ކޮއްކޮގެ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކައިގެން ހެދި ޓެސްޓްތަކަކުން ބައްޔެއް ނުފެނުނެވެ. އެހެންވެ ރޫޙާނީ ފަރުވާކުރާމީހަކު ގެނައުމުން ފުރަތަމަރޭވެސް ޤުރްއާން ލިޔެފައި ކާންދިނީ އަނބުފަޅިއެކެވެ. އެކަމަކު އެއީ ކުރަން ހުއްދަނޫން ކަމެއްކަން އެނގޭތީ އެކަން ފާހަގަކުރީމާ ބުނީ މިއުޅެނީ ސިޙުރުހަދަން ނޫންކަމަށާއި ކަމެއް ރަނގަޅުކުރަން ކަމަށެވެ. އިތުރަކަށް ނުބުންޏެވެ. އަޅުގަނޑުގެ ސުވާލަކީ ކަމެއް ރަނގަޅުކުރަން ކަމަށްވިޔަސް އެކުރީ ކުރަން ހުއްދަ ކަމެއްތޯއެވެ؟
ޖަވާބަކީ ޖެހިފައިވާ ކަމަކުން ސަލާމަތްވުމަށްއެދިގެންވެސް ކުރަންވާނީ ހުއްދަ ކަންކަމެވެ. ހުއްދަ ނޫން ކަމެއް ކުރުމެއް ނެތެވެ. އެކަން ތިރީގައިވާ ލިޔުމުން ޔަޤީންވެލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ސިހުރު ބާޠީލްކުރުމުގެ ނަމުގައި ކުރެވޭ ބައެއް ކަންކަމަކީ އިސްލާމް ދީން ހުއްދަކުރާ ކަންކަންތޯ ވެސް ބަލާނުލައި މީހަކު ނުވަތަ ބައަކު ބުނާހައި ކަންކަން ކުރަމުން އެބަގެންދެއެވެ. އެފަދަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ރުޤްޔާ ކޮށްދޭ މީހާ އެހެންނަނީ ﷲ ތަޢާލާއަށްވުރެވެސް މަތީގައިކަމަށެވެ. އެކަން އެނގެނީ ރުޤްޔާ ކުރާމީހާ ބުނެފިނަމަ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަންވެސް ކުރެވޭތަން ފެންނާތީއެވެ.
"ސިހުރު ބާޠިލުކުރުމުގެ ނަމުގައި ބިސް (ދޮންކެޔޮ، ފޮނިކާތަކެތި) ފަދަ ތަކެތީގައި ކީރިތި ޤުރުއާން ލިޔެ، ކައި ހެދުމެއް ނެތެވެ. ނަމަވެސް ކީރިތި ޤުރްއާން ކިޔަވައި އެފެނަށް ފުމެގެން ބުއިމަކީ ކުރަން އޮތް ކަމެކެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ސިހުރު ބާޠިލުކުރުމަށް ފެނަށް ކިޔަވައިގެން ބުއިމަކީ ކޮން ކަހަލަ ކަމެއްތޯ؟" އާއި އަދި "ބިސް ފަދަ ތަކެތީގައި ކީރިތި ޤުރްއާނުގެ ތަންތަންކޮޅު ލިޔެގެން ކެއުން ހުއްދަވާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައެވެ.
ފެނަށް ކިޔެވުމަކީ ފުޅިއެއް ފަދަ ކަންވާރަކަށް ފެންއެޅުމަށްފަހު ފެނުގައި އިނގިލީގެ ކުރި ޖައްސައިގެން އިނދެ ޞިހުރު ބާޠިލުކުރާ އާޔަތްތައް ކިޔެވުމެވެ. މިއީ އަމިއްލައަށް ވެސް ކުރެވޭނެ ކަމެކެވެ. އަމިއްލައަށް ކުރެވޭނަމަ ރަނގަޅީވެސް އަމިއްލައަށް ކުރުންކަމަށް ޢިލްމުވެރިން ބަޔާން ކުރައްވައެވެ.