ކައްވަޅަށް ދިއުމަށާ ދެން ކުރަންއޮތް ނިމުމެއް ނެތް ދަތުރަށް ތައްޔާރުވާން އެދޭމީހާ މިކަންކަމަށް ވިސްނައިލުމުން ކުރާނެ ފައިދާ ބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ކައްވަޅަށް ދިއުމަށާ ދެން ކުރަންއޮތް ނިމުމެއް ނެތް ދަތުރަށް ތައްޔާރުވާން އެދޭމީހާ މިކަންކަމަށް ވިސްނައިލުމުން ކުރާނެ ފައިދާ ބޮޑުވާނެ! އިން ޝާ ﷲ

އަހުރެން ފަށާނީ ދެމަފިރިންގެ ގުލުމުގެ ވާވަކައިންނެވެ. އެހެންވެ ފުރަތަމަ ކަމަކަށްވެސް މިފަށަނީ އަނބިންނާއިއެކު ރޭކުރުމަކީ ކުރާ އަޅުކަމަކަށްވާނެކަމަށް އޮތް ޙަދީޘްފުޅަށް ވިސްނުމުގެ ވާހަކައިންނެވެ. ޙަރާމްގޮތުގައި ކަންކަން ނުކޮށް ޙަލާލު ގޮތުގައި، ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ގޮތަށް ކުރުމުން އަޅުކަމަކަށް ވެގެންދާނެކަން ޙަދީޘްފުޅުން އެނގި ޘާބިތުވާން އޮތީތީއެވެ.   

އަޅުކަމަކަށްވަނީ ހަމައެކަނި ހެޔޮ ޢަމަލުކުރުމަކުން ނޫނެވެ. ﷲ ތައާލާ ރުހިވޮޑި ނުގަންނަވާ ކަންކަން ނުކުރުމަކީވެސް އަޅުކަމެވެ. އެކަލާނގެ ރުހިވޮޑިގަންނަވާ ކަންކަން ކުރުމުން އަޅުކަމަކަށްވާފަދައިންނެވެ. އެކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންކަން ނުކުރުމަކީ އެކަލާނގެ ރުހިވޮޑިގަންނަވާނެ ކަމަކަށްވާތީއެވެ.  

ވީމާ އެއްވެސް ކަމެއް ކުރާއިރު ބަލަންވީ އެއީ ހަމައެކަނި ޙަރާމްކަމެއްތޯ އެކަންޏެއް ނޫނެވެ. އެކަމުގައި ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުވާނަމަ އަވަހަށް އެކަމަކާއި ދުރުހެލިވާށެވެ. އެކަމެއް ނުކުރާށެވެ.  

އަހަރެމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވެން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. އެކަލާނގެ އިރާދަ ކުރައްވަވައިފިނަމައެވެ. 

އެއްވެސް މީހަކަށް އެމީހާގެ ތަނަވަސްކަމުން ނުވަތަ އާރާއި ބާރުން އެއްވެސް ކަމެއް ކުރެވޭނެނަމަ މަރުވާނީ ކާކުހެއްޔެވެ؟ ނަމްރޫޛާއި ޤާރޫނާއި ފިރިއަޢުނު ފަދަ މީސް މީހުން މިއަދާއިހަމައަށްވެސް ދިރިތިބީސް ނޫންހެއްޔެވެ؟ ދުނިޔޭގެ އެންމެ ބޮޑެތި ބިލިއަނަރުން މަރެއް ނުވާނެ ނޫންހެއްޔެވެ؟ ދުނިޔޭގެ ވެރިކަންކުރަމުންދާ އެމެރިކާގެ ވެރިންވެސް ތިބޭނެ ނޫންހެއްޔެވެ؟ އަދި ސައުދިޢަރަބިޔާގެ ވެރިކަން ކުރެއްވި ރަސްރަސްކަލުންވެސް ދުނިޔޭގައި ތިއްބެވީވެސް ނޫންހެއްޔެވެ؟  

ބާރުގަަދ މުސްލިމް ޤައުމުތަކުގެ ބާރުގަދަ ތަނަވަސް ރަސްކަލުން އަވަހާރަވުމުން ޖަނާޒާގެ މަންޒަރުތައް ޓީވީތަކުން ދައްކައެވެ. ހަށިކޮޅު އުފުލަނީ ހަމައެހެން މީހުންވެސް އުފުލާފަދަ އަށިގަނޑެއްގައެވެ. ފަސްދާނުލެވެނީ ހަމައެކަނި ޤަބުރެވެ. ގަނޑުވަރެއް ރަނެއް ފައިސާއެއް ވަޅެއް ނުލައެވެ. ޖެހިވަޑައިގަންނަވަނީ ހަމަ ދުނިޔެއަށް ދޫކުރައްވާށެވެ. ކައްވަޅުގައި ބަރުޒަޚުގެ ޢާލަމުން ބައްދަލުކުރާނީ ދުނިޔޭގައި ހުންނަވައިގެން ކުރެއްވި ޢަމަލު އެކަންޏެވެ.  

ވީމާ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް މަސައްކަތްކުރަންވީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ޢަމަލުތައް ވީހާ ގިނައިން ކުރުމަށެވެ. އެކަލާނެ ރުހިވޮޑިނުގަންނަވާނެ އެންމެ ޢަމަލެއްވެސް ނުކުރުމަށެވެ. މަރުވުމާއި ހަމައިން އުފާވެރިކަން ލިބެންއޮތީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން