އެންމެ ކުޑައިރުންސުރެ ގޯސްކަންކަން މަނާނުކުރެވޭނަމަ ދަރިންނަށް އެދެވެނީ އެންމެ ބޮޑު ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
އެންމެ ކުޑައިރުންސުރެ ގޯސްކަންކަން މަނާނުކުރެވޭނަމަ ދަރިންނަށް އެދެވެނީ އެންމެ ބޮޑު ދެރަ!

ފުރަތަމަ ފާހަގަކޮށް މިލަނީ މިޘާލެކެވެ! 5 އަހަރުގެ ދަރިފުޅު 10 އަހަރުގެ ދަރިފުޅުގެ ގައިގައި ޖެހީއެވެ. 5 އަހަރުގެ ދަރިފުޅު ކުޑަވީމާ އެކަމަށްދޭންޖެހޭ ސަމާލުކަން ނުދިނީއެވެ. އެއީ އެވަރުގެ ކަމެއްކަމަށް ނުބެލެނީއެވެ. ހިނގަނޑަކުން ދުއްވައިލެވެނީއެވެ. ބުނަންހެއްޔެވެ؟ ޢުމުރާއި ގުޅޭ ގޮތަށް ބަސްބުނެ އެކަން މަނާނުކުރުމަކީ އެހެން މީހުންގެ ގައިގަ ޖަހަން ކުއްޖާއަށް ލައިސަންސެއް ދިނުން ފަދަ ކަމެކެވެ. ކްލާހަށް ގޮސް ކުދިންގެ ގައިގައިވެސް ތަލަންފަށާނެއެވެ.  

ދަރިންގެ އަޚްލާޤް ނުބައިވުމުން ނުވަތަ ނުބައި ކަންކަން ކުރެވުމުން މައިންބަފައިން ވަރަށް ދެރަވެއެވެ. ރުޅިވެސް އައުދެއެވެ. ބައެއް މައިންބަފައިން ހަރުކަށިބަސްތައް ބުނެއެވެ. އަދަބުވެސް ދެއެވެ. އެކަމަކު ދަރިފުޅަށް އެކަންކަން ކުރެވެން މެދުވެރިވީ ކީއްވެގެންކަމާއިމެދު ވިސްނާލަންވެސް ބޭނުމެއް ނުވެއެވެ. އެކަމުގައި ތިމާމެންގެ އިހްމާލް އޮތްނަމަވެސް އެކަންވެސް ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ.  

އެހެންވެ ބައެއް މައިންބަފައިންނަށް ވަރަށް ޢާންމުކޮށް ކުރެވޭ ކަމެއްގެ ވާހަކައިން ފަށާނަމެވެ. ބައެއް ކުޑަކުދިންނަކީ އެކުދިންގެ މޮޅުކަން ދައްކަން ފޮނިކަނޑަން ބޭނުންވާ ކުދިންނެވެ. ނުކުރެވޭ ކަންކަން ކުރި ކަމަށް ހަދައިގެންވެސް ވާހަކަ ދައްކާނެއެވެ. ގިނަ ފަހަރަށް އެކަން މެދުވެރިވަނީ އޭނާ ވަރުގެ އެހެން ކުއްޖެއްގެ ކިބައިން އެފަދަ ކަމެއް ފެނުމުންނެވެ.  

މިފަދަ ކަންކަން ދަރިންގެ ކިބައިން ފެނުމުންވެސް ބައެއް މައިން ބަފައިން އަޅައިވެސް ނުލާނެއެވެ. ދަރިފުޅު އަދި މާހަގު ކަމަށް ބަލައެވެ. ބައެއް ބަފައިން މަސައްކަތް ކުރާނީ އެފަދަ ވާހަކަތައް ދަރިން ލައްވައި ދެއްކުވުމަށެވެ. ހީކުރެވިފައި އޮންނަނީ މިއީ ކުއްޖާއަށް ހޯދައިދެވޭ އުފަލެއް ކަމަށެވެ. 

މިކަމުގެ އަޞްލަށް ބަލައިފިނަމަ މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ސަބަބަކީ ކުއްޖާއަށް އެ ހިތްވަރު ދެވެނީ ދޮގު ހެދުމަށެވެ. މިކުރެވޭ ކަމަކީ ދަރިން ލައްވައި ދޮގު ހެއްދުވުމެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ކުދިން ބޮޑުވާއިރު ދޮގު ހެދުމުގެ  ނުބައި އާދަ އެކުދިންގެ ކިބައިގައި ހަރުލާފައި ހުރުމެވެ. ދޮގު ހެދުމަކީ އެއްވެސް ނުބައި ކަމެއްކަން އެކުދިންނަށް ޤަބޫލުކުރެވިފައި ނެތުމެވެ.  

އެކަމުގެ ނަތީޖާއަކަށް ވާނީ ބޮޑެތި ވުމުން ބޮޑެތި ކަންކަމުގައިވެސް ދޮގުހަދާ މީހަކަށްވުމެވެ. ދެން މިވަނީ ކިހިނެއް ހެއްޔެވެ؟ ދޮގަކީ ވައްކަން ކުރުމުގެ ތަޅުދަނޑިއެވެ. ކުއްޖާ ބޮޑުވުމުން މިދެވެނީ ވައްކަން ކުރުމާއި މަކަރާއި ހީލަތް ހެދުމާއި ވެސް ދިމާއަށެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދަރިން ދެކެ ކިތަންމެ ވަރަކަށް ލޯބިވީ ނަމަވެސް ހަމަ އެއްވެސް އުމުރެއްގައި ދޮގު ހަދަން ފުރުޞަތު ނުދޭށެވެ! އުމުރާއި ގުޅޭ ގޮތުން އެއީ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެއްކަން އަންގައިދީ ކުދިން އެކަމާއި ދުރުހެލިކުރުވާށެވެ! ބައެއް ކަންކަން ކުރުމުން "ޑެޑީ" ރުޅި އަންނާނެ ކަމަށް ވެސް ބުނެ ހުއްޓުވަނީ ނޫން ހެއްޔެވެ؟ ވީއިރު ﷲ ތައާލާ ކޯފާވެ ވޮޑިގަންނަވާނެކަން އަންގައި ނުދެވެންވީ ކީއްވެގެން ހެއްޔެވެ؟ އެއީ ހަމަ ކުރެވެން ޖެހޭނެ ކަމެކެވެ.  

މީސްތަކުންނޭވެ! މިބުނެދިނީ ހަމަ އެންމެ ކަމެއްގެ ވާހަކައެވެ. ވިސްނަންވީ ހުރިހައި ޙަރާމް ކަންކަމާއިމެދުގައެވެ. ޙަރާމް އެއްވެސް ކަމެއް ކުރުމުގެ އާދަ ދަރިންގެ ކިބައިގައި ހަރުލިއަ ނުދޭށެވެ. އުމުރުން ހަގުވެގެން ފުރުޞަތު ނުދޭށެވެ! ހުއްޓުވުނު ގޮތަކަށް ހުއްޓުވާށެވެ! އަދަބު ދޭން ޖެހިއްޖެ ނަމަ އެކަންވެސް ކުރާށެވެ! ދަރިން ދެކެ ޙަޤީޤީ ލޯބިވުމަކީ އެއީއެވެ. އަބަދުވެސް ބުނާފަދައިން ދަރިން ދެކެ ލޯބިން ދަރިންނަށް ހެޔޮ އެދިގެން ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ ދަރިން ނަރަކައިން ސަލާމަތް ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމެވެ. ދަރިންނަށްވެސް މައިން ބަފައިންނަށްވެސް އާޚިރަތް ދުވަހު ސަލާމަތްކަން ލިބޭނީ ނަރަކައިން ސަލާމަތްވެވިގެންނެވެ.  

ދަރިފުޅުގެ އުމުރު ކިތަންމެ ހަގު ނަމަވެސް އުމުރު އަދި ހަގު ކަމަށްބަލައި އެއްވެސް ނުބައި އަމަލެއް ކުރުމުގެ ފުރުޞަތު ދަރިންނަށް ދިނުމަކީ ދަރިން ނަރަކައަށް ވެއްދުވުން ފަދަ ކަމެކެވެ. އެފަދަ ފުރުޞަތު ދޭ މައިންބަފައިންނަށް އެކަމުގެ ޒިންމާ އުފުލަން ޤިޔާމަތް ދުވަހުން ޖެހޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

 

 

 

މިއަދު އޮންލައިން