ނަމާދަށް ހުންނައިރު ތިމާގެ ވަށައިގެން ހިނގާ ކަންކަމަށް ނުވިސްނާށެވެ! ސަމާލުކަންވެސް ނުދޭށެވެ! އެކަމުގެ ސަބަބުން ތިމާގެ ނަމާދަށް ލިބިދާނެ ގެއްލުން ބޮޑުކަމުންނެވެ.
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ނަމާދަށް ހުންނައިރުގައިވެސްއޭނާގެ ބޯ އަނބުރައިގެންވެސް ފަރާތް ފަރާތަށް ބެލެއެވެ. އަދި ކަޅި ހިންގައިގެންވެސް ބެލެއެވެ. އެހެންކަމުން އެކަމުގެ ޙުކުމް އެނގުމަކީ ވަރަށް މުހިންމުކަމެކެވެ.
وَعَنْ أَنَسٍ رَضِيَ اللَّهُ عَنْهَ قَالَ: قَالَ لِي رَسُولُ اللَّهِ صلَّى اللَّهُ عَلَيْهِ وَسَلَّمَ (إِيَّاكَ وَالْاِلْتِفَاتَ فِي الصَّلاَةِ، فَإِنَّ الْاِلْتِفَاتَ فِي الصَّلاَةِ هَلَكَةٌ. فَإِنْ كَانَ لاَبُدَّ، فَفِي التَّطَوُّعِ، لاَ فِي الْفَرِيضَةِ.) (رَوَاهُ التِّرْمِذِيُّ)
މާނައީ: "أَنَسٍ رَضِيَ اللَّهُ عَنْهَ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ތިމަންނާއަށް رَسُولُ اللَّهِ صلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "ތިބާ ނަމާދަށްހުރެ، ފަރާތްފަރާތަށް ބެލުމާމެދު ރައްކާތެރިވެ ހުންނަހުށިކަމެވެ. ފަހެ، ހަމަކަށަވަރުން، ނަމާދަށް ހުރެ ފަރާތްފަރާތަށް ބެލުމަކީ، ނަމާދު ބާޠިލުވެ، ބަރުބާދުވެދާނެ ކަމެކެވެ. ފަހެ، ކޮންމެހެން ބަލައިލަންޖެހިއްޖެނަމަ، ސުންނަތް ނަމާދުގައި ބޯއަނބުރާ ބަލައިލެވިދާނެތެވެ. ނަމަވެސް ފަރުޟު ނަމާދުގައެއްނޫނެވެ."
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: سَأَلْتُ رَسُولَ اللَّهِ صلَّى اللَّهُ عَلَيْهِ وَسَلَّمَ عَنِ الْاِلْتِفَاتِ فِي الصَّلاَةِ، فَقَالَ: "هُوَ اخْتِلاَسٌ يَخْتَلِسُهُ الشَّيْطَانُ مِنْ صَلاَةِ الْعَبْدِ". (رَوَاهُ الْبُخَارِيُّ) މާނައީ: "أُمُّ الْمُؤْمِنِيْنَ عَائِشَةَ رَضِيَ اللَّهُ عَنْهَا ގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. ނަމާދަށްހުރެ ފަރާތްފަރާތަށް ބެލުމާ ބެހޭގޮތުން، رَسُوْلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އަރިހުން ތިމަންކަމަނާ ސުވާލު ދެންނެވީމެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެއީ، އިންސާނާގެ ނަމާދުން ޝައިޠާނާ ސިއްރުން ޖަހައިގަންނަ ޖަހައިގަތުމެކެވެ."
އެބަހީ: ނަމާދަށް ހުންނަ މީހާ، ކަނާތަށާއި ވާތަށް އެނބުރި އުޅުމުން، ނަމާދުން އޭނާއަށް ލިބެންވާ ޘަވާބާއި ދަރުމަ އުނިކުރުމަށްޓަކައި ޝައިޠާނާ އޭނާއަށް ދޭ ވަސްވާހުން ކުރާކަމެކެވެ.
-ޙަދީޘް މާނަކޮށްދެއްވީ: ޝައިޚް މުޙައްމަދު ލަޠީފް