މީސްތަކުންގެ ތެރެއިން އެމީސްމީހުން ދުނިޔޭގައި އުޅުނުއިރު އެކަމަކާއިގެން ފިތުނަވެރިވެ އުޅުނުކަމެއްގެ މަތީގައި محشر އަށް ފޮނުއްވޭ މީހުން ތިބޭހުއްޓެވެ. ފަހެ عُودُ ފަދަ ކުޅިވަރުގެ ތަކެއްޗާއިގެން މުޅި عمر ގައި އުޅޭމީހުން ކަށްވަޅުން ތެދުވާއިރަށް އެތަކެތި އައިސް އަތަށް އަރައިދާނެއެވެ. ދެން އެއްލާލައިފައި ހުއްޓެވެ. އަނެއްކާއައިސް އަތަށް އަރައިދާނެއެވެ. އެމީހާ ބުނާނެޔޭ އަހުރެންނާއި ފޭވާށެވެ. ކަލެޔާހުރެ އަހުރެނަށް ކަލާނގެކިބައަށް އަޅުކަމެއް ذِكر އެއްވެސް ނުވިއެވެ. އެތަކެތި ބުނާނެޔޭ ތިޔަހެންނުވާނެޔޭ. މަށަކީ ކަލޭގެ އެކުވެރިޔާއެވެ. މާތްރަސްކަލާނގެ ނިޔާކުރައްވައިފުމަށް ދާނދެންވެސް ވަކިވުމެއް ނެތެވެ. މިކަމުގެ އުދަގުލުގައި އުޅެމުން محشر އަށް ދާހުއްޓެވެ.
ރާބޮއި އަމަލުވާތަކެތިކައި މަސްތުވާމީހުން އެމަސްތުގެ حَالُ ގައި مَحْشَر އަށް ދާހުއްޓެވެ. صَحيح حَدِيث ގައިވެޔޭ. ރާބޯމީހާ محشر ފޮނުއްވޭ ހިދުގައި އެމީހާގެ ކަރުގައި كُوْسُ އެޅުވިގެންވާ ހުއްޓެވެ. قَدَحَ އަތުގައި ހުންނަހުއްޓެވެ. އެތަކެތީގެ ކުނިވަސް ބިންމަތީގައިވާ ކޮންމެ އެއްޗަކަށްވުރެ ގަދަވާނެއެވެ. އެވަހުގެ ނުބައިކަމުން އެމީހާޔާއި ބައްދަލުވާ ކޮންމެމީހަކު އެމީހާޔަށް لَعْنَة ލާހުއްޓެވެ.
ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން-