ގޭގަ އިންނަ އަނބިމީހާވެސް ތަޢްރީފް ލިބެން ބޭނުންވާނެ! އެކަން ތިބާނުކުރާނަމަ ކުރާނީ ކާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ގޭގަ އިންނަ އަނބިމީހާވެސް ތަޢްރީފް ލިބެން ބޭނުންވާނެ! އެކަން ތިބާނުކުރާނަމަ ކުރާނީ ކާކު؟

އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށް ތަޢްރީފްކުރެއެވެ. އެހެންވެ އަޅުގަނޑު މިހުންނަނީ ވަރަށް އުފަލުންނެވެ. އެކަމަކު ދައްތަގެ ފިރިމީހާ ދުވަހަކުވެސް ދައްތައަކަށް ތަޢްރީފެއް ނުކުރެއެވެ. އެހެންވެ ދައްތަ އަބަދުހުންނަނީ ވަރަށް ދެރަވެފައެވެ. ދައްތަގެ ފިރިމީހާއަށް ވިސްނައިދެވޭނީ ކިހިނަކުންތޯ؟ މިހެންމިއެހީ ދައްތަ ދެރަވެފައި ހުންނަވަރުން! 

ކިޔުންތެރިޔާއެވެ! ތިރީގައިވާ ލިޔުން ނިކަން ޅިޔަނަށް ޙިއްޞާކޮށްލައިބަލާށެވެ! ހެޔޮ ބަދަލެއް އައުން ގާތެވެ! އިން ޝާ ﷲ  

ދެމަފިރިންގެ ގުޅުން އެންމެ ރަނގަޅު ގޮތުގައި ބާއްވަން ބޭނުންނަމަ އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ އެކަކު އަނެކަކަށް ތަޢްރީފްކުރުމެވެ. ޚާއްޞަކޮށް ގިނަ އަންހެނުން އެކަމަށް ވަރަށް ބޮޑަށް ބޭނުންވާނެއެވެ.  

ކޮންމެ މީހަކީވެސް އެމީހަކު ކުރާ މަސައްކަތަށް އެހެންމީހުންގެ ތަޢްރީފް ބޭނުންވާނެ މީހެކެވެ. ވަޒީފާއަދާކުރަން އޮފީހަކަށްދާނަމަ އޭނާ ކުރާމަސައްކަތަށް އެތަނަކުން ނުވަތަ އެކުގައި މަސައްކަތްކުރާ ބައެއްގެ ތަޢްރީފް ލިބެން ބޭނުންވާނެއެވެ. ގޭގައި ކުރާ މަސައްކަތަށް ގޭތެރެއިން ތަޢްރީފް ލިބެން ބޭނުންވާނެއެވެ.  

ވަޒީފާއަދާނުކުރާ އަނބިން ތިބޭނީ ގޭގައެވެ. އެމީހުން ކުރާ މަސައްކަތަށް ފިރިމީހާ ތަޢްރީފްނުކުރާނަމަ އޭނާކުރާ މަސައްކަތަށް ތަޢްރީފްގެ ބަހެއް ބުނާނީ ކާކުހެއްޔެވެ؟  

އެކަކު އަނެކަކަށް ތަޢްރީފް ކުރުމަކީ ބުރަކަމެއް ނޫނެވެ. އެކަންކުރަން އެއްވެސް ބުރައެއް އުފުލާކަށް ނުޖެހެއެވެ. އަދި އަތުން ޚަރަދެއްވެސް ކުރާކަށް ނުޖެހެއެވެ. ވީއިރު ގިނަގިނައިން ތަޢްރީފްނުކުރަންވީ ކީއްވެގެން ހެއްޔެވެ؟  

އެއްދުވަހަކު މީހަކު ސުވާލުކުރިއެވެ. އަނބިމީހާ ލޮނުގަދަކޮށް ކެއްކީމަވެސް ތަޢްރީފްކުރަންޖެހޭނެ ހެއްޔެވެ؟ އެކަމަށް ތައްރީފްކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ޖަވާބުގައި އަހުރެން ބުނީމެވެ. ޤަޞްދުގައި ލޮނުގަދަކޮށެއް ނުކައްކާނެއެވެ. ލޮނުގަދަކޮށް ކެއްކިފައި ހުރެއްޖެނަމަ އަހުރެން ބުނާގޮތް ބުނެދިނީމެވެ. "މިރިހަ ހާދަ މީރެވެ. ތަންކޮޅެއް ލޮނުމަޑުވިނަމަ ވަކިންބޮޑަށް މީރުވީހެވެ."  

އަދިވެސް ބުނީމެވެ. "ލޮނުގަދަވެއްޖެނަމަ އަނބިމީހާއަށް ފެންނަގޮތަށް ފެންފޮދެއް އަޅާލަނީއެވެ. ނޫންނަމަ ކޮންމެވެސް ބާވަތެއްގެ ސޯހެއް އަޅައި ލޮނުރަހަ މަޑުކޮށްލަނީއެވެ. ޝަކުވާ ނުކޮށް އެގޮތަށް އެކަންތައް ކުރާތަން ފެނުމުންވެސް އަނބިމީހާ ހުންނަނީ އުފަލުންނެވެ."  

ދެމީހުންނަށްވެސް ބުނެލަން އޮތީ އެކަކު އަނެކަކަށް ތަޢްރީފްކުރުމަކީ ލޯބިއިތުރުވާނެ ކަމެކެވެ. ގުޅުންބަދަހިވާ ކަމެކެވެ. އިތުބާރުބޮޑުވާ ކަމެކެވެ. ހަމައެފަދައިން ޝަކުވާކުރުމުން ކަންކަން ކުރިމަތިވާނީ ދިމާއިދިކޮޅަށެވެ. އުފެދޭނީ ނަފްރަތެވެ.  

މިފަދަ ވާހަކަތައް މިހައި ގިނައިން ދައްކަން މިޖެހެނީ ކައިވެނި ރޫޅުން ގިނަވެ މުޖުތަމަޢުގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކަށް އެކަންވެފައިވާތީއެވެ. އެކަމަށް ޙައްލެއް2 ހޯދިގެން ނޫނީ ކުރިމަތިވަމުން މިއަންނަ މައްސަލަތަކަށް ޙައްލެއް ނުފެންނާނެތީއެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން