ނިވާވާން ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް ނިވާވުމަކީ އެމީހަކު ބޭނުންވުމުން ކުރަން އޮތް ކަމެއް ނޫނެވެ. ސަބަބަކީ އެކަން ނުކޮށް ހުންނަނަމަ އެމީހަކީ ނުކިޔަމަންތެރިއެކެވެ. ﷲ ތަޢާލާގެ އެއްވެސް އަމުރުފުޅަކަށް ނުކިޔަމަންތެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.
މިއީ ސުވާލުތައް ގިނަ ޒަމާނެކެވެ. މިވެނި ކަމަކީ ކުރަންޖެހޭ ކަމެއްތޯ؟ ކުރުން މަޖުބޫރު ކަމެއްތޯ؟ ނުކޮށްފިނަމަ ވާނީ ކިހިނެއްތޯ؟ ފަދަ ސުވާލުތައް ކުރެއެވެ. އެގޮތުން ކުރެވޭ އެއް ސުވާލަކީ ޤުރްއާނުގައި ނިވާވާން އޮތް މިންވަރަށް ނިވާމުމަކީ އިޚްތިޔާރީ ކަމެއްތޯ؟ ކުރެވޭ ސުވާލެވެ.
ސުވާލުގެ ޖަވާބު އެންމެންނަށް ފަސޭހައިން އެނގޭނެ ވަރަށް ސާފުކޮށް ބުނަމެވެ. ﷲ ތަޢާލާ ޤުރްއާނުގައި އަންގަވާފައިވާ މިންވަރަށް އަޢުރަ ނިވާކުރުމަކީ (ބުރުގާއެޅުމަކީ ނުވަތަ ނޭޅުމަކީ) އިޚްތިޔާރީ ކަމެއް ނޫނެވެ. އިޚްތިޔާރު އޮތީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށާއި ނުކުރުމަށެވެ. ވީމާ ޤުރްއާނުގައި އޮތް މިންވަރަށް އަޢުރަ ނިވާނުކުރަން އިޚްތިޔާރެއް ނުލިބޭނެއެވެ.
ވިސްނައި ހޭލުންތެރިވާށެވެ! ﷲ ތަޢާލާ އެކަމެއް ކުރުމަށް އަންގަވާފައިވާ އެއްވެސް ކަމެއް ނުކުރުމުގެ ޙުކްމް ތަފާތެވެ. ލިބޭ އިޚްތިޔާރުވެސް ތަފާތެވެ! އެއިޚްތިޔާރަކީ ކުރިން ބުނިފަދައިން ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވުމާއި ނުވުމުގެ އިޚްތިޔާރެވެ. އެއިޚްތިޔާރުވަނީ ކޮންމެ އިންސާނަކަށްވެސް ދެއްވަވައިފައެވެ. މިވަރުން މައްސަލަ ސާފުވާނެކަމަށް އުންމީދުކުރަމެވެ.
ދެން ބައެއް މީހުން އެއީ އިކްތިޔާރީ ކަމެއްކަމަށް ބުނެފާނެއެވެ. ނަމަވެސް އެބުނާ ބަހުގެ ޙަޤީޤީ މާނަ ކުރިން މިބަޔާންކުރީއެވެ. ތަކުރާރުކޮށްލާނަމެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވުމާއި ނުވުމުގެ އިޚްތިޔާރެވެ.
- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން
މިގޮތަށް ވިސްނާށެވެ! ﷲ ތަޢާލާ ވަނީ ﷲ ތަޢާލާއަށް އީމާންވުމާއި ނުވުމުގެ އިޚްތިޔާރު ދެއްވަވައިފައެވެ. ހެޔޮ ޢަމަލުތައް ކުރުމާއި ނުކުރުމުގެ އިޚްތިޔާރުވެސް ވަނީ ދެއްވަވައިފައެވެ. ސުވަރުގެ ލިބިގަންނަން މަސައްކަތްކުރުމާއި ނުކުރުމުގެ އިޚްތިޔާރުވެސް ވަނީ ދެއްވަވައިފައެވެ.