ކުރިއަށް އޮތް އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން (އީސީ) އާންމުކޮށްފިއެވެ. އެ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އިންތިޚާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. މި ލިސްޓު މިހާރު ވަނީ އެ ކޮމިޝަނުގެ ވެބްސައިޓުގައާއި، ސަރުކާރުގެ ގެޒެޓުގައި އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާތަކުގައި އާންމުކޮށް ފެންނަން ހުންނާނެ ގޮތަށް ބަހައްޓާފައެވެ.
ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަނާއި ފޮށީގެ މައުލޫމާތު ބަލަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް އެ މައުލޫމާތު ހޯދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން VR (space) IDNO ޖެއްސެވުމަށްފަހު 1414 އަށް މެސެޖު ކުރުމުން އެ މައުލޫމާތު ލިބޭނެ ކަމަށް އީސީން ބުނެއެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވާ އާދީއްތަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހަޅަންވާނީ އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށާއި، ލިސްޓަށް މީހަކު އިތުރުކުރުން ނުވަތަ އުނިކުރުން ފަދަ ބަދަލެއް ގެންނަން ހުށަހަޅާނަމަ، އެކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަންޖެހޭނީ އެ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ 'ސިމެދަ' ޕޯޓަލް މެދުވެރިކޮށެވެ.
މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި 133 ރަށަކުން ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން 3 ކައުންސިލަރުން އިންތިޚާބު ކުރާއިރު، 46 ރަށަކުން ކައުންސިލް ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭހެން 5 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ.