ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދެ ދިވެއްސަކު ނިޔާވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދެ ދިވެއްސަކު ނިޔާވެއްޖެ

ރާއްޖެއިން ޢުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް ދިޔަ ދެ ދިވެއްސަކު ނިޔާވެއްޖެއެވެ. މިކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ ޑިސެންބަރު އަދި ޖަނަވަރީ މަހުގެ ޢުމްރާ ދަތުރުތަކުގައި ގޮސް އުޅެނިކޮށް ނިޔާވެފައިވަނީ ސަފާ ގްރޫޕް އަދި ހިޖާޒް ގްރޫޕްގެ ޙަވާލުގައި ދިޔަ ދެ ޢުމްރާވެރިން ކަމަށެވެ. ނިޔާވި މި ދެމީހުންނަކީވެސް ދިވެހި ދެ ފިރިހެނުން ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މި ދެ ޢުމްރާވެރިންގެ ޖަނާޒާގެ ކަންތައްތައް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ނަމަވެސް، ނިޔާވި މީހުންގެ ވަނަވަރާއި ނިޔާވާން ދިމާވި ސަބަބުގެ އިތުރު ތަފްސީލެއް އެ ވުޒާރާއިން ހާމަކުރައްވާފައެއް ނުވެއެވެ.

މި ދެމީހުންގެ އިތުރުން، މިދިޔަ މަހުގެ ތެރޭގައިވެސް ޢުމްރާގެ އަޅުކަމުގައި އުޅުނު ދިވެއްސަކު ވަނީ ނިޔާވެފައެވެ. "އަލްމަނާސިކް" ޖަމާޢަތުގެ ޙަވާލުގައި ޢުމްރާއަށް ދިޔަ ޢުމުރުން 60 އަހަރުގެ އެ ފިރިހެން މީހާ ނިޔާވިކަން އެ ގްރޫޕުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން މި ދުވަސްވަރު ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރުކުރަމުންދާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން