އިސްރަށްވެހިންނަށް އަމާޒުކޮށްގެން މި ވުޒާރާއިން ކުރިއަށްގެންދާ "އުފާވެރި ރާސްތާ" ޕްރޮގްރާމު ރާއްޖޭގެ 11 އަތޮޅެއްގައި ކުރިއަށްގެންގޮސްފައިވާކަމަށާއި، އަދި މި ޕްރޮގްރާމްތަކުގައި 1000 އަށްވުރެ ގިނަ އިސްރަށްވެހިން ބައިވެރިވެފައިވާ ކަމުގައި އިޖުތިމާޢި އަދި ޢާއިލީ ތަރައްޤިއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، ރައީސް އޮފީހުގައި ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މި ޕްރޮގްރާމަކީ އިސްރަށްވެހިންނަށް ވަރަށް ކަމުދާ އަދި ހިތްހަމަޖެހޭ މަޢުލޫމާތު ތަކެއް ލިބިގެންދާ ޕްރޮގްރާމެއްގެ ގޮތުގައި އެފަރާތްތަކުން ފާހަގަކުރައްވާފައިވާ ކަމުގައި ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އުފާވެރި ރާސްތާ ޕްރޮގްރާމަކީ އިޖުތިމާޢީ އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. އަދި އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ވެސް މި ޕްރޮގްރާމުގެ ތެރެއިން އިސްރަށްވެހިންނަށް ފަހިވެގެންދެއެވެ.
ހަމައެހެންމެ، އުމުރުން ދުވަސްވާއިރު ޞިއްޙީގޮތުން ދުޅަހެޔޮކޮށް ހުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައި ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމަށް ފުރުޞަތު ލިބިގެންދާ އުފާވެރި ޕްރޮގްރާމެކެވެ.
ހަބަރު: ސަރުކާރު