މައިދައިތަގެ ބޯގޮއްވުން އިންތިހާއަށް ބޮޑުއިރުވެސް ކެތެރިވި އަންހެނަކު އެކަންކުރި ސަބަބާ އެކަމުން ކުރި ފައިދާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
މައިދައިތަގެ ބޯގޮއްވުން އިންތިހާއަށް ބޮޑުއިރުވެސް ކެތެރިވި އަންހެނަކު އެކަންކުރި ސަބަބާ އެކަމުން ކުރި ފައިދާގެ ވާހަކަ-

އަމިއްލަ މަންމަފަދަ ހެޔޮ މައިދައިތައިން ތިބޭއިރު އެއިގެ ދިމާ އިދިކޮޅު މައިދައިތައިންވެސް ތިބެއެވެ. ގިނަ މަދުމިނުގެ ބަޙުސް ކުރުމެއް ނެތެވެ. މުހިންމީ އެމީހަކަށް ކުރިމަތިވާ މައްސަލަތަކާއިއެކު ދިރިއުޅެ ދިރިއުޅުން ކާމިޔާބުކުރުމެވެ.

އިސްލާމް ދީނުގައި ހުއްދަވެފައި އޮތުމުން ފިރިހެނުންނަށް އެއް އަންތބަށްވުރެ ގިނަ އަނބިން ގެންގުޅެވިދާނެއެވެ. އަދި އަންހެނުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީވެސް އަނބިންގެ މެދުގައި ހަމަހަމަކުރާނަމަ އެކަމަށް ކެތްތެރިވުމެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ހިތްދަތި ކަމެކެވެ. އަންހެނުންގެ ނަފްސަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބޭ ކަމެއްވެސް މެއެވެ.

މިއީ ދެބަސްވެވެން އޮތް ކަމެއް ނޫނެވެ. ރަސޫލް ވަނީ އަނބިންނަށް ހަމަހަމަ ކުރެއްވެވުމުގައި އުންމަތަށް ނަމޫނާ ދައްކަވައިފައެވެ. ނަމަވެސް އަނބިކަނބަލުންގެ ހިތްޕުޅުގައި އުފެދިފައިވަނީ ހިތްދަތިކަން ކަމާއިމެދު ދެބަސްވެވޭކަށް ނެތެވެ. އެކަންކަމަށް ކެތް ނުކުރެއްވެވިގެން ފުރައްސާރަކުރެއްވެވުމުގެ ބަސްފުޅުތައް ވިދާޅުވެފައިވާކަން ޙަދީޘްފުޅުތަކުން ސާބިތުވާން އޮތްއިރު އަހަރެމެންގެ ޙާލު ހުންނާނީ ކިހިނަކުން ހެއްޔެވެ؟  

އަޅުގަނޑު މިކަން މިހާމަކުރީ އެއްވެސް ޙާލެއްގައި އުޚުތު ޖަމީލާއަށް ރައްދެއް ދޭކަށް ނޫނެވެ. ނަމަވެސް އުޚުތު މިކަން ބަޔާން ކުރައްވަން ފަސްޖެހިލެއްވުމުން ޖަމީލާގެ ވާހަކައިން އުނިވެފައި އޮތްބައި ފުރިހަމަކޮށްލުމަށެވެ.  

ޖަމީލާ ބުނެފައި އެވަނީ އޭނާއަށް ދަރިއަކު ނުލިބި ލަސްވުމުން ކުރަންޖެހުނު ހިތާމައިގެ ވާހަކައެވެ. އެއްވެސް ޝައްކެއްނެތެވެ. އެއީ ވެސް ހަމަ ވަރަށް އަސަރުކުރާނެ ކަމެކެވެ. ނަމަވެސް ގޭގެ ވެރިކަން ކުރަމުން އައި އަންހެނަކު ގޮތަކަށް ގެއިން ބޭރުކުރެވެނީއެވެ. ދިރިއުޅޭ މައި ފަންގިފިލާ ނޫން ފަންގިފިލާއަކަށް ބަދަލުކުރެވުނީއެވެ. ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރީއެވެ. ގޭގެވެރިކަމަށް އެހެން އަންހެނަކު އިސްކުރެވުނީއެވެ. ކިތަންމެ ރީތި ޢިބާރާތެއް ބޭނުންކުރެވުނުނަމަވެސް މިޙާލަތަށް ކިޔަންޖެހޭނީ ބާކީވުމެވެ.  

އެޙާލަތުގައި ފިރިމީހާ ދެވަނަ އަންތބަކު ގޮވައިގެން ލޯބިން ދިރިއުޅޭތަން ބަލަންޖެހުން ސިފަކުރަންޖެހޭނީ ހިތަށް އަލިފާނުން ހޫނުކުރުމަށްވުރެ ލިބޭނެ އަނިޔާ ބޮޑުކަމެއް ކަމަކަށެވެ. މެޔަށް ދޮންދަގަނޑު ހެރުން ފަދަ ކަމަކަށެވެ.  

އަޅުގަނޑަށްވެސް ހަމަ އެފަދަ ޙާލަތެއް މެދުވެރިވާން އުޅުނެވެ. މައިދައިތަ ބަލަން ޖެހުމުންނެވެ. އަދި އަޅުގަނޑުގެ މައިދައިތައަކީ ފިސާރި މައިދައިތައެކެވެ. އަނގަ ހުއްޓާލާ ވަގުތެއް ނާންނާނެއެވެ. ނުބެހޭ ކަމެއް ނޯންނާނެއެވެ. ބާޒާރުން އެންމެ ކުޑަމިނުން ކާބޯތަކެތިގަނެގެން އައިނަމަވެސް އެއެއްޗެތި ބަލައި ގަތްއަގުވެސް އޮޅުންފިލުވާނެއެވެ.  

އަޅުގަނޑު ކިރައިލީ ދެކަމެކެވެ. މައިދައިތަގެ ސަބަބުން ސިކުނޑިއަށް ލިބޭނެ ބުރައާއި މައިދައިތަ ބަލަން ދެކޮޅު ހެދުމުން އަޅުގަނޑު ދޫކޮށްލައިފިނަމަ ނުވަތަ ދެވަނަ އަންތބަކު ހޯދައިފިނަމަ އަޅުގަނޑަށް ކުރާނެ އަސަރެވެ. ލިބޭނެ ނިކަމެތި ކަމެވެ. އެދެކަންތައް ކިރާލުމުން އަޅުގަނޑަށް ވިސްނުނީ މައިދައިތަގެ ސަބަބުން ސިކުނޑިއަށް ވާނެ އުނދަގުލުގައި އެއްވެސް ބުރަދަނެއް ނެތްކަމަށެވެ. ފިރިމީހާ އަޅުގަނޑު ދޫކޮށްލައިފިނަމަ ނުވަތަ ދެވަނަ އަންތބަކު ހޯދައިފިނަމަ އަޅުގަނޑަށް ކުރާނެ އަސަރާއި ލިބޭނެ ދެރަ މާބޮޑުވާނެ ކަމަށެވެ. އެހެންވެ އަޅުގަނޑު އިޚްތިޔާރުކުރީ ކޮންމެ ޙާލެއްގައިވެސް މައިދައިތަ ގޮވައިގެން ދިރިއުޅޭށެވެ.  

އެކަމުން ކުރި ފައިދާވެސް ވަރަށް ބޮޑުވިއެވެ. ފިރިމީހާގެ ހިތުގައި އަޅުގަނޑަށް ލޯބި އިތުރުވިއެވެ. އަދި އަޅުގަނޑަށާއި އަޅުގަނޑުގެ ޢާއިލާއަށް އަޅައިލުން އެތައް ގުނައަކަށް އިތުރުވިއެވެ.  

މިފަދަ ވާހަކަތައް ހިއްޞާނުކޮށް މިހާރު ތިބެވޭކަށް ނެތެވެ. ކާމިޔާބީ އާއި ނާކާމިޔާބީ ހިއްޞާކޮށްގެން ނޫނީ ދިރިއުޅުން ކާމިޔާބުކުރެވޭކަށް ނެތެވެ. އަނގަ ހުޅުވަން ލަދުން ތިބެގެން އެއްވެސް ކަމެއް ޙައްލުކުރެވޭކަށް މިހާރަކު ނެތެވެ. އަޅުގަނޑު އެދެނީ ހަމަ ހުރިހާ އުޚުތުންވެސް މިބާވަތުގެ ކަންކަމުގައި މައުލޫމާތު ހިއްޞާކުރުމެވެ. އެމީހެއްގެ ތަޖުރިބާތައް ކިޔައިދިނުމެވެ. އެއިރުން ކޮންމެވެސް ބައަކަށް އެކަމުގެ ފައިދާ ކުރާނެތީއެވެ. އިން ޝާ ﷲ  

އަޅުގަނޑު އެދެނީ އަޅުގަނޑުގެ ވާހަކައަށްވެސް ފާޑުވިދާޅުވުމެވެ.

 

- ސަޢީދާ މުޙައްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން