ކިތަންމެ ބޮޑު ޢިލްމުވެރިއަކު ބުނިނަމަވެސް އަދި ކިތަންމެ މަތީ މީހަކު ބުނި ނަމަވެސް އަދި ކޮންމެ މީހަކު ބުނި ނަމަވެސް އެއްވެސް ވަރަކަށް ޤަބޫލުކޮށްގެން ނުވާނެ ވާހަކައެއް އޮންނާނެއެވެ. އެއީ މުސްތަޤްބަލުގައި ތިބާއަށް ކަންކަން މެދުވެރިވާނެގޮތެވެ.
ކަންކަން ވާނެ ގޮތް ނުވަތަ ޣައިބުގައިވާ ކަންކަން ދެނެވޮޑިގަތުމަކީ ހަމައެކަނި ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ސިފަފުޅެކެވެ. އެކަން ޤުރްއާނުން ޔަޤީން ކުރެވެން އޮއްވައި އެއްވެސް މީހަކު ދައްކާ އެބާވަތުގެ ކިތަންމެ ކުޑަ ވާހަކައެއް ނަމަވެސް ޤަބޫލުކުރުމަކީ ޝިރުކުކުރުމުގެ ތެރެއިން ހިމެނޭނެ ކަމެކެވެ.
އެހެނެއް ނޫނެވެ. ލޮލަށް ފެންނަމުންދާ ކަންކަމަށް ބަލައި، އޭނާއަށް ލިބިފައިވާ ތަޖުރިބާގެ ޢަލީގައި ތިއަކަންކަން މިހެންވަމުންދާނަމަ ފަހަރެއްގައި މިވެނިގޮތެއް މެދުވެރިވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެވިދާނެއެވެ. އެފަދަ ޙާލަތަކަށް ވިސްނައި ރައްކައޔތެރިވުމަށް ނަޞޭޙަތް ދެވިދާނެއެވެ. އެއިރުން އެއީ ޣައިބު އެނގޭކަމަށް ބުނުމެއް ނޫނެވެ.
ދަރިން ނުބައި އެކުވެރިންނާއިއެކު އުޅޭނަމަ އެނުބައި ކުދިން ފަދަ ދަރިއަކަށްވެދާނެކަމަށް ބުނުމަކީ ޣައިބުއެނގޭކަމަށް ބުނުމެއް ނޫނެވެ. ނަމަވެސް ކުއްޖަކު ރަނގަޅަށް އުޅެމުން ދަނިކޮށް ކުރެވޭ ލަފައެއްގެ މައްޗަށް ބަލައި ނުވަތަ އަތްބަލާފައި ނުވަތަ ހިސާބުޖަހާފައި ނުވަތަ އެނޫންވެސް އެފަދަ ކަމެއްކޮށްފައި ކުއްޖާއާއިމެދު އެފަދަ ބަހެއް ބުނެގެން ނުވާނެއެވެ.
އަދިވެސް އެއްކަންތައް ފާހަގަކޮށްލަން ބޭނުމެވެ. ކުއްޖެއްގެ ޢަމަލުތައް ކޮންމެ ގޮތަކަށް ހުއްޓަސް އެކުއްޖާ މުސްތަޤްބަލުވާނެ ގޮތް ކަނޑައަޅައި ޔަޤީންކަމާއިއެކު ބުނެގެން ނުވާނެއެވެ. ވަކިހިސާބަކުން އިޞްލާޙްވެ ވަރަށް ރަނގަޅު ކުދިންނަށް ބަދަލުވެފައިވަނީވެސް މަދަކުން ނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން