ރޫޙާނީ ވަޒީފާއަކީ ޤުރްއާނާ ގުޅުންބަދަހިކުރުން ކަމަށް ހަދައިފި މީހަކަށް ދިރިއުޅުމުގެ ހުރިހާ ކަމަކުންވެސް ކުރިއެރުން ލިބޭނެ! އިން ޝާ ﷲ

ކިޔުމަށް ހޭދަވާނީ 2މ 39ސ
ރޫޙާނީ ވަޒީފާއަކީ ޤުރްއާނާ ގުޅުންބަދަހިކުރުން ކަމަށް ހަދައިފި މީހަކަށް ދިރިއުޅުމުގެ ހުރިހާ ކަމަކުންވެސް ކުރިއެރުން ލިބޭނެ! އިން ޝާ ﷲ

ޢާއިޝަތު ރަފާޙް ޢަލީ

 

އަޅުގަނޑުމެންނާއި މާތް ﷲ އާއި ދެމެދު އޮންނަ ގުޅުމަކީ ވަރަށް ޚާއްޞަ އަދި މުހިންމު ގުޅުމެކެވެ. އެ ގުޅުން ބިނާވެފައި އޮންނަންވާނީ ހަމައެކަނި އަޅުގަނޑުމެންގެ ބޭނުންތައް ފުއްދުމަށް ނޫނެވެ. އެހެނަސް އެކަލާނގެއަށް ލޯބިކުރުމާއި ޝުކުރުވެރިވުމާއި އަދި އެކަލާނގެ ރުއްސެވުން ހޯދުމަށްޓަކައެވެ. 

މާތް ﷲ އަކީ އޯގާވަންތަ، ދީލަތިވަންތަ، އަދި މާތްވެގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ އަޅުތަކުންނަށް ދެއްވައެވެ. އެހެނަސް އަޅުގަނޑުމެން ހަނދާންކުރަންވީ، އެކަލާނގެއަށް ނުދެއްވުމުގެ އިޚްތިޔާރުވެސް ލިބިވޮޑިގެންވާކަމެވެ. އެހެންކަމުން، އަޅުގަނޑުމެން އެކަލާނގެއަށް ދުޢާކުރާއިރު، ދުޢާކުރަންވާނީ ތަވާޟުޢުވެރިކަމާއި އަދި އިޚްލާޞްތެރިކަމާއެކުއެވެ. 

އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ ދަތިއުނދަގޫތަކަކީ އަޅުގަނޑުމެންނަށް ލިބޭ ރަޙްމަތެއްގެ ގޮތުގައި ބަލައިގަތުމަކީ މުހިންމު ކަމެކެވެ. ކުރިމަތިވާ ދަތިތަކަށް ކެތްތެރިވެ މާތް ﷲ އާ އިތުރަށް ގާތްވެ، އެކަލާނގެއާ ދެމެދު ގުޅުން ބަދަހިކުރަން މަސައްކަތްކުރަންވާނެއެވެ.

އަދި އެކަލާނގެ ދެއްވަވާ ނިޢުމަތްތައް ބޭނުންކުރަންވާނީ އެކަލާނގެއަށް ކިޔަމަންތެރިވުމަށެވެ. އެކަލާނގެއަށް އުރެދުމަށް އެ ނިޢުމަތްތަކުގެ ބޭނުން ހިފުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

ދިރިއުޅުމުގައި އަޅުގަނޑުމެން އެންމެ އަހަންމިއްޔަތުކަން ދޭންޖެހޭ ކަންކަމާ މެދު ވިސްނާލުމަކީ މުހިންމު ކަމެކެވެ. ވަޒީފާއަކީ ޙަލާލު އަދި ﷲ ރުހިވޮޑިގަންނަވާ ކަމެކެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ދިރިއުޅުމުގައި އެހެނިހެން މުހިންމު ދާއިރާތަކަށްވެސް އެކަށީގެންވާ ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. 

އެންމެ މުހިންމު ކަމަކީ ކީރިތި ޤުރުއާނާއެކު ދެމިހުރެ، އެ ފޮތާ ގުޅުން ބަދަހިކުރުމެވެ. ކޮންމެ ދުވަހަކު މަދުވެގެން އެއް އާޔަތް ނަމަވެސް ކިޔެވުމަށް ވަގުތުކޮޅެއް ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ 5 މިނެޓް ނަމަވެސް، ނުވަތަ 30 މިނެޓް ނަމަވެސް، އެ ވަގުތަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާ އަގުހުރި ވަގުތެކެވެ. އަދި އަމިއްލަ ނަފްސު ތަރުބިއްޔަތު ކުރުމަށް ވަގުތު ހޭދަކުރުމަކީ އަޅުގަނޑުމެންގެ ދުނިޔަވީ އަދި އާޚިރަތުގެ ކާމިޔާބީއަށް ވަރަށް މުހިންމު ކަންކަމެވެ. 

މިސާލަކަށް ކީރިތި ޤުރްއާނުގައި ސޫރަތު މަރްޔަމްގައި ބަޔާންކުރެވިފައިވާ ވާހަކަތަކުން އަޅުގަނޑުމެންނަށް ގިނަގުނަ ޢިބްރަތްތައް ލިބިގަނެވެއެވެ. އަދި ޒަކަރިއްޔާގެފާނުގެ ވާހަކައިން އަޅުގަނޑުމެންނަށް ދަސްވަނީ ކެތްތެރިކަމާއި، އަޅުކަމުގައި ދެމިހުރުމާއި، އަދި ﷲ ގެ ޙަޟްރަތައް ދުޢާކުރުމުގެ މުހިންމުކަމެވެ. 

ޚުލާޞާކޮށް ދަންނަވާނަމަ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި ހުރިހާ ދާއިރާއަކަށްވެސް އެކަށީގެންވާ ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. ވަޒީފާގެ ޒިންމާތައް އަދާކުރުމާއެކު، އަޅުގަނޑުމެންގެ ރޫޙާނީ ދިރިއުޅުމަށްވެސް އިސްކަންދީ، ޤުރުއާނާއި ސުންނަތުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަންކުރުމަށް މަސައްކަތްކުރަންވާނެއެވެ.

ނިންމާލަމުން ދަންނަވާނީ، އަޅުގަނޑުމެން ކޮންމެ މީހަކުވެސް މާތްﷲ އާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ވަރުގަދަކުރުމަށް މަސައްކަތްކުރަންވާނެއެވެ. އެކަލާނގެއަށް އަޅުކަންކުރުމާއި، ޤުރުއާން ކިޔެވުމާއި، ހެޔޮ ޢަމަލުތައް ކުރުމާއި، އަދި އެކަލާނގެއަށް ދުޢާކުރުމަކީ އެ ގުޅުން ވަރުގަދަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެކެވެ.

 

- ދިރިއުޅުމާ ޤުރްއާން / މިއަދުނޫސް

 

                   

މިއަދު އޮންލައިން