އަނެކާގެ ފަރާތުން ބަދަލު ލިބުން ޙައްޤުނަމަވެސް ﷲ އަށްޓަކާ ބަދަލުނުހިފާ ދޫކޮށްލައިފިނަމަ ﷲ ދެއްވަވާ ބަދަލު މާފުރިހަމަވެފަ ފައިދާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އަނެކާގެ ފަރާތުން ބަދަލު ލިބުން ޙައްޤުނަމަވެސް ﷲ އަށްޓަކާ ބަދަލުނުހިފާ ދޫކޮށްލައިފިނަމަ ﷲ ދެއްވަވާ ބަދަލު މާފުރިހަމަވެފަ ފައިދާ މާބޮޑުވާނެ!

"އަހުރެންގެ ދިރިއުޅުން ހަލާކުކޮށްލީ އޭނާއެވެ. އެކަމަކުވެސް އަޅައިވެސް ނުލާ ހުންނަންވީހެއްޔެވެ؟" "މީހަކު ތިމާއަށް ގެއްލުމެއް ދީފިނަމަ އެކަމަށް ބަދަލުހިފުން ހުއްދަ ހެއްޔެވެ؟" މިހުންނަނީ އެންމެ ގިނައިން ކުރެވޭ ސުވާލުތަކުގެ ތެރެއިން ބައެއް ސުވާލެވެ.  

ޖަވާބަކީ ބަދަލުހިފުން ހުއްދައެވެ. އަދި ޤިޞާޞް ހިފުންވެސް ހުއްދައެވެ. ނަމަވެސް އެކަންކުރަންޖެހޭނީ އޭނާކުރި މިންވަރަކަށެވެ. އިތުރެއ ނުކުރެވޭނެއެވެ. 

ވިސްނާލަން ޖެހޭ ކަމަކީ ބަދަލު ނުހިފައިފިނަމަ ﷲ ތަޢާލާ ދެއްވަވާނެ ޘަވާބަށެވެ. ލައްވަވާނެ ރަޙްމަތަކަށެވެ. އެހުރީ އަހުރެމެން އިންސާނުންގެ ޚިޔާލަށްވެސް ގެނެވެން ހުރި ކަންކަމެއް ނޫނެވެ. އެކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

މީހަކު ނުބައި ބަސްބުނުމުން ރައްދުގައި ބަހެއް ނުބުނެ ހުރުމާއި ނުބައިކަމެއް ކުރުމުން ރައްދުގައި އެއްވެސް ކަމެއް ނުކޮށް ހުރުން ފަދަ ކަންކަމަކީ މީހަކަށް ކުރަން ފަސޭހަވާނެ ކަންކަމެއް ނޫނެވެ. ޚާއްޞަކޮށް ތިމާއަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ދީފިނަމަ ބަދަލުހިފުމަށް ޝައުޤުވެރިކަން އިތުރުވާނެއެވެ.  

އެހެންކަމާއިއެކުވެސް ބުނަން އޮތީ އެއްވެސް މީހަކު ކުރާ ކަމަކަށް ބަދަލުނުހިފާށެވެ. އެއީ ބައިވެރިޔާ ބޭވަފާތެރިވުންކަމަށްވީނަމަވެސްމެއެވެ. އެޙާލަތުގައިވެސް ބައިވެރިޔާ އިޞްލާޙްވާންހުރިނަމަ މާފްކުރާށެވެ! މާފްކުރެވެން ނެތްނަމަ އަނިޔާވެރިނުވެ ރިވެތި ގޮތުގައި ދެމީހުން ވަކިވާށެވެ. އެކަމުގެ ބަދަލުހިފައި އަނިޔާވެރިނުވާށެވެ.  

އަހުރެމެން މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ﷲ ތަޢާލާގެ ރުހޮިވޮޑިގަތުން ލިބެން އޮތީ ތިމާގެ ނަފްސް އެކަމެއް ކުރަން އެދޭ ވަރަށް ގިނަ ކަންތައްތަކެއް ނުކޮށް ދޫކޮށްލައިގެންނެވެ. ތިމާގެ ނަފްސް އެދޭ ގޮތް ދޫކޮށްލައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކޮށްފިނަމަ އެމީހަކަށް މިދުނިޔެއާއި އާޚިރަތުގައިވެސް މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އެކަމުން ކުރާ ފައިދާ މާބޮޑުވާނެއެވެ! އިން ޝާ ﷲ

 

- މަޢްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން