ރަވާތިބް ސުންނަތްތަކަށް ރައްކައުތެރިވުމުގެ މުހިންމުކަން އެންމެންނަށްވެސް އެނގޭނެއެވެ. މެންދުރުނަމާދުގެ އިހު ސުންނަތުގެ ޚާއްޞަކަންވެސް އެނގޭނެއެވެ. އެހެންކަމާއިއެކުވެސް ކިރިޔާ ޖަމާޢަތް ލިބޭވަރަށް މިސްކިތަށް އަރާ މީހުންނެވެސް އެޅޭތީ ހަނދުމަކޮށްލައިދޭނަމެވެ. އިން ޝާ ﷲ
ސުވަރުގެ އެދޭމީހާ މި ލިޔުމުގައިވާ ޙަދީޘްފުޅަށް ޢަމަލުކުރުން ކިތަންމެހައިވެސް މުހިންމެވެ. ސުވަރުގެ ލިބުންވަނީ އެކަމަށް އެދިގެން މަސައްކަތްކުރާ ބައަކަށެވެ. ކަންނެތްވެ އަތް އުރާލައިގެން ދުނިޔަވީ ކަންކަމުގައި ބިޒީކަންމަތީގައި ތިބެގެން އެކަން ޙާޞިލުވުމަށް އުންމީދުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟
އުޑުގެ ދޮރުކޮޅުތައް ހުޅުއްވިގެންދާ ވަގުތެއްގައި ތިބާގެ ހެޔޮ އަމަލެއް އުފުއްލެވިގެން ގޮސް އެ ދޮރުކޮޅުތަކުން ވަދެގެން ދިއުމަށް ނުއެދޭނީ ކާކު ހެއްޔެވެ؟ ތިބާއަކީ އެފަދަ ފުރުޞަތަކަށް އެދޭ މީހަކު ނަމަ މެންދުރު ނަމާދަށް ގޮވުމުގެ ކުރިން މިސްކިތަށް ގޮސް ހުރެ އެކަމަށް މަސައްކަތް ކުރާށެވެ!
"މެންދުރު ނަމާދުގެ ވަގުތު ނަބިއްޔާ (ﷺ) މެންދުރު ނަމާދުގެ އިހު ސުންނަތުގެ 4 ރަކްޢަތް ކުރައްވަވައެވެ. އަދި ޙަދީޘްފުޅު ކުރެއްވެވިއެވެ.
ހަމަކަށަވަރުން މިވަގުތަކީ އުޑުގެ ދޮރުކޮޅުތައް ހުޅުއްވައިލެއްވޭ ވަގުތު ކޮޅެކެވެ. އެހެންކަމުން މިވަގުތުކޮޅުގައި ތިމަންކަލޭގެފާނުގެ ކިބައިން ޞާލިޙް އަމަލެއް އުފުއްލެވިގެން ދިއުމަށް ތިމަން ކަލޭގެފާނެ ލޯބި ކުރައްވަމެވެ."
(މަޢްލޫމާތު: އަލްތިރްމިޒީ 478)
ޙަދީޘް މާނަކުރެއްވީ: ޝައިޚް އަހްމަދު ރިމާޒް