ތަނަވަސްކަން ލިބުމުން އެކަން ޙާޞިލުކުރެވުނީ ތިމާގެ މޮޅުކަމުން ކަމަށް ޤަބޫލުކުރާ ބައަކު އުޅެއެވެ. އެމީހުން ބުނެއުޅެއެވެ/ "މިތަނަވަސްކަން ލިބުނީ އަހަރެންގެ މޮޅު ވިސްނުމުންނެވެ." ނަމަވެސް މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އަދި މިއީ ﷲ ތަޢާލާ އެންމެ ބޮޑު ތަނަވަސްކަމެއް ދެއްވެވި ޤާރޫނުގެ ބަހެވެ. ﷲ ތަޢާލާ ވަނީ ޤާރޫނު ދިރިހުއްޓައި އޭނާގެ ތަނަވަސްކަމާއިއެކު ބިމުގެ އަޑިއަށް ގަންބަވައިގެންފައެވެ. އަދި އޭނާއަށް ޤިޔާމަތާއި ހަމައަށްވެސް ހުންނަން ޖެހޭނީ އެގޮތުގައެވެ.
ޙަޤީޤަތަކީ އެމީހާގެ ވިސްނުން ތޫނުކަމުން ނުވަތަ މޮޅުކަމުން ތަނަވަސްކަން ލިބިފައިވާ ހަމަ އެކަކުވެސް ނުހުންނާނެ ކަމެވެ. ވިސްނުން ދެއްވަވަނީ ﷲ ތަޢާލާއެވެ. އެއީ އެއްވެސް މީހެއްގެ މޮޅުކަމުން ލިބޭ އެއްޗެއް ނޫނެވެ.
ނިކަން ބަލައިބަލާށެވެ! ދުނިޔޭގެ އެންމެ ބޮޑެތި ބިލިއަނަރުންގެ ތެރޭގައި ޔުނިވަރސިޓީއަކުން ޑިގްރީއެއް ލިބިފައިވާ މީހަކުވެސް މަދުވާނެއެވެ. އެމީހުންނަށް ކުރިއަރައިދިއުމުގެ ވިސްނުން އެލިބެނީ ކޮން އެއްޗެއް ކިޔަވައި މޮޅުވެގެން ހެއްޔެވެ؟ ﷲ ތަޢާލާ ދެއްވެވުމުން ނޫން ހެއްޔެވެ؟ ކިތަންމެ މޮޅަށް ކިޔެވިނަމަވެސް ގޯސްކޮށް ކަންކަން ކުރެވޭ ނޫން ހެއްޔެވެ؟ އެވާގޮތަކަށް ވިސްނާލުމުން މިދެއްކި ވާހަކައިގެ ޙަޤީޤަތް އެނގޭނެއެވެ.
ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ޤާރޫނު ބުންޏެވެ. "މިއީ އަހަރެންގެ މޮޅުކަމުން ލިބުނު ތަނަވަސްކަމެވެ." އެހެންބުނީ ޤާރޫނުގެ ކަންކަން ނިމިގެންދިއަ ގޮތަށް ވިސްނާށެވެ. އެފަދަ ބަސްތައް ނުބުނާށެވެ! އެއްވެސް މީހެއްގެ މޮޅުކަމަކުން އެއްވެސް މީހަކަށް ޙާޞިލުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ ﷲ ތަޢާލާ އެކަމެއް ހިންމަވައިދެއްވެވުމުންނެވެ. ވީމާ ބަސްބުނާއިރު މިކަންކަމަށް ވިސްނައިގެން ބަސްބުނާށެވެ.
ހަމަ އެއާއިއެކު ވީހާ ގިނައިން ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. ފަޤީރުންނަށް ހޭދަކުރާށެވެ! ﷲ ތަޢާލާ މާބޮޑުތަނުން އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން