އެކުގަ ދިރިއުޅުމަށްޓަކާ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމުންވެސް ކުރިއަށް ދެވޭނެ މަގެއް ނުފެނިއްޖެނަމަ އެކުގަ ވަޤުތު ހޭދަކުރުމަކީ ކުރެވޭ ބޮޑު މޮޔަކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
އެކުގަ ދިރިއުޅުމަށްޓަކާ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމުންވެސް ކުރިއަށް ދެވޭނެ މަގެއް ނުފެނިއްޖެނަމަ އެކުގަ ވަޤުތު ހޭދަކުރުމަކީ ކުރެވޭ ބޮޑު މޮޔަކަމެއް!

ޒަވާޖީ ހަޔާތުގައި ކުރިމަތިވާ އެންމެ ބޮޑު އެއްމައްސަލައަކީ ދެމީހުންނަށް އެކުގައި ދިރިއުޅެވެން ނެތްނަމަވެސް އެކުވެރިން ނުވަތަ އެނޫންވެސް ބައަކު ބުނެފާނެ މަލާމާތުގެ ބަހަކަށްޓަކައި އެކުގައި އުޅެން މަސައްކަތްކުރާކަމެވެ. 

ގިނައަންތބަށް ކައިވެނިކުރުމުންވެސް މިމައްސަލަ ކުރިމަތިވެއެވެ. ބާކީމިވީ ތިމަންނާކަން މީހުންނަށް އެނގުނަ ނުދޭން ކެތްކުރަމުންގޮސް މީހާ ބަލިކަށިވެ ދުނިޔެއިން މޮޔަވާ ޙާލަތަށްވެސް އެބަދެއެވެ. މިއީ ވަރަށް ނުރަނގަޅު ނިންމުމެކެވެ.

ބައެއް ފަހަރު މިގޮތަށް ދިމާވާ އެންމެ ޢާންމު ސަބަބަކީ ބައިވެރިޔާ އާއިމެދު ކުރިން އެކުވެރިންގެ ގާތުގައި ތަޢްރީފްގެ ބަސްތައް ބުނެވިފައި އޮތުމެވެ. ދެވަނަ ޙާލަތަކީ އެމީހަކާއި ކައިވެނިކުރުމުން ދެރަގޮތެއް މެދުވެރިވެދާނެ ކަމަށް އެކުވެރިން ބުނެފައި އޮއްވައިމެ އެމީހުންގެ ބަސް ޤަބޫލުނުކޮށް ކައިވެނިކުރެވުމެވެ.  

ދިރިއުޅުމުގައި ބަލަންވީ މީހަކު ބުނެފާނެ ބަހަކަށް ނޫނެވެ. އަދި ތިމާއަށް ކުރިން ބުނެވިފައި އޮތް ބަހަކަށްވެސް ނޫނެވެ. ތިމާ އުފަލުގައި ދިރިއުޅުމަށެވެ. ވިސްނަންވީ ބައެއް ފަހަރު ތިމާއަށް ހެދޭ ގޯހަކީ ކަންކަން އިޞްލާޙްކުރަން މަގުފަހިވާ ސަބަބެއް ކަމެވެ.  

ކޮންމެއަކަސް މާޔޫސްވެ، އިތުބާރު ގެއްލި، އިޢާދަ ނުކުރެވޭނެ ވަރަށް ފޫހިވަނީ އެއް ދުވަހަކުން ނޫނެވެ. އެތައް ދުވަހަކުންނެވެ. އެތައް ކަމެއް ތަކުރާރުވުމުންނެވެ. އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙް ނުވާނެ ކަން ޔަޤީންކުރެވުމުންނެވެ. ވީމާ މީޙާލަތަށް ކަންކަން ހިނގައްޖެނަމަ އެކުގައި އުޅެން މަސައްކަތްކުރުމެއް ނެތެވެ. އޮތީ ޞުލްޙައިގައި ދެމީހުން ވަކިވެ އަލުން އެހެން ދިރިއުޅެން ފަށަން މަސައްކަތްކުރުމެވެ.  

މިބުނި ފަދަ ޙާލަތު ދިމާވުމާއި އައު ދިރިއުޅުން ފަށަންޖެހުމަކީ ވަކިމީހަކަށް މެދުވެރިވާ ކަމެއް ނޫނެވެ. ހަމަ ކޮންމެ މީހަކަށްވެސް މެދުވެރިވެދާނެ ކަމެކެވެ. ވީމާ އެއީ ކޮންމެހެން ދެމީހުންނަކީ ޙަސަދަވެރިންކަމަށް ބަދަލުވާންޖެހެންވީ ސަބަބެއްވެސް ނޫނެވެ. ސަބަބަކީ ވަކިވުމަށްފަހު ރަނގަޅު ގޮތް ވިސްނި، އިޞްލާޙްކުރަން ކުރިން ދެކޮޅުހެދި އުނިސިފަތައް އިޞްލާޙްކޮށްގެން އަލުން ގުޅި، އުފާވެރި ދިރިއުޅުމެއް އުޅޭ މީހުންވެސް މަދުނޫންވީމައެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން