ލޯތްބާއެކު ޞުލްޙަވެރި ދިރިއުޅުމެއް ނުއުޅެވޭނެނަމަ އެކުގަ އުޅުމުން ދެމަފިރިންގެ އިތުރަށް ދަރިންނަށް ލިބޭ އަނިޔާވެސް މާބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ލޯތްބާއެކު ޞުލްޙަވެރި ދިރިއުޅުމެއް ނުއުޅެވޭނެނަމަ އެކުގަ އުޅުމުން ދެމަފިރިންގެ އިތުރަށް ދަރިންނަށް ލިބޭ އަނިޔާވެސް މާބޮޑު!

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލައެއްގެ ސަބަބުން ނުވަތަ ކުރިމަތިވާ ކަމެއްގެ ސަބަބުން ނަމަވެސް ބައިވެރިޔާގެ މަތިން ފޫހިވުމުން ދެން ކަންކަން ކުރާނެ ގޮތަކާއިމެދު ގިނަ ބައަކު ކަންބޮޑުވެއެވެ. އެއީ ވަށައިގެންވާ މަޖުބޫރީ ޙާލަތުތަކުގެ ސަބަބުން ވަކިވާން ހުރަސްތަކެއް ހުންނާތީއެވެ. މިބަޔާންކުރަނީ އެފަދަ ޙާލަތުގައި ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތްކަމަށް ޢިލްމްވެރިން ވިދާޅުވާ ބަސްފުޅުތަކުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.  

ޒަވާޖީ ޙަޔާތެއް ވޭތިކުރަމުން ބައިވެރިޔާއަށް ކުށެއް ކުރެވިއްޖެނަމަ އޮތީ ދެގޮތެކެވެ. އެއް ގޮތަކީ ނުވަތަ އެންމެ ރަނގަޅު ގޮތަކީ ކުށްކުރެވުނު މީހާ އިޞްލާޙްވާން ހުރިނަމަ އަދި މާފަށް އެދޭނަމަ މާފްކޮށްފައި އެކުގައި ދިއުޅުމެވެ. ދެވަނަ ގޮތަކީ ދެމީހުން ވަކިވުމެވެ.  

3 ވަނަ ގޮތަކީ އެންމެ ގިނަބައަކަށް ކަންކަން ކުރެވޭ ގޮތެވެ. އަދި އެއީ އެންމެ ނުބައި ގޮތްވެސްމެއެވެ. އެގޮތަކީ މާފްކޮށްފިން ކަމަށް ބުނެފައިވެސް މާފް ނުކުރެވި އަނިޔާވެރިވަމުން އެކުގައި ދިރިއުޅުމެވެ.  

މިތަނުގައި އަނިޔާވެރިވުން މިމާނަކުރަނީ ތަޅައި އަނިޔާކުރުމަކަށް ނޫނެވެ. ނުބައި ބަސްތައް ބުނެ ހިތުގައި ޖެއްސުވުމަކީ އެންމެ ބޮޑުއަނިޔާއެވެ. އަދި ބޭވަފާތެރިވުމަކީވެސް އެންމެ ބޮޑު އަނިޔާއެވެ.  

މިގޮތަށް ޢަމަލުކުރާ މީހުން ދެކެނީ ދަރިން ތިބުމުން ދެމީހުން ވަކިވެއްޖެނަމަ ދަރިންނަށް ގެއްލުންވާނެތީ ދެމީހުން ވަކިވެގެން ނުވާނެ ކަމަށެވެ. ބުނަންހެއްޔެވެ؟ ކުރިން މިބުނި ފަދަ 3 ވަނަ ޙާލަތުގައި ދަރިންނަށް ކަންކަން ދިމާވާނީ ތިއަ ވިސްނާ ގޮތަކަށް ނޫނެވެ. އެކަކު އަނެކަކަށް މާފުނުކޮށް އަނިޔާވެރިވުންމަތީގައި ދިރިއުޅޭނަމަ ދަރިންނަށް ކުރާނެ އަނިޔާ މާބޮޑުވާނެއެވެ.  

މިޘާލަކަށް ދެމީހުން ވަކިވެ ދެތަންވެއްޖެނަމަ ކޮންމެ ދުވަހަކު އެކަކު ދެރަވެ ކަރުނައަޅާތަން ދަރިންނަކަށް ނުފެންނާނެއެވެ. ބުނާ ނުބައިބަސްތަކުގެ އަޑެއްވެސް ދަރިންނަކަށް ނުއިވޭނެއެވެ. އެއިރުން އެކަންކަމާއި ކަންބޮޑުވާކަށްވެސް އަދި ދެރަވާކަށްވެސް ދަރިންނަކަށް ނުޖެހޭނެއެވެ. ވީކަމެއް އޮންނާނީ ވެނިމިފައެވެ.  

އަދި ދެމަފިރިންނަށްވެސް ކަންކަން މެދުވެރިވާނީ މިބުނި ފަދަ ގޮތަކަށެވެ. ދެމަފިރިން ވަކިވުމުން ކޮންމެ ދުވަހަކު އަނިޔާތައް ތަޙައްމަލްކުރާކަށް ނުޖެހޭނެއެވެ. ދުވަސްކޮޅަކު ކަރުނައަޅަން ޖެހުނަސް ކޮންމެވެސް ހިސާބަކުން ހަމައަކަށް އެޅޭނެއެވެ. އަދި ދެވަނަ ޙަޔާތެއް ފަށަންވެސް ފުރުޞަތު ލިބޭނެއެވެ.  

ވިސްނާށެވެ! މާފުނުކުރެވޭނެ ނަމަ މާފްކޮށްފިން ކަމަށް ނުބުނާށެވެ! މާފްކޮށްފިންކަމަށް ބުނަންވާނީ މާފްކުރެވޭނެ ނަމައެވެ. މާފްކޮށްފިން ކަމަށް ބުނެފައި މާފްނުކުރެވި ހިތުގައި ޖެހޭނެ ގޮތަށް ކަންކަން ކުރުމަކީ މާފްނުކުރުމަށްވުރެވެސް މާބޮޑު އަނިޔާއެކެވެ.  

މިރޭވެސް ތަކުރާރުކޮށްލާނަމެވެ. ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެއެވެ. ބައިވެރިޔާއަށްވެސް ތިމާއަށްވެސް ކުށެއް ކުރެވިދާނެއެވެ. މައްސަލައަކަށް މިވަނީ އެކަން ފަޅާއެރުމުންނެވެ. އަޞްލަށް ބަލާށެވެ! ކަންކަން ހިނގަމުން އަންނަ ގޮތަށް ބަލާށެވެ! ކުރެވޭ ކުށް ފަޅާއެރުމަކީ ކުސްކުރެވުނު މީހާއަށް އެންމެ ފައިދާ ބޮޑު ގޮތެވެ. އެހެންވެ އެއީ ލައްވަވާ ރަޙްމަތެއް ކަމަށްވެސް ބުނެވެއެވެ.  

ސަބަބަކީ އެއީ އެމީހަކު އެކަމުން ސަލާމަތްވާން ދެއްވަވާ ފުރުޞަތެކެވެ. އެއީ ޝުކުރުކުރަންޖެހޭ ބޮޑު ނިޢްމަތެކެވެ. އެފަދަ ނިޢްމަތެއް ދެއްވަވާނީވެސް އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އޮތުމުން ކަމަށް ޤަބޫލުކުރާށެވެ! އެޙާލަތުގައި ކުށްކުރެވުނު މީހާ އިޞްލާޙްވާން އެއްބަސްވާނަމަ އަވަހަށް މާފްކުރާށެވެ! އެކަމަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ.  

ނަމަވެސް އެއީ މާފްކުރުމުގެ ޙަޤީޤީ މާނައިގައި މާފްކުރުމުންނެވެ. މިބަހުގެ މާނައަކީ މާފްކުރުމަސްފަހު އެކަމުގެ ވާހަކަ ދެއްކުމެއްވެސް އަދި ބަދަލުހިފުމެއްވެސް ނެތެވެ. އެހެން ނޫންނަމަ އެއީ މާފްނުކުރެވެނީއެވެ.  

އެއިގެ އިތުރުން މާފްކުރުމުން އޭނާ އެކަމަށް ޝުކުރުވެރިވާނެއެވެ. ކުރިއަށްވުރެ މާލޯބިން ކަންކަން ކުރާނެއެވެ. މާހެޔޮކޮށް ކަންކަން ކޮށްދޭނެއެވެ. އެކަމުން ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުން މާބޮޑުވާނެއެވެ. މިއީ މިކަން ހިނގަމުން އަންނަ ގޮތެވެ. ގިނަ ބައަކު މިކަން ތަޖުރިބާކޮށްފައިވާ ގޮތެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން