މަރުވަންދެން އެއްވެސް ކަމަކަށް ދަތިވިއަ ނުދީ ބަލަކައްޓައިދިނެވެ.  

މިވާހަކަ އިނގިރޭސި ނޫހަކުން ކިޔުމަށްފަހު މިއަދުނޫސް މެދުވެރިކޮށް ބޭނުންވީ އަޅުގަނޑުގެ ހިތުގައި ހުރި ކަންކަން ހާމަކުރުމަށެވެ.  

އަޅުގަނޑުމެން ދެމަފިރިންގެ ވެސް ހުރި ހަމަ އެންމެ ދަރިފުޅުވެސް ވަނީ ހަމަ އެކްސިޑެންޓެއްގައި މަރުވެފައެވެ. ދިރިއުޅެމުން މިދަނީ ވަރަށް ނިކަމެތި ޙާލުގައެވެ. އޭނާގެ އަތުން އެފަދަ ކަމެއް ވުމުން އޭނާގެ ހިތްހެޔޮކަން އެވަރަށް ހުރިއިރު އަހަރެމެން ދެމަފިރިންގެ ދަރިފުޅުގެގައިގައި ކާރުން ޖެއްސި މުއްސަނދި މީހާގެ ހިތުގައި އަހަރެމެންގެ މައްޗަށް އެއްވެސް ރަޙުމެއް ނެތީ ކީއްވެގެންބާވައެވެ!  

އެމީހެއްގެ އަތުން އެހެން މީހަކަށް އެވަރުގެ ބޮޑު އަނިޔާއެއް ލިބި ދުނިޔެ ދޫކުރަން ޖެހުމުން އެހިސާބުން އެކަން ނިންމާލައިގެން ތިބެން ހެޔޮވެދާނެ ހެއްޔެވެ؟ މިލިޔުން މިއަދުނޫހުގައި ޝާއިއުކުރީމާ އޭނާއަށް ފެންނާނެ ކަމުގެ އިންތިޒާރުގައި ހުރީމެވެ.

 

- ޢަލީ އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން