ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުގެ ބިލު މަޖިލީހުން ބަލައިގަނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުގެ ބިލު މަޖިލީހުން ބަލައިގަނެފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމިޓީ މަރުހަލާއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް މީހުން ހޮވުމަށާއި، ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަން ޖެހޭ އިންތިހާބުތައް އެކީގައި ބޭއްވުމަށް ކަނޑައެޅުމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރުން ވެސް މި ބިލުގައި ހިމެނެ އެވެ.

މި އިސްލާހުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ހާއްސަ ޖަލްސާގަ އެވެ. މެމްބަރުންގެ މެދުގައި ބަހުސް ކުރުމަށްފަހު ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި، 46 މެންބަރުން ބިލު ބަލައިގަތުމަށް ވޯޓު ދެއްވިއިރު، ދެކޮޅަށް ވޯޓުދެއްވީ ފަސް މެންބަރުންނެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ސްޕޮންސަރ ކުރެއްވި މި ބިލުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކުގަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިލުގައިވާ ގޮތުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ. އެހެންކަމުން، އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ޖެހޭނެ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ މި އިސްލާހަށް ދެކޮޅު ހައްދަވާފަ އެވެ. އަދި ދައުރުން ބޭރުން ކުއްލި ގޮތަކަށް މި މަސައްކަތް ކުރިޔަށް ގެންދާތީ އެ މެމްބަރުން ވަނީ އެކަމާ މެދު ސުވާލު އުފައްދަވާފަ އެވެ.

މިއަދު އޮންލައިން