ޢިބްރަތްތެރި ޥާހަކަ: ކައިވެނިކުރުމުގެ ނިޔަތްނެތި ޒުވާނަކުދެކެ ލޯބިވާކަމަށް ބުނަމުންއައި އަންހެނަކަށް ކަންކަން މެދުވެރިވި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ޢިބްރަތްތެރި ޥާހަކަ: ކައިވެނިކުރުމުގެ ނިޔަތްނެތި ޒުވާނަކުދެކެ ލޯބިވާކަމަށް ބުނަމުންއައި އަންހެނަކަށް ކަންކަން މެދުވެރިވި ގޮތް-

ކައިވެނިކުރުމުގެ ނިޔަތްނެތި ލޯބިވާކަމަށްބުނެ ބުނެ އޮޅުވާލައިގެން އުޅުމުން ކުރަންޖެހޭ ހިތި ތަޖުރިބާގެ ވޭން މުޅިޢުމުރަށް އުފުލަންޖެހޭ މީހުން މަދުކަމަކަށް ނުބުނެވޭނެއެވެ. އެހެންކަމުން މިގެނެސްދެނީ އަންހެނުންވެސް އަދި ފިރިހެނުންވެސް ޢިބްރަތް ޙާޞިލުކުރުމުން ފައިދާކުރާނެ ހާދިސާއެއްގެ ވާހަކައެވެ.  

އަޅުގަނޑު މިވާހަކަ މިކިޔައިދެނީ އަޅުގަނޑަށް ކުރެވުނު މޮޅުކަމެއްގެ ވާހަކަ ކިޔައިދޭކަށް ނޫނެވެ. އަޅުގަނޑަށް ކުރެވުނު ވަރަށް ބޮޑު ކުށެއްގެ ވާހަކަ ކިޔައިދިނުމުގެ ބޭނުމުގައެވެ.  

އަޅުގަނޑަކީ ކައިވެނިކޮށްގެން ހަމަ އުފަލުގައި ދިރިއުޅެމުން އައި އަންހެނަކީމެވެ. ދެ ދަރިންގެ މަންމައަކީވެސްމެއެވެ. އެހެންކަމާއިއެކުގައިވެސް އޮފީސް މާޙައުލުން ޒުވާން ކުއްޖަކާއި ވަރަށް ގާތް ގުޅުމެއް އުފެއްދުނެވެ. އަދި އެގުޅުން ލޯތްބަށްވެސް ބަދަލުވިއެވެ. އެ ޒުވާނާ ހުރީ 2 ދަރިންނާއި އެކުގައިވެސް އަޅުގަނޑާއި ކައިވެނިކުރުމަށެވެ.  

އަޅުގަނޑު ޒުވާނާއަށް ވައުދުވަމުން ދިއައީ ފިރިމީހާގެ ގާތުން ވަރިވާނެ ކަމަށާއި އޭނާ އާއި ކައިވެނިކުރާނެ ކަމަށެވެ. ޙަޤީޤަތުގައި އެއީ އަޅުގަނޑުގެ ނިޔަތެއް ނޫނެވެ. ފިރިމީހާ ގާތުން ވަރިވުމަކީ އެއްގޮތަކަށްވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އަޅުގަނޑުގެ ބޭނުމަކަށްވެފައި އޮތީ އެޒުވާނާއަކީ އޮފީހުގައި ހުރި އެންމެ ރީތި ޒުވާނާކަމުން އެހެން އަންހެން ކުއްޖަކަށް އޭނާ ލިބުނަ ނުދިނުމެވެ.  

މިގޮތަށް މިގުޅުން ހިނަގަމުން ގެންދާތާ 3 އަހަރުވީފަހުން ކަންތައް މެދުވެރިވީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އެއް ރޭ އޮފީސް ނިމިގެން ގެއަށްދާން ނުކުމެ ފިރިމީހާގެ ސައިކަލަށް އަރަން އުޅެނިކޮށް އެ ޒުވާނާ އައިސް ކައިރީގައި ހުއްޓުނެވެ. އަދި ލޮލުން ކަރުނަބާލަމުން ޒުވާނާ ސުވާލުކުރިއެވެ. "އަހަރެންގެ ސައިކަލުގައި އަހަރެންނާއިއެކު ގެއަށްދާން ފަށާނީ ކޮން ދުވަހަކުން ހެއްޔެވެ؟" އެ ސުވާލުކޮށްފައި ޒުވާނާ ދިއައީއެވެ.  

އެރޭ އަހަރެންނަށް މަޖުބޫރުވީ ފިރިމީހާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭށެވެ. އަހަރެމެންގެ ގުޅުމުގެ ހުރިހާ ވާހަކަތަކެއް ތެދަށް ކިޔައިދީ މާފަށް އެދުނީމެވެ. އަދި ދެމީހުންގެ މެދުގައި ގައިގައި ބީހުމުގެ އެއްވެސް ގުޅުމެއް ހިނގާފައި ނުވާނެ ކަމުގެ ޔަޤީންކަންވެސް ދިނީމެވެ.  

ފިރިމީހާ އަހަރެންގެ ވާހަކަތައް ޤަބޫލުކުރިއެވެ. މާފުވެސް ކުރިއެވެ. ނަމަވެސް އޮފީހުގެ ވަޒީފާއިން ވަކިވާން މަޖުބޫރުކުރިއެވެ. އެކަން އަހަރެން ޤަބޫލުވެސް ކުރީމެވެ.  

އެކަމާއި ގުޅިގެން އެޒުވާނާ ވަރަށް ބޮޑު ހިތްދަތިކަމެއްގައި އެތައް މަސްތަކެއްގައި ހޭދަކުރިކަން އެނގުނެވެ. އެއިގެފަހުން ކައިވެނިކޮށް އުފާވެރި ދިރިއުޅުމެއް އުޅެން ފެށިކަން ވެސް އެނގުނެވެ. އަޅުގަނޑު ތައުބާވީމެވެ. އެޒުވާނާގެ ކިބައިން މާފަށްވެސް އެދުނީމެވެ. ވަރަށް ގިނަ ފަހަރު ގުޅައި އާދޭސްކުރުމުންވެސް އޭނާ މާފުކުރީ އޭނާއަށް ކައިވެނި ކުރެވި އަހަރެންގެ މަތިން ހަނދާން ނައްތައިލެވުނު ފަހުންނެވެ.  

ފަށަމުންވެސް މިކިޔައިދެނީ އަޅުގަނޑަށް ކުރެވުނު ވަރަށް ބޮޑު ކުށެއްގެ ވާހަކަކަމަށް ބުނީ ކުށް ޤަބޫލުކުރާތީއެވެ. އަޅުގަނޑު މިވާހަކަކޮޅު ހިއްޞާކޮށްލަން ބޭނުންވީ އަޅުގަނޑަށް ކުރެވުނު ފަދަ ކުށެއް އެހެން ބޭކަނބަލަކު ކުރަން އަޅުގަނޑު ނޭދޭތީއެވެ. ފިރިހެނުން އަންހެނުންނަށް ލަނޑުދޭ ކަމުގެ ވާހަކަތައް ދައްކާއިރު އަހަރެމެންނަށްވެސް ލަނޑުދެވޭކަން ހާމަކުރުމަށެވެ. ހަމަ އެއާއިއެކު އަޅުގަނޑުގެ ފިރިމީހާފަދަ ރަނގަޅު ފިރިންނަށް ޚިޔާނާތްތެރިވެވޭކަން އެއީ ކުރެވޭ ވަރަށް ބޮޑު ކުށެއްކަންވެސް ހާމަކުރުމަށެވެ.

 

- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން