ސިވިލް ސަރވިސްގެ މުވައްޒަފުން ޚާއްޞަ ޞިއްޙީ ބޭނުންތަކަށް ޗުއްޓީ ނެގުމުގައި އަމަލުކުރާނެ އައު އުޞޫލެއް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ކަނޑައަޅައިފިއެވެ. މި ބަދަލާއެކު ޗުއްޓީއަށް އެދި ހުށަހެޅުމުގެ މަރުޙަލާތައް ކުރިއަށްވުރެ އަވަސްވެގެންދާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މީގެކުރިން ޞިއްޙީ ބޭނުމަށް ޗުއްޓީއަށް އެދެން ޖެހެނީ އެ މުވައްޒަފަކު މަސައްކަތްކުރާ އޮފީސް މެދުވެރިކޮށެވެ. ނަމަވެސް އެގޮތަށް އޮތުމުގެ ސަބަބުން ފޯމު ހުށަހަޅާތާ ގިނަ ދުވަސްތަކެއް ވާއިރުވެސް ގޮތެއް ހަމަނުޖެހި ދިގުލައިގެންދާ މައްސަލައާއި، ކުއްލި ޙާލަތްތަކުގައި ޗުއްޓީ ހަމަޖެއްސުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުންގެ މެދުގައި އޮތެވެ.
ސީއެސްސީން އަލަށް ކަނޑައެޅި އުޞޫލުގެ ދަށުން، ޗުއްޓީއަށް އެދޭ މުވައްޒަފު މަސައްކަތްކުރާ އޮފީހަށް ކޮޕީކޮށް، ސީދާ ސީއެސްސީއަށް ފޯމު ހުށަހެޅޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައެވެ. "މިގޮތަށް ބަދަލުކުރުމުން މަރުޙަލާތައް އަވަސްވެ، މުވައްޒަފުންނަށް ލުއިފަސޭހަވެގެންދާނެ،" ސީއެސްސީން ހާމަކޮށްފައިވެއެވެ.
އާ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޚާއްޞަ ޞިއްޙީ ބޭނުންތަކަށް ޗުއްޓީ ނެގުމަށް އެދި ޗުއްޓީ ފަށަން ބޭނުންވާ ތާރީޚުގެ މަދުވެގެން 15 ދުވަސް ކުރިން ހުށަހަޅަންޖެހޭނެއެވެ. އަދި ޗުއްޓީއަށް އެދި ހުށަހަޅާއިރު އެކަމާ ގުޅުންހުރި އެންމެހައި ލިޔުންތައް ފޮނުވުމަށްވެސް ކޮމިޝަނުން ވަނީ އިރުޝާދު ދީފައެވެ.
ދިވެހި ސިވިލް ސަރވިސްގައި މިހާރު ގާތްގަނޑަކަށް 26،000 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، މިއީ އެ މުވައްޒަފުންނަށް ޞިއްޙީ ޙާލަތްތަކުގައި ލިބިގެންދާނެ ބޮޑު ލުޔެއްގެ ގޮތުގައި ބެލެވެއެވެ.