ޤިޔާމަތްދުވަހު ހިތާމަކުރަން ނުޖެހޭނެ މީހަކަށްވާން ބޭނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ޤިޔާމަތްދުވަހު ހިތާމަކުރަން ނުޖެހޭނެ މީހަކަށްވާން ބޭނުންތަ؟

ކާފިރެއް ނަމަވެސް މުސްލިމެއް ނަމަވެސް އެއްވެސް މީހަކު އިސްތިސްނާ ނުކުރައްވަވައި ކޮންމެ މީހަކަށްޓަކައި ވެސް ސުވަރުގޭގައި މަޤާމެއް ލެއްވެވިއެވެ. އެހެންކަމުން ދުނިޔެއަށް އުފަންވި ކޮންމެ މީހަކަށްވެސް އެ މަޤާމް ދައްކަވާނެތެވެ. އެހެންކަމުން ނަރަކައަށް ވަންނަން ޖެހޭ މީހުންނަށް ވެސް ސުވަރުގެއިން އެމީހާއަށް ލިބެން ހުރި މަޤާމް ދައްކަވާނެތެވެ.   

އެ މަޤާމް ފެނުމާއިއެކު ވެސް ނަރަކައިގެ ގަދަފަދަ ޢަޛާބަށް ވެއްޓެން ޖެހުމުން ސުވަރުގޭގެ މަޤާމް ނުލިބުނީތީ ކުރާނެ އަސަރު ނިކަން ހިތަށް ގެނެސް ބަލާށެވެ. ދުނިޔޭގައި އުޅެވުނު ގޮތާއިމެދު ހިތާމަކުރަންޖެހޭނެ މިންވަރު ނިކަން ހިތަށް އަރުވައިބަލާށެވެ!  

ހަމަ އެއާއިއެކު ކޮންމެ މީހަކަށް ނަރަކައިގައިވެސް މަޤާމެއް ވެއެވެ. ނަރަކައިގެ އެ ބިރުވެރިކަން ލޮލަށް ފެނި، އިޙްޞާޞް ކުރެވި، ނަރަކައަށް ވަންނަން ނުޖެހި ސުވަރުގެ ވެއްދެވުމުން، ސުވަރުގެ ލިބުނު މީހުން އުފާކުރާނެ މިންވަރުވެސް ނިކަން ހިތަށް ގެނެސް ބަލާށެވެ! މިކަންކަމަށް ވިސްނަންވީ ދުނިޔޭގައި ހުރެއެވެ. ތިމާ ވަންނާނީ ކޮންތަނަކަށްކަން ކަނޑައަޅައި އެތަނަކަށް ވަނުމުގެ އިޚްތިޔާރު ﷲ ތަޢާލާ މިވަނީ ދެއްވަވައިފައެވެ. އެކަމަށް އެދި މަސައްކަތް ކުރުމުގެ ފުރުޞަތުވެސް މިވަނީ ދެއްވަވައިފައެވެ.  

ސުވަރުގެ ވަންނަން ކުރަން ޖެހޭ ކަންކަމާއި ނަރަކައަށް ނުވަނުމަށްޓަކައި ނުކުރަންވީ ކަންކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ވަރަށް ތަފްޞީލުކޮށް ބަޔާންކޮށް ދެއްވަވައިފައެވެ. ވީމާ ކޮންމެ މީހަކުވެސް ނަރަކައަށް ވަންނަނީ ހަމަ އެމީހަކު އަމިއްލައަށެވެ.  

ޤިޔާމަތް ދުވަހަށް ކިޔައި އުޅޭ އިތުރު ނަމެއް އެބަ އޮތެވެ. އެއީ ހިތާމަކުރުމުގެ ދުވަހެވެ. އެދުވަހަކީ ހިތާމަ ކުރުމުގެ ދުވަސްކަމަށް ވެގެންދަނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެދުވަހަކީ ހިތާމަ ކުރުމުގެ ދުވަސްކަމަށް ވެގެންދަނީ އެހެން މީހަކު ކުރި ކަމެއްގެ ސަބަބަކުން ނޫނެވެ. އެމީހަކު އަމިއްލައަށް ކުރި ކަންކަމުގެ ސަބަބުންނެވެ. އެމީހާގެ އަމިއްލަ އިޚްތިޔާރުގައި މިދުނިޔޭގައި އުޅުނު ގޮތުގެ ސަބަބުންނެވެ.  

އެދުވަހަކީ ހިތާމަކުރުމުގެ ދުވަސްކަމަށް ބުނަންޖެހެނީ މީސްތަކުންގެ ތެރެއިން ގިނަބައަކަށް ވަންނަން ޖެހޭނީ ނަރަކައަށް ކަމަށްވާތީއެވެ. ކޮންމެ އެއްހާހަކުން 999 މީހުންނަށް ނަރަކައަށް ވަންނަން ޖެހޭނެތީއެވެ. އެ 999 މީހުންގެ ތެރޭގައި ނުހިމެނި ސަލާމަތްވުމުގެ ފުރުޞަތު ހަމަ ކޮންމެ މީހަކަށްވެސް އެބައޮތެވެ. އެފުރުޞަތުގެ ބޭނުން ދުނިޔޭގައިހުރެ ހިފައިފިނަމަ ހިތާމަކުރާކަށް އެމީހަކަށް ނުޖެހޭނެއެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

މިއަދު އޮންލައިން