މުސްލިމް އުންމަތުގެ ކުރިއެރުމާ ހަމަޖެހުން ނެތެމުންދިއުން- ވިސްނައި އިޞްލާޙްކުރަންޖެހިފައި އޮތް ބޮޑު މައްސަލައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
މުސްލިމް އުންމަތުގެ ކުރިއެރުމާ ހަމަޖެހުން ނެތެމުންދިއުން- ވިސްނައި އިޞްލާޙްކުރަންޖެހިފައި އޮތް ބޮޑު މައްސަލައެއް!

ދުނިޔޭގެ އާބާދީގައި މުސްލިމުންގެ ނިޞްބަތް މަތިވަމުން އައިނަމަވެސް އިސްލާމީ ޤައުމުތަކަށްބަލާއިރު އުންމަތަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް ބުނަން އުނދަގުލެވެ. ގިނަ ޤައުމުތަކުގައި ރައްޔިތުންނަށް އުޅެންޖެހިފައިވަނީވެސް ވަރަށް ދަތިޙާލުގައެވެ. ވީމާ މިއީ ވިސްނާލަންޖެހިފައިވާ ކަމެކެވެ.  

މިކަންކަމަށް ވިސްނާ މީހުން ތިބީ ކަންބޮޑުވުމެއްގައެވެ. ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވާފައިވާ ޤައުމުތަކުގައި ހަމަޖެހުން ނުއޮންނަ ސަބަބާއިމެދު ގިނަ ބައަކު ސުވާލުކުރާތީ އަހުރެންގެ ވިސްނުން ބުނެލާނަމެވެ.  

މުސްލިމުން އެންމެ ބާރަށް ކުރިއަރައިގެން އައީ އެންމެ ފަޤީރު ޙާލުގައި ތިބި ދުވަސްވަރުއެވެ. އެއީ އެދުވަސްވަރު ތިބި މުސްލިމުން ތަނަވަސްކަން ބޭނުންވެގެން އިސްލާމް ދީނާއި ދުރަށް ނުޖެހޭތީއެވެ. ދުނިޔެއަކީ ވަގުތީ މަންޒިލެއް ކަމަށް އަބަދުވެސް ޤަބޫލުކޮށްގެން ތިބީތީއެވެ. ދުނިޔެއަށްވުރެ އާޚިރަތް ބޭނުންވެގެން ތިބީތީއެވެ.  

މިއަދުވެސް މިތިބީ ހަމަ މުސްލިމުންނެވެ. މައްސަލަ ބަދަލުވާ ސަބަބުތައް ވެސް އެބަ ހުއްޓެވެ. އެއިރު އެއްވެސް މީހަކު ދަތިޙާލުގައި އުޅެން ޖެހުމުން ކަންބޮޑު ނުވީ ކީއްވެގެން ހެއްޔެވެ؟ އެއީ ބައިތުލްމާލުގައި ތަނަވަސްކަން ހުރިނަމަ އެމީހުންނަށްވެސް ވެރިންނާއި އެއްވަރަށް ލިބޭނެކަން އެނގޭތީއެވެ. ދަތިހާލުގައި އުޅެން ޖެހިފައިވަނީ ބައިތުލްމާލުގައި ތަނަވަސްކަން ނެތުމުންކަން ޔަޤީން ކުރެވޭތީއެވެ.  

ނަމަވެސް މިއަދު އެކަން މިވަނީ ބަދަލުވެފައެވެ. މުސްލިމް ޤައުމުތަކުގެ ބައިތުލްމާލުގައި ތަނަވަސްކަން އެބަހުއްޓެވެ. ވެރިން ދިރިއުޅެނީ ނުހަނު ބޮޑު ތަނަވަސް ކަމުގައެވެ. ފަޤީރު ހާލުގައި ދިރިއުޅެން ޖެހިފައިވަނީ ރައްޔިތުންނަށެވެ. ވީމާ މުސްލިމުންގެ ޙާލަތު ބަދަލުކޮށް އިސްލާމީ އުންމަތަށް ކުރިއެރުން ހޯދަން ބޭނުންނަމަ އިސްލާމީ ޤައުމުތަކުގެ ވެރިން މިކަންކަމަށް ވިސްނައި އިކްލާޞްތެރިވާން އެބަ ޖެހެއެވެ.  

ދުނިޔޭގެ ޤައުމުތަކުގެ މުއްސަނދިކަމަށް ބަލައިފިނަމަ އެންމެ ބޮޑު މުއްސަނދިކަމެއް ލިބިފައި ވަނީ މުސްލިމް ޤައުމުތަކަށެވެ. ޤުދްރަތީ މުއްސަނދިކަން އެންމެ ބޮޑަށް ލިބިފައިވަނީ މުސްލިމް ޤައުމުތަކަށެވެ. އެހެންކަމާއިއެކުވެސް މުސްލިމުންނަކީ އަތްމަތި ތަނަވަސް މުއްސަނދިން ކަމަށް ބެލެވޭކަށް ނެތެވެ. 

އެކަމުގެ ނާޖާއިޒު ފައިދާ އެހެން ދީންތަކުގެ މީހުން އެގެންދަނީ ނަގަމުންނެވެ. އެމީހުންގެ ތަނަވަސްކަމުގެ ބޭނުންކޮށްގެން އިސްލާމް ދީން ނިކަމެތިކުރަން އެގެންދަނީ މަސައްކަތްކުރަމުންނެވެ. މުސްލިމުން، އެމީހުންގެ ދީނުން ބޭރުކުރަން އެގެންދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން