އާއިލާއަށް ރިވެތި އަޚްލާޤް ދެއްކުމަކީވެސް ސުވަރުގޭގަ އެންމެ މަތީ ދަރަޖަ ޙާޞިލުކުރެވެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އާއިލާއަށް ރިވެތި އަޚްލާޤް ދެއްކުމަކީވެސް ސުވަރުގޭގަ އެންމެ މަތީ ދަރަޖަ ޙާޞިލުކުރެވެން އޮތް ކަމެއް!

އަހުރެން ފުރަތަމަވެސް ފާހަގަކޮށްލަން ބޭނުންވަނީ ޢާއިލާއެވެ. ގިނަ ބައަކަށް އެކަމުގައި އިހްމާލުވެވޭތީއެވެ. ޢާއިލާއާއިމެދު ކަންކަން ކުރެވޭ ގޮތަކީ މައްސަލައެއް ނޫންކަމަށް ދެކެވޭތީއެވެ. ބުނަން ހެއްޔެވެ؟ އެއީ އެންމެ ބޮޑު މައްސަލައެވެ. ސަބަބަކީ ތިމާގެ ކިބައިން ރިވެތި އަޚްލާޤަށް އެންމެ ބޮޑަށް ބޭނުންވާނީ ޢާއިލާއިން ކަމަށްވާތީއެވެ. ނުލިބޭނަމަ އެންމެ ދެރަވާނީވެސް ޢާއިލާއިން ކަމަށްވާތީއެވެ.  

މިޙަދީޘްފުޅުތަކުން ފަށައިގެން ކުރިއަށްދަމާ ހިނގާށެވެ! އެއިރުން ފަހުމްވާން ފަސޭހަވާނެތީއެވެ.  

ރަސޫލާ ޙަދީޘް ކުރެއްވެވިއެވެ. 

 1 "ތިޔަބައިމީހުން ކުރެ އެންމެ ހެޔޮ މީހަކީ އެންމެ އަޚްލާގް ރަގަޅުމީހާއެވެ". 

 2 "ޢަމަލުތަކުގެ ތިލަފަތުގައި އެންމެ ބަރު އެއްޗަކީ ރިވެތި އަޚްލާގެވެ." 

 3 "ތިޔަބައިމީހުން ކުރެ ތިމަންކަލޭގެފާނަށް އެންމެ ލޮބުވެތިކަންބޮޑު އަދި ގިޔާމަތް ދުވަހުގައި ތިމަންކަލޭގެފާނާއި އެންމެ ގާތުގައިވާނީ އެންމެ އަޚްލާގް ރަގަޅުމީހާއެވެ." 

ކޮންމެ ކަމެއްގައިވެސް ރިވެތި އަޚްލާޤް އިސްކުރާށެވެ! ދުލުން ހެޔޮ ބަސް ނޫނީ ނުބުނާށެވެ! ހަރުކަށިނުވެ އޯގާތެރިކަމާއިއެކު މުޢާމަލާތުކުރާށެވެ! ހަރުކަށި ޢަމަލުތައް ނުކުރާށެވެ! އެހެން މީހުންގެ ހިތުގައި ޖެހޭނެ ބަހެއްވެސް ނުބުނާށެވެ! އަދި ގިނަގިނައިން ކުށް ޤަބޫލުކޮށް މާފަށް އެދޭ މީހަކަށްވާށެވެ!  

ވާހަކަ ގިނަ ނުކުރާށެވެ! މީހަކަށް ކިތަންމެ ކުޑަކަމެއްގައި ނަމަވެސް އެހީތެރިވެވެން އޮވެ އެކަން ނުކޮށް ދޫކޮށްނުލާށެވެ! އަދި ކީއްޔެވެ؟ މަގުމަތީގައި ހިނގާފައިދާއިއރު އެހެން މީހުންނަށް ޖާގަދިނުމާއި މަގުގެ މެދުން ނުހިނގައި އެއްކައިރިން ހިނގުންވެސް ހިމެނިގެންވަނީ ރިވެތި އަޚްލާޤްގެތެރެއިންނެވެ.  

އަދިވެސް ކީއްހެއްޔެވެ؟ އެހެން މީހުންނަށް އުނދަގޫވާނެ ކަންކަން ނުކުރުންވެސް ިމެނިގެންވަނީ ރިވެތި އަޚްލާޤްގެތެރެއިންނެވެ.  

މިއިން ކޮންމެ ކަމަކީވެސް ރިވެތި އަޚްލާޤްގެ ތެރޭގައި ހިމެނިގެންވާ ކަންކަމެވެ. މިކަންކަމަށް ސަމާލުކަންދޭންވީ ހަމައެކަނި ދުރުމީހުންނާއިމެދުގައެއް ނޫނެވެ. ދެމަފިރިންވެސް އެކަކު އަނެކަކަށެވެ. މައިންބަފައިން ދަރިންނަށެވެ. ދަރިން މައިންބަފައިންނެވެ.  

ހަނދާންކުރާށެވެ! ރިވެތި އަޚްލާޤް ފެށިގެން އަންނާނީ އަމިއްލަ ގޭތެރެއިންނެވެ. އަމިއްލަ ޢާއިލާ އާއިމެދު ކަންކަންކުރެވޭ ގޮތުންނެވެ. ތިމާއަށް އުފާވެރިކަމެއް ލިބުމުން ޕާޓީބާއްވައި އަވަށްޓެރިންނަށް އުނދަގޫވާވަރަށް ލަވައިޖަހާ އުނދަގޫކުރާނަމަ އެއީ އަޚްލާޤީ އިމުން ބޭރުވެވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން