އަބަދުވެސް ބުނެވޭ އެއްވާހަކައަކީ ސުވަރުގެ ހައްދަވާފައިވަނީ އެއްވެސް ފާފައެއް ނުކުރެވޭ މީހުންނަށް ނޫންކަމަށެވެ. އެއްވެސް ފާފައެއް ނުކުރެވޭ މީހުން އެކަނި ސުވަރުގެ ވައްދަވާނަމަ ސުވަރުގެ ވައްދަވާނެ ބައަކު ނުތިބީހެވެ. އެންމެންނަށްވެސް ފާފަކުރެވޭތީއެވެ. ސުވަރުގެ ހެއްދެވިއިރުވެސް ކޮންމެ އިންސާނަކީވެސް ފާފަކުރެވޭނެ މީހަކުކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
ފާފަކުރެވޭތީ ކަންބޮޑުވާކަށް ނުޖެހެއެވެ ބުނެވިއްޖެނަމަ ބައެއް މީހުން ރުޅިވެސް އަތުވެދާނެއެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެވެ. ކޮންމެ އާދަމްގެދަރިއަކީވެސް ފާފަކުރެވޭނެ މީހަކުކަން ﷲ ދެނެވޮޑިގެންވެއެވެ.
ވިސްނާށެވެ! ކަންބޮޑުވާންޖެހެނީ އެހެން ކަމަކަށެވެ. އެއީ ތައުބާ ނުވެވުމެވެ. ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. މިވާހަކަތައް މިހާ ގިނައިން ހަނދާންކޮށްދޭން މިޖެހެނީ ކޮންމެ ދުވަހަކުވެސް އެއްޒާތެއްގެ ސުވާލުތައް ކުރާތީއެވެ.
"މިވެނި ފާފައަކުން ތައުބާވުމުންވެސް، ކުރެވިއްޖެއެވެ. އަނެއްކާވެސް ތައުބާވެއްޖައީމެވެ. އަނެއްކާވެސް ކުރެވިއްޖެއެވެ. ދެންވެސް ތައުބާ ޤަބޫލުފުޅުކުރައްވަވާނެހެއްޔެވެ؟"
ޖަވާބަކީ ފާފަ ނުކުރަން ޢަޒުމް ކަނޑައަޅައިގެން މަސައްކަތްކުރާށެވެ! މަސައްކަތްކުރަނިކޮށްވެސް ފާފަކުރެވުނީއެވެ. ދެންވެސް ތައުބާވާށެވެ! ލަސްވެސް ނުކުރާށެވެ! ފާފަކުރެވުމާއިއެކު ތައުބާވާށެވެ! މައްސަލައަކަށްވާނީ ފާފަކުރުންމަތީގައި މަރުވެއްޖެނަމައެވެ. ތައުބާނުވެވިހުއްޓައި މަރުވެއްޖެނަމައެވެ. އެއިރުން ތިބާއަށް ކުރެވުނު އެންމެ ފަހު ޢަމަލަކީ ފާފައަކަށްވާނެތީއެވެ. ތައުބާވެގެން ހުއްޓައި މަރުވެއްޖެނަމަ އެއީ ރަނގަޅު މަރެކެވެ.
ވީމާ ފުރަތަމަ ކަމަކަށް އަހުރެމެންނަށް އޮތީ ފާފަނުކުރަން މަސައްކަތްކުރުމެވެ. ފޭލްވެ ފާފަކުރެވިއްޖެނަމަ އޮތީ ތައުބާވުމަށް އަވަސްވެގަތުމެވެ. ސަމާލުކަންދޭންވީ ފާފަކުރުންމަތީގައި މަރުވާ މީހަކަށް ނުވުމަށެވެ. އެކަމަށް ބިރުވެތިވެވޭނަމަ އެކަމަށް އެމީހަކަށް މަގުފަހިކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން