މިމަގުން ރިޒުޤަށް އެދޭމީހާއަށް ރިޒުޤް ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
މިމަގުން ރިޒުޤަށް އެދޭމީހާއަށް ރިޒުޤް ދެއްވަވާނެ! އިން ޝާ ﷲ

އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަކީ އަތްމަތިދަތިކަން އިޙްޞާޞްކުރަންޖެހިފައިވާ ބައެކެވެ. އެކި މީހުންނަށް އެކި މިންވަރަށެވެ. އެކި ގޮތްގޮތުންނެވެ. ދިމާވާ ތަފާތު ސަބަބުތަކާއިހުރެއެވެ. ތަޖުރިބާ ކޮށްލަން ނަމަވެސް ނިކަން ކީތިތި ޤުރްއާނުގައިވާ މަގުން ރިޒުޤަށް އެދިބަލާށެވެ! 

"ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙާޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން ﷲގެ ފަޟްލުވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ."

(އަލް ޖުމްޢާ: 10)  

މިއާޔަތުގައި ކުރަން އަންގަވާފައި އޮތް ފުރަތަމަ ކަމަކީ ނަމާދުކުރުމެވެ. ނަމާދުކުރުމަށްފަހު މަސައްކަތަށް ފަށައިގަންނަންވީއެވެ. ދެން އަންގަވާފައި އެއޮތީ " ﷲގެ ފަޟްލުވަންތަކަމުން (ދެއްވުމަށް) އެދުމަށެވެ." ދެން އަންގަވާފައި އެއޮތީ " ގިނަގިނައިން ﷲ ހަނދުމަކުރުމަށެވެ." އަދި މިކަންކަމަކީ އެކަންކަން ކުރުމުން އެމީހަކަށް ނަޞީބު ލިބޭނެ ކަންކަން ކަމަށެވެ.  

މި 3 ކަންތަކުގައި ހިފަހައްޓައިފި މީހަކަށް ރިޒުޤް ތަނަވސްކޮށްދެއްވަވާނެތެވެ. އަތްމަތި ދަތިކަން ފިލުއްވަވައިދެއްވަވާނެތެވެ. އަދި ނަޞީބުވެރިންގެ ތެރެއިން އެމީހަކު ލައްވަވާނެތެވެ. އިން ޝާ ﷲ   

ﷲ ތަޢާލާއީ ދެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ. އެހެންކަމުން ޢާޔަތުގައި އެވަނީ ރިޒުޤް ހޯދަން މަސައްކަތް ކުރުމާއިއެކު ﷲ ތަޢާލާގެ ދީލަތި ރަޙްމަތަށް އެދުމަށެވެ. ޢަޖުމަ ބަލައިލަންވެސް ނިކަން މިމަގުން މަސައްކަތްކޮށްބަލާށެވެ! އެމީހާގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެތެވެ. ރިޒުޤް ތަނަވަސްކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން