އެކްޒީމާ: ހަންގަނޑަށް ޖެހިދާނެ މިބަލީގެ ޢަލާމާތްތަކާ ފަރުވާ-

ކިޔުމަށް ހޭދަވާނީ 4މ 12ސ
އެކްޒީމާ: ހަންގަނޑަށް ޖެހިދާނެ މިބަލީގެ ޢަލާމާތްތަކާ ފަރުވާ-

ޢަލީ އިޙްޞާން ފިރާޤް

 

ހަމުގެ ބަލިތަކުގެ ތެރެއިން  އެކްޒީމާ އެންމެ ގިނައިން ޖެހެނީ ކުޑަކުދިންނަށް، ނަމަވެސް ކޮންމެ އުމުރެއްގެ ކޮންމެ ޖިންސެއްގެ މީހަކަށްވެސް މި ބަލި ޖެހިދާނެއެވެ.

* އެކްޒީމާއަކީ ވާރުތަ ކުރާ ބައްޔެއް! 

އެޓޮޕިކް ޑަރމަޓައިޓިސް ނުވަތަ އެކްޒީމާ (Eczema) އަކީ ދިގު މުއްދަތަކަށް ފަރުވާ ކުރަންޖެހޭ ހަމުގެ ބައްޔެކެވެ. ދިރާސާތަކުން ސާބިތުވާ ގޮތުގައި ބޮޑެތި މީހުންނަށްވުރެ ގިނައިން މި ބަލި ޖެހެނީ ކުޑަކުދިންނަށެވެ. ނަމަވެސް ކޮންމެ އުމުރެއްގެ މީހަކަށްވެސް އެކްޒީމާ ޖެހިދާނެއެވެ. ބައެއް ފަހަރު މިބަލީގެ އަލާމާތްތައް ކުޑަކޮށް ރަނގަޅު ވެލާފައި، އަލުން ދުވަސްކޮޅެއް ކޮށްފައި އިތުރު މިބަލީގެ އަލާމާތައް ގޯސްވާގޮތްވެސް މެދުވެރިވެއެވެ. ނޭޝަނަލް އެކްޒީމާ އެސޯސިއޭޝަންއިން ހާމަކުރާ ގޮތުގައި  އެމެރިކާގައި 31.6 މިލިއަން މީހުންނަށް ވަނީ އެކްޒީމާ ޖެހިފައެވެ. އަދި މިއީ ކޮންމެ ޖިންސެއްގެ، ކޮންމެ ނަސްލެއްގެ މީހަކަށްވެސް ޖެހިދާނެ ބައްޔެކެވެ. 

އެކްޒީމާއަކީ މައިންބަފައިންގެ ފަރާތުން ވާރުތަ ވާ ބައްޔެކެވެ. ސިއްހަތު ރަނގަޅު ހަންގަނޑެއް ލިބިފައި ނެތުމުގެ ސަބަބުން އިމިއުންރެސްޕޮންސް އެއް އުފައްދަފާނެއެވެ. ނުވަތަ ހަށިގަނޑުގެ ދިފާއީ ނިޒާމު މާބޮޑަށް ހަރަކާތްތެރިވާން ފަށާފާނެއެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑު ދުޅަވުމާއި، ރަތްވުން ފަދަ އަލާމާތްތައް ފެނިދާނެއެވެ. 

އެކްޒީމާ އެންމެ ގިނަވަނީ ހައިޕަރ ސެންސިޓިވް އެލާޖިކް ރިއެކްޝަންގެ ސަބަބުންނެވެ. ނުވަތަ އިމިއުން ސިސްޓަމް ބައެއް ކަހަލަ މާއްދާތަކަށް ސެންސިޓިވް ވުމުގެ ސަބަބުންނެވެ. މިފަދަ ރިއެކްޝަންއެއް ޓްރިގަ ވެދާނެ ކަންތައް ތަކުގެ ތެރޭގައި ބައެއް ކަހަލަ މާއްދާތައް އެކުލެވޭ ސައިބޯނި އަދި ޝޭންޕޫފަދަ ތަކެއްޗާއި، ހިރަފުސް، ބައެއް ކަހަލަ ޖަނަވާރުގެ ކެހެރި އަދި ބައެއް ކަހަލަ ކާނާގެ ބާވަތްތައްވެސް ހިމެނެއެވެ. 

ޓްރިގާ ފެކްޓާތައް އެކި މީހުންގެ ތަފާތުވެދާނެއެވެ. އަދި ބައެއް މީހުން ރިޕޯޓްކުރާ ގޮތުގައި އެމީހުންގެ އަލާމާތްތައް ގޯސްވަނީ ވައިގެ ތެއްކަން ކުޑަވުމާއި، ނުވަތަ ސްޓްރެސް ވެފައި ހުންނައިރުގައެވެ.  އަދި ބައެއް ފަހަރު މާބޮޑަށް ހޫނުވުމުންނާއި ފިނިވުމުގެ ސަބަބުންވެސް ބައެއް މީހުންނަށް އެކްޒީމާގެ އަލާމާތްތައް އިތުރުވެގެން ދެއެވެ. 

ފެނިދާނެ އަލާމަތްތައް: 

އެކްޒީމާގެ ސަބަބުން ހަންގަނޑު ކުރަކިވެ ހިކޭ ގޮތް މެދުވެރިވެއެވެ. ހަންގަނޑު މާބޮޑަށް ހިކުމުގެ ސަބަބުން ހަންގަނޑު ފަޅައިގެން ދެއެވެ.  އަދި އާދަޔާ ޚިލާފަށް ހަންގަނޑު ހިރުވާ ކަހައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހަންގަނޑު ދުޅަވެ ފާރުވުން ފަދަ މައްސަލަތައް މެދުވެރިއެވެ. 

މީގެ އިތުރުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހަންގަނޑުގައި އުފުލިފައި ހުންނަ ކުދިކުދި ބިހިނެގުމާއި، ހަންގަނޑު ބޯވުމާއި، ލޯކައިރީގައި ހުންނަ ހަންގަނޑު ކަޅުވުން ހިމެނެއެވެ. ހަންގަނޑުގައި ނަގާ ބިހިތައް ފަޅައިގެން ގޮސް އޭގެއިން ދިޔަ ނުކުތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. 

މިދެންނެވި އަލާމަތްތައް އެންމެ ގިނައިން ފެންނަނީ މޫނާއި، ކަރާއި، އަތްތިލަ އަދި ފައިންނެވެ. ނަމަވެސް ހަންގަނޑުގެ ކޮންމެ ހިސާބަކުންވެސް މި ބަލީގެ އަލާމާތްތައް ފެނިދާނެއެވެ. މި ބަލީގެ އަސަރު ހަންގަނޑުން ފާޅުވާ ގޮތް ދޮންމީހުންނާއި ކަޅު މީހުންގެ ތަފާތުވެއެވެ. އެގޮތުން ދޮންމީހުންގެ ހަންގަނޑު ރަތްކޮށް ހުންނައިރު، ކަޅުމީހުންގެ ހަންގަނޑު ގަދަ މުށިކުލައިގައި ނުވަތަ އަޅިކުލައިގަ ހުރެއެވެ.  ނޫނީ ބައެއް ފަހަރު ދަނބުކުލައިގަވެސް ހުރެދާނެއެވެ. 

ފަރުވާ: 

އެކްޒީމާގެ ފަރުވާގެ އެންމެ ފުރަތަމަ އެއްބަޔަކީ ހަންގަނޑު ހިކުމުން ދުރުކޮށްފައި ބެހެއްޓުމަށްޓަކައި މޮއިސްޗުރައިޒާ ބޭނުން ކުރުމެވެ. މޮއިސްޗުރައިޒް ކުރާއިރު، ފެންވެރުމަށްފަހު ގައިގެ ފެންއެއްކޮށް ހިއްކާފައި މޮއިސްޗްރައިޒް ކުރުމުގެ ބަދަލުގައި ކޮންމެވެސް ވަރަކަށް ހަންގަޑުގައި ތެތްކަން ހުއްޓާ މޮއިސްޗުރައިޒް ކުރުމަށް ޑޮކްޓަރުން އިރްޝާދު ދެއްވައެވެ. އޭސީކޮށްފައި ހުންނަތަންތަނުގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭނަމަ ހަންގަނޑު ހިކުނަނުދީ މޮއިސްޗުރައިޒް ކޮށްފައި ބެހެއްޓުން ވަރަށް މުހިންމެވެ. 

މީގެ އިތުރަށް އެކްޒީމާއަށް ފަރުވާ ކުރުމަށްޓަކައި އެންޓި އިންފްލެމޭޓަރީ ބޭސް ދެވޭނެއެވެ. ނަމަވެސް މިފަދަ ބޭސްތައް ބޭނުންކުރުމާއި ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދަންވާނީ ޑޮކްޓަރާ މަޝްވަރާކުރުމަށްފަހުގައެވެ. ޑޮކްޓަރުގެ އިރްޝާދާ އެއްގޮތަށެވެ. އިންފެކްޝަން އުފެދިފައިވާނަމަ އެންޓިބަޔޮޓިކްސް ބޭނުން ކުރަންޖެހިދާނެއެވެ. އެހެނިހެން ފަރުވާތަކުގެ ތެރޭގައި ފޮޓޯތެރަޕީ ނުވަތަ ލައިޓް ތެރަޕީ ހިމެނެއެވެ. 

ހަމައެހެންމެ އެކްޒީމާ ޓްރިގާވަނީ ކޮން ބާވަތްތަކަކުން ތޯ ދެނެގަނެ އެފަދަ ބާވަތްތަކުން ދުރުވުން މުހިންމެވެ. އަދި ބައެއް މީހުން ހާސްވެކަންބޮޑުވުމުގެ ސަބަބުންވެސް އެކްޒީމާގެ އަލާމާތްތައް އިތުރުވެގެންދެއެވެ. އެހެންކަމުން ހާސްވެކަންބޮޑުވުމުން ދުރުވެ ހުރުމަކީވެސް ވަރަށް މުހިންމުކަމެވެ. 

ހަވާލާ 

  https://www.ncbi.nlm.nih.gov/

 https://emedicine.medscape.com/article/1049085

 https://www.mayoclinic.org/

މިއަދު އޮންލައިން